ބާ ކައުންސިލަށް ވޮލަންޓިއަރުން ހޯދަނީ

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު-- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގާނޫނީ ވަކީލުންގެ އެންމެހާ ކަންތައްތައް ރެގިއުލޭޓް ކުރުމަށް އުފައްދައިފައިވާ ބާ ކައުންސިލްއަށް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ހޯދަން އިއުލާންކޮށްފިއެވެ.

އެ ކައުންސިލްއިން ކުރި އިއުލާންއެއްގައި ބުނީ އެ ކައުންސިލްގެ ލައިސެންސިންގ ކޮމިޓީއާއި، އެތިކްސް ކޮމިޓީއާއި، އިސްތިއުނާފް ކޮމިޓީއާއި، ޤާނޫނީ ތަޢުލީމު ކޮމިޓީއާއި، ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީ އެކުލަވާލުމުގެ ކުރިން ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި ވަރކިންގް ގްރޫޕްތަކެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އެ ވަރކިންގ ގްރޫޕްތަކުގައި ހިލޭސާބަހަށް މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި ގާނޫނީ ވަކީލުންނަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

ވަރކިންގ ގްރޫޕްތަކުގައި މަސައްކަތް ކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ދާއިމީ ސަބް ކޮމިޓީތަކުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ވަކީލުންނަށް އިސްކަންދެވޭނެކަމަށްވެސް އެ ކައުންސިލްއިން ބުންޏެވެ

ވޮލަންޓިއަރުންގެ ގޮތުގައި މަަސައްކަތް ކުރައްވަން ބޭނުންވާ ފަރާތްތަަކުން ފޯމާއި އެހެނިހެން ލިޔެކިޔުންތައް މިމަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.

ބާ ކައުންސިލް އުފެއްދީ މިދިޔަ މަހުއެވެ. އެ ކައުންސިލްގެ ހިންގާ ކޮމެޓީގައި ހަ މެމްބަރުން ވަނީ އިންތިހާބްކޮށްފައެވެ. އެ ކައުންސިލްގެ ރައީސް އަކީ ގާނޫނީ ވަކީލް މައުމޫން ހަމީދެވެ. އަދި ނާއިބު ރައީސްއަކީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒުއެވެ.

ބާ ކައުންސިލުގެ ހިނގާ ކޮމިޓީއަށް ގިނަ ބާރުތަކެއް ލިބިގެންވެ އެވެ. އެގޮތުން ވަކީލުންނާ މެދު ވިޔަވަޅު އެޅުމާއި ހުއްދަ ހިފެހެއްޓުމާއި ގާނޫނީ ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ކުރަން ޖެހެނީ ބާ ކައުންސިލުންނެވެ.

ބާ ކައުންސިލު ވުޖޫދުވުމަށް ފަހު ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް