އީރާނުގެ ތެޔޮ ޓޭންކަރު ހިފެހެއްޓުމުގެ އަމުރެއް އެމެރިކާއިން ނެރެފި

އިނގިރޭސިވިލާތުން ހިފަހެއްޓި އިރާނުގެ ތެޔޮ ޓޭންކަރު--- ފޮޓޯ: ރޮއިޓާސް

ޖިބްރޯލްޓާ ކައިރިން އިނގިރޭސިވިލާތުން ހިފެހެއްޓި އީރާނުގެ ތެޔޮ ޓޭންކަރު ދޫކޮށްލުމަށް ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން އަމުރު ކުރުމުން، އެ ޓޭންކަރު ހިފެހެއްޓުމުގެ އަމުރެއް އެމެރިކާގެ ހާރިޖިއްޔާއިން ނެރެފި އެވެ.

ޖުމްލަ 2.1 މިލިޔަން ފީފާގެ ތެޔޮ ހިފައިގެން ދަތުރު ކުރި ގްރޭސް 1 ގެ ނަމުން ނަން ދީފައިވާ މި ސުޕަޓޭންކަރު، ޖުލައި މަހުގެ 4 ވަނަ ދުވަހު އިނގިރޭސިވިލާތުން ހިފެހެއްޓީ ގަވައިދާ ހިލާފަށް ސީރިޔާއަށް ތެޔޮ ފޯރުކޮށްދޭން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގަ އެވެ.

ޖިބްރޯލްޓާގެ ސްޕްރީމް ކޯޓުން "ގްރޭސް1" ދޫކޮށްލުމަށް ނިންމި ނިންމުމުގައި ބުނެފައިވަނީ އޭގައި ހުރި ތެލަކީ، ޔޫރަޕުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ސޫރިޔާއަށް ގެންދާތެޔޮކަން ޖިބްރޯލްޓާގައިވާ އިނގިރޭސި ސަރުކާރަށް ސާބިތުކޮށް ނުދެވުމާއެކު އެއީ ސޫރިޔާއަށް ގެންދާ ތެޔޮ ނޫންކަން އީރާނުން ބުނެފައިވާތީ އެޓޭންކަރު ހިފަހައްޓާފައި ބޭއްވުމުގެ ގާނޫނީ ހުއްޖަތެއް ނެތް ކަމުގަ އެވެ. އަދި އިނގިރޭސި ދައުލަތުގެ ޕްރޮސެކިއުޓަރުން އެމައްސަލަ އިތުރަށް ކުރިޔަށް ގެންދަން ބޭނުންނުވުމަކީ ވެސް އެ ހުކުމް ކުރި ސަބަބެއް ކަމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ފާހަގަކޮށްފައިވެ އެވެ.

އިނގިރޭސި ސަރުކާރުން އެމައްސަލަ އިތުރަށް ކުރިޔަށް ގެންދަން ބޭނުންނުވީ ގަލްފުގެ ހުރްމުޒް ކަނޑުއޮޅިން ހުރަސްކުރަނިކޮށް އީރާނުން ހިފަހައްޓާފައިވާ އިނގިރޭސި ތެޔޮ ޓޭންކަރު "ސްޓެނާ އިމްޕެރޯ" މިނިވަންކުރުމުގެ ފުރުސަތު އޮތީ އީރާނުގެ ޓޭންކަރު މިނިވަން ކުރުމުންކަން އިނގިރޭސި ސަރުކާރަށް ޔަގީންވާތީ ކަމަށް ވަނީ ބެލެވިފަ އެވެ.

ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން މި ޓޭންކަރު ދޫކޮށްލުމަށް އަމުރު ކުރުމުގެ ކުރީން މިދިޔަ ބުރާސްފަތި ދުވަހު ވެސް އެމެރިކާއިން ވަނީ ގާނޫނީ ގޮތުން އެ ޓޭންކަރު ހިފަހައްޓައި ދިނުމަށް ޖިބްރޯލްޓާގެ މަސްއޫލުވެރީންގެ ކިބައިން އެދިފަ އެވެ. އެމެރިކާގެ މި ހުށަހެޅުމަށް އިޖާބަ ދެވޭން ނެތް ކަމަށް ޖިބްރޯލްޓާއިން ވަނީ އެމެރިކާއަށް އަންގައިފަ އެވެ.

އެމެރިކާއިން ބުނާ ގޮތުގައި ގްރޭސް 1 އާއި އޭގައިވާ ތެޔޮ ފީފާތައް އަތުލައިގަތުމުގެ ގާނޫނީ ބާރު އެމެރިކާއަށް ލިބިގެންވެ އެވެ.

comment ކޮމެންޓް