ދައުލަތުގެ ބީލަންތަކުގައި ބައިވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބީލަންވެރިންގެ މަހާސިންތާ މިއަދު އިސްލާމީ މަރުކަޒުގައި ފަށައިފި އެވެ.
މި މަހާސިންތާގެ މަގުސަދަކީ ނިޒާމަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ އެކަމަށް ބީލަންވެރިން އަހުލުވެރި ކުރުވުމާއި، މިކަމުގެ ތެރޭގައި ދިމާވަމުންދާ ގޮންޖެހުންތައް ދެނެގަނެވި އިސްލާހު ކުރަން ކުރެވިދާނެ ކަންތައްތަކާ މެދު މަޝްވަރާކޮށް، މިހާރަށް ވުރެ ފަސޭހައިން މަސައްކަތް ކުރެވޭނެ މަގުތައް ހޯދުން ކަމަށް ފިނޭންސް މިނިސްޓްރީ އިން މައުލޫމާތު ދެ އެވެ.
މިއަދުގެ މަހާސިންތާގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އިކޮނަމިކް މިނިސްޓަރު ފަައްޔާޒު އިސްމާއީލް ބައިވެރިވަޑައިގެންނެވި އެވެ.
މަހާސިންތާ ހުޅުވައިދެއްވައި މިނިސްޓަރު އަމީރު ދެއްކެވި ވާހަކައިގައި ވިދާޅުވީ މިއަދަކީ މުޅި ރާއްޖޭގެ ފައިނޭނަޝަލް ނިޒާމުގައި ވެސް ހާއްސަ ދުވަހެއް ކަމަށެވެ.
"ހަގީހަތަކީ ފުރިހަމަ ޑިމޮކްރަސީއެއްގައި ދެފުށް ފެންނަ ބީލަން ނިޒާމެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް. މި މަހާސިންތާގެ ބޭނުމަކީ ނޭޝަނަލް ޓެންޑާ އަދި ދައުލަތުގެ އެހެން އޮފީސްތަކުން ކުރިއަށް ގެންދާ ޕްރޮކިއުމަންޓު ތަކުގައި މިހާރު ބީލަންވެރިންނަށް ދިމާވާ ދަތިތައް ދެނެގަނެ، އެކަމަށް މާލިޔަތު ގަވާއިދުގެ ތެރެއިންނާއި އަދި އޮފީސްތަކުގެ އެތެރެއިން ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ ހެޔޮ ބަދަލުތައް ގެނައުން." މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ބީލަންތަކުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ދެނެގަނެ، އެކަންތައްތައް ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމަކީ ވެސް މަހާސިންތާގެ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކުން ކުރިއަށް ގެންދާ ޕްރޮކިއުމެންޓުތައް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކުރުމަށް ކެބިނެޓުން ނިންމާފައިވާތީ، އެގޮތަށް އަމަލު ކުރުމަށް ސަރުކާރުގެ އޮފީސްތަކަށް އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެއިތުރުން ބީލަމާ ގުޅިގެން އެއްވެސް މައްސަލައެއް ފާހަގަވެއްޖެ ނަމަ، ބީލަން ކުރިއަށް ގެންދިޔަ ސަރުކާރުގެ އޮފީހަކުން ބީލަމުގެ މަރުހަލާ ކުރިއަށް ގެންދިޔައީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް މާލިއްޔަތު މައްސަލަ ބަލާ މިނިވަން ކޮމިޓީއެއް ގާއިމުކޮށްފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
ދައުލަތް ހިންގުމުގެ ހުރިހާ މުހިންމު އަސާސްތަކެއް ގުޅިފައި ވަނީ ހިންގޭ ތަފާތު މަޝްރޫއުތަކާ، ހޯދޭ މުހިންމު ހިދުމަތްތަކުގެ މައްޗަށް ކަމަށްވާ އިރު ހުރިހާ ކަމެއްވެސް ގުޅިގެންދަނީ ހުޅުވާލެވިފައިވާ ނިޒާމެއްގެ ތެރެއިން ހުށަހެޅޭ ބީލަންތަކާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެ އެވެ.
މިއަދުގެ މަހާސިންތާގެ ބައިވެރިންނަށް ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް އަދި ނޭޝަނަލް ޓެންޑާގެ ދައުރާއި، ބީލަންތަކާ ގުޅިގެން މައްސަލަ ހުށަހެޅުމާ ގުޅޭ މައުލޫމާތާއި އިތުރުން ބީލަން ހުށަހަޅާ އިރު އާންމުކޮށް ދިމާވާ މައްސަލަތަކާއި ބީލަން ހުށަހެޅުމުގައި އަމަލު ކުރާނެ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތުތަކެއް ވަނީ ދީފަ އެވެ.