އެމެޒޯންގެ އަލިފާންގަނޑު ނިއްވާލުމަށް ބްރެޒިލްގެ ސިފައިން ފޮނުވަނީ

ދުނިޔޭގެ ޖައްވުގައި ހުންނަ އޮކްސިޖަންގެ 20 ޕަސެންޓް އުފައްދަނީ އެމެޒޯން ޖަންގަލިން -- ފޮޓޯ: ރޮއިޓާސް

ސައޮ ޕައޮލޯ (އޮގަސްޓް 24): ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި ކަމަށްވާ އެމެޒޯންގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވާލުމަށް ބްރެޒިލްގެ ސަރުކާރުން ސިފައިން ފޮނުވަން ފަށައިފިއެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ވިދާޅުވި ގޮތުގައި އެމެޒޯން ރައްކާތެރި ކުރުމަށްޓަކައި ސިފައިން ފޮނުވާނީ އެ ޖަންގަލީގެ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށާއި އިންސާނުން ދިރިއުޅޭ ސަރަހައްދުތަކަށާއި ގައުމުގެ ބޯޑަރު ކައިރިއަށެވެ.

އަދި ސިފައިން މަސައްކަތް ކުރާނީ ތިމާވެއްޓާ ގުޅުން ހުރި ކުށް ކުރުން ހުއްޓުވައި، އަލިފާން ރޯވުން ހުއްޓުވުމަށް ކަމަށް ބޮލްސޮނާރޯ ވިދާޅުވިއެވެ. އެ ފިޔަވަޅުތައް އަޅަން ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 24އާ ހަމައަށެވެ.

ބްރެޒިލްގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ސްޕޭސް ރިސާޗް (އައިއެންޕީއީ)އިން ބުނި ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހާއި އޮގަސްޓް މަހާ ދޭތެރޭ އެގައުމުގެ ޖަންގަލިތަކުގައި ވަނީ 73،000 އަށް ވުރެ ގިނަ އަލިފާނުގެ ހާދިސާ ހިނގާފައެވެ. އަދި އޭގެ ތެރެއިން ގިނަ ހާދިސާތައް ހިނގީ އެމެޒޯންގައި ކަމަށާއި އެއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާ ބަލާއިރު 80 ޕަސެންޓު އިތުރު މިންވަރެއް ކަމަށް އައިއެންޕީއީން ބުންޏެވެ.

ބްރެޒިލްގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ވަނީ މިއަހަރު އެގައުމުގެ ވެރިކަމަށް ރައީސް ބޮލްސޮނާރޯ ވަޑައިގެންނެވި ފަހުން އޭނާ ވަނީ ޖަންގަލިތަކުގެ ގަސްތައް ކަނޑާ، އެބިންތައް ވިޔަފާރިއަށް ބޭނުން ކުރުމަށް ހިތްވަރު ދެއްވާފައި ކަމަށް ބުނެފަ އެވެ. އެހެންކަމުން ޖަންގަލީގެ ބައެއް ސަރަހައްދުތަކުގައި ދަނޑުވެރިން ރޯކުރަމުން ދަނީ ގަސްތުގައި ކަމަށް ބުނެފަ އެވެ.

ނަމަވެސް ބޮލްސޮނާރޯ ވަނީ ޖަންގަލިތަކުގައި ރޯކުރަނީ އެގައުމުގެ ސަރުކާރު ލަދުގަންނަވާލަން ބޭނުންވާ، ތިމާވެއްޓާ ގުޅުން ހުރި ޖަމިއްޔާތަކުން ކަމަށް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް އެތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް އޭނާ ހާމަ ނުކުރައްވަ އެވެ.

އަދި އެމެޒޯންގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވާލުމަށް ބޭނުންވާ ވަސީލަތްތައް ނެތް ކަމަށް މީގެ ކުރިން ބޮލްސޮނާރޯ ވިދާޅުވުމަށް ފަހު މިހާރު އާ ފިޔަވަޅުތައް އަޅަން ނިންމެވީ ޔޫރަޕްގެ ލީޑަރުންގެ ޕްރެޝަރުގެ ސަބަބުން ކަމަށް ބެލެވެ އެވެ.

އެގޮތުން އެމެޒޯންގެ އަލިފާންގަނޑުތައް ނިއްވާލުމަށް ބްރެޒިލްއިން އިތުރަށް މަސައްކަތް ނުކުރާނަމަ ފްރާންސާއި އަޔަލޭންޑުން ވަނީ އީޔޫއިން މިދިޔަ ޖޫން މަހު ދެކުނު އެމެރިކާގެ ގައުމުތަކާއެކު ހެދި ވިޔަފާރީގެ އެއްބަސްވުމެއް ތަސްދީގު ނުކުރާނެކަމުގެ އިންޒާރު ދީފައެވެ.

އެމެޒޯން ޖަންގައްޔަކީ ދުނިޔޭގެ ޖައްވުގައި ހުންނަ އޮކްސިޖެންގެ ތެރެއިން 20 ޕަސެންޓް އޮކްސިޖެން އުފައްދާ އަދި ދުނިޔެ ހޫނުވުން ކުޑަ ކުރުމުގައި ބޮޑު ދައުރެއް އަދާ ކުރާ ޖަންގައްޔެކެވެ. އަދި އެއީ ގާތްގަނޑަކަށް ތިން މިލިއަން ބާވަތުގެ ގަސްގަހާގެއްސާއި ޖަނަވާރާއި ތަފާތު ގަބީލާތަކަށް ނިސްބަތްވާ އެއް މިލިއަން މީހުން ދިރިއުޅޭ ޖަންގައްޔެކެވެ.

comment ކޮމެންޓް