ގިނަ ބަޔަކު ރައީސްއާ އީދު ސަލާމް ކޮށްފި

ރައީސް އީދު ސަލާމްކުރައްވަނީ--- ފޮޓޯ/ ރައީސް އޮފީސް

އަޟްހާ އީދުގެ މުނާސަބަތުގައި އީދުގެ ތަހުނިޔާ ވިދާޅުވެ އީދު ސަލާން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ބައްދަލުކުރައްވައި ޢީދު ސަލާން ކުރައްވައިފިއެވެ.

ދެ ބޭފުޅުންވެސް އީދު ސަލާމް ކުރެއްވީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ކުރި އީދު ނަމާދުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު އިސްލާމީ މަރުކަޒުގައެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ކުރި އީދު ނަމާދުގެ ޖަމާއަތުގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ އަދަދެއްގެ މީހުން ދެ ބޭފުޅުންނަށްވެސް އީދުގެ ތަޙުނިޔާ ވިދާޅުވެ އީދު ސަލާން ކުރެއްވިއެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުންނާއި އެކި އުމުރުފުރައިގެ ބޭފުޅުންނާއި އިސްރަށްވެހިންވެސް ހިމެނެއެވެ.

މިއަދު މުޅި އިސްލާމީ އުއްމަތް ފާހަގަ ކުރަމުންދާ ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބަތުގައި ރައީސް ވަނީ ދިވެހި ރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް އަޟްހާ އީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން ތިއްބެވި އެންމެހައި ދިވެހި ޙައްޖާޖީންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޢީދުގެ ތަޙުނިޔާ ވިދާޅުވެ ބަރަކާތްތެރި އަޟްޙާ ޢީދުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.

comment ކޮމެންޓް