ތަރިތަކުގެ ޢާލަމަކުން ވިދާލި ހުނަރުވެރިއެއް

ތަލްއަތު ސަންއަށް އިންޓަވިއު ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުޑާއި ތަރިތަކާއި ޖައްވީ ދުނިޔެއަށް މުހައްމަދު ތަލްއަތު (ތޮލް) އެންމެ ކުޑައިރުން ފެށިގެންވެސް ޝައުގުވެރިވެ އެވެ. މި ކާއިނާތާ މެދު ހައިރާންވެ ހުރެ ގުދުރަތުގެ ފުރިހަމަ ކަމާމެދު އޭނާއަށް ވިސްނާ ފިކުރު ކުރެވެ އެވެ. އެންމެ ފުރަތަމަ މި ހުރިހާ މަންޒަރެއްވެސް ހުރީ ތޮލްގެ ސިކުނޑީގަ އެވެ. އެ މަންޒަރު ފޮޓޯއެއްގެ ސިފައިގައި އެންމަނަށް ފެންނާނެހެން، އަބަދަށް ރައްކާކުރުމުގެ ހިޔާލު އައީ އުޑުމަތިން ހަފްތާއެއް ވަންދެން ފެނުނު "ފެނިފައި ގެއްލޭ" ތަރިއަކާ ދޭތެރޭ މާބޮޑަށް ޝައުގުވެރިވެގެންނެވެ.

ހިތުގައި ތަރިތަކަށް އޮތް ޝައުގުވެރިކަމާ ލޯތްބެއްގެ ބޮޑުކަމުން، ކެމެރާ ކޮނޑުގައި އަޅުވާލައިގެން ތަރިތައް ފަހަތުން ދުވަން ފެށީ ވަޒީފާވެސް ދޫކޮށްލުމަށްފަހު އެވެ. އެއީ ތޮލް ކުރި މޮޔަ ކަމެއް ކަމަށް އޭރު ގިނަ ބަޔަކަށް ހީވި ނަމަވެސް، ތޮލް މިވަނީ އޭނާގެ ހުރި ހުނަރުވެރިކަން ބޭނުން ކޮށްގެން އަމިއްލަ ނަމެއް ހޯދައިފަ އެވެ.

މިއަދު ތޮލްއަކީ ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އެއް އެސްޓްރޯފޮޓޯގްރާފަރެވެ. އާދައިގެ ނިކޮން ޑީ300 ކެމެރާއަކުން އަޖުމަ ބަލާލުމަށް ނެގި ތަރިތަކުގެ ފޮޓޯއާއެކު ހަމަ ރަނގަޅަށްވެސް އެކަމުގެ ޖާދޫގައި ޖެހި، އިތުރު ދިމާލަކަށް އޭނާގެ ކެމެރާގެ ލެންސް އަނބުރާލަން އުނދަގޫވީ އެވެ.

ތަލްއަތު ނަގާފައިވާ ފާހަގަކޮށްލެވޭ ފޮޓޯއެއް.

"ހަމަ އާދައިގެ ކެމެރާ އަކުން ފުރަތަމަ ފޮޓޯ ނެގީ. ހިއެއް ނުކުރަން އަސްލު ނެގޭނެއެކޭ ވެސް. އެކަމު ނެގުނީމަ ވަރަށް އުފާވި. ދެން ބޭނުންވީ އިތުރަށްވެސް ފޮޓޯ ނަގަން،" ތޮލް ބުންޏެވެ.

ފޮޓޯއެއް ނަގާލުމުން އަދި ކައުނުގެ ކަންކަން ހޯދަން އޭނާ ކުރާ މަސައްކަތް ނިމުނީކީ ނޫނެވެ. ކޮންމެ ފޮޓޯއެއްގެ ފަހަތުގައިވެސް ވާހަކައެއް ވެއެވެ. އެހެންކަމުން ޖައްވުގައި ހިނގާ ކަންކަން އިތުރަށް ދިރާސާކުރަން ތޮލް ފެށި އެވެ. އެކަންކަން ދަސްކުރީ ކްލާހަކަށް ގޮސްގެނެއް ނޫނެވެ. ޑޮކިއުމެންޓްރީތަކާއި ޔޫޓިއުބުގައި ހުންނަ ވީޑިއޯތައް ބަލައި، ފޮތްތައް ކިޔައިގެން އަމިއްލައަށެވެ. އެސްޓްރޯފޮޓޯގްރަފީގެ އިތުރުން ކޮންމެސް ވަރަކަށް އެސްޓްރޮނޮމީވެސް ދަސްކުރަން ފެށިއެވެ.

ތޮލް އަބަދުވެސް އިންނަނީ އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ނޮޓިފިކޭޝަންތައް އޮން ކޮށްގެން، ޖައްވީ ހާއްސަ އިވެންޓަކަށް ބަލަބަލައި އިންތިޒާރުގަ އެވެ. އިވެންޓެއް އޭނާގެ ކެމެރާއިން ކެޕްޗާ ނުކުރެވިދާނެތީ، ގިއަރު ހަމަކޮށް، ކޮއްތު ހިފައިގެން ތޮލް އިންނަނީ މާ ކުރިން ތައްޔާރަށެވެ. މިއީ ފަސޭހަ މަސައްކަތެއް ނޫނެވެ. އެންމެ ފޮޓޮއެއްގެ ބޭނުމުގައިވެސް އެތައް ގަޑި އިރަކު އުޑަށް ބަލަހައްޓައިގެން އިންނަން ޖެހިދާނެ އެވެ. ބައެއް ފަހަރު ބޭނުންވާ ފޮޓޯ ނުލިބިވެސް އެބަ ދެއެވެ. އެކަމަކު އޭނާ ފޫއްސެއް ނުވެ އެވެ.

ތަލްއަތުގެ ފާހަގަކޮށްލެވޭ ފޮޓޯއެއް.

ތަރިތަކުގެ ފަހަތުން ތޮލް ދުވާތާ މިހާރު ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، ހަތް ވަރަކަށް ބޮޑު އިވެންޓެއްގެ ފޮޓޯ ތޮލް އަށް ވަނީ ނެގިފަ އެވެ. ނަމަވެސް އެންމެ ފާހަގަކޮށްލެވެނީ "ކޮމެޓް ލަވް ޖޯއި" ކިޔާ ދުންތަރީގެ ފޮޓޯ އެވެ. އެއީ ވަރަށް ބޮޑަށް ތައްޔާރުވެގެން، ވަރަށް މަސައްކަތުން އޭނާ ދަމައިގަތް ފޮޓޯއެކެވެ.

އޭގެ އިތުރުން ބީބީސީ އާތުގައިވެސް ތޮލްގެ ފޮޓޯއެއް ވަނީ ޝާއިއުކޮށްފަ އެވެ. އެއީ ތޮލްއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ. ތޮލްގެ އިންސްޓަގްރާމް އަދި ފޭސްބުކް ފޮޓޯތަކަށް ހާހުން ލައިކް އަދި ޝެއާ ލިބޭ އިރު، އޭނާ ނެގި އެންމެ ފުރަތަމަ 360 ފޮޓޯ ވަނީ މިލިއަނަކަށް ވުރެ ގިނަ މީހުންނާ ހަމައަށް ފޯރައިފަ އެވެ. އަދި ތޮލްގެ ޓައިމްލެޕްސްތަކަކީ ވެސް ވަރަށް ފުރިހަމަ މަސައްކަތެކެވެ.

ތަލްއަތުގެ ފާހަގަކޮށްލެވޭ ފޮޓޯއެއް.

ތޮލް މޮޅީ ހަމައެކަނި ތަރިތަކުގެ ފޮޓޯ ނަގާކަށް ނޫނެވެ. ތޮލްއަކީ ކައިވެނި ހަފްލާތަކަށް ވެސް ޑިމާންޑް ބޮޑު ފޮޓޯގްރާފަރެކެވެ. އަދި ތޮލް އަންނަނީ މިހާރު ކަނޑު އަޑިއަށް ފީނައިގެން ވެސް ފޮޓޯ ނަގައި، ފޮޓޯ ގްރަފީގެ ދުނިޔޭގައި އިތުރަށް ފީނަން ފަށައިފަ އެވެ.

ތޮލް 2017 ވަނަ އަހަރު ނެގި، އުމުރުން 115 އަހަރުގެ ށ. ފޯކައިދޫ އަލީ އާދަމް (ޑިސްކޯ އަލިބެ)އާއި އަލިބެގެ 80 އަހަރުގެ ދޮށީ އަންހެންދަރި ސިއްތިގެ ފޮޓޯތަކަށް ބޮޑު ތަރުހީބެއް ލިބުނެވެ.

ފޮޓޯ ނަގަން ތޮލްއަށް އެންމެ ގިނަ ފުރުސަތުތައް ލިބެނީ ރިސޯޓުތަކާއި، މާލެއިންނެވެ. ނަމަވެސް ގިނަ ޝޫޓުތައް ދެނީ ދަންނަ ކޮންމެސް އެހެން ފޮޓޯގްރާފަރަކަށެވެ. އެއީ މާލެ ގޮސް އެކަން ކުރަން ދަތި ވާތީ އެވެ. މާލޭގައި އުޅޭނަމަ މިހާރަށް ވުރެ ގިނަ ފުރުސަތުތައް އަދި ބޮޑު އާމްދަނީއެއް ވެސް ލިބޭނެ ކަމަށް ތޮލް ގަބޫލުކުރެ އެވެ. ނަމަވެސް ރަށް ދޫކޮށްލާފައި ދިއުމަކީ ތޮލް ކުރާނެ ކަމެއް ނޫނެވެ.

ތަލްއަތުގެ ފާހަގަކޮށްލެވޭ ފޮޓޯއެއް.

"ބޭނުންވަނީ ރަށުގައި ހުރެގެން މަސައްކަތް ކުރަން. ރަށުގެ ފޮޓޯތައް ނަގައި ރަށުގެ ރީތިކަން ދުނިޔެއަށް ދައްކަން،" ތޮލް ބުންޏެވެ.

ތޮލްގެ ފޮޓޯތައް ރީތިވެގެން އެކަން ދަސްކުރަން ވެސް ގިނަ ބަޔަކު އަންނަނީ އެދެމުންނެވެ. އެހެންކަމުން ތޮލްއަށް ލިބިފައި ހުރި މައުލޫމާތާއި، ހުނަރު އެހެން ބަޔަކަށް ކިޔައިދީ، މި ދާއިރާއަށް އިތުރު ކުދިންތަކެއް ނެރުމުގެ ވިސްނުން އެބަ ހުއްޓެވެ.

ތޮލްއަށް މިހާރު މި ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ އެވެ. ނަމަވެސް އަދިވެސް ދަސްކުރަން ޖެހޭ އެތައް ކަމެއް ހުރި ކަމަށް ތޮލް ބުނެ އެވެ. އަދި އޭނާގެ ކެމެރާގެ ލެންސް ނުފޯރާ އެތައް ތަނެއް ޖައްވުގައި ހުރި އިރު މިހާރު ބޭނުންވަނީ އެސްޓްރޮފޮޓޯގްރަފީއަށް ހާއްސަ ކެމެރާއެކެވެ. އޭރުން ތޮލްގެ ފޮޓޯތައް އިތުރަށް ސާފުވެ، ކުލަރީތިވެގެންދާނެ އެވެ.

ތަލްއަތުގެ ފާހަގަކޮށްލެވޭ ފޮޓޯއެއް.

ތޮލްގެ ކެމެރާއިން ދުނިޔެއަށް ދައްކަމުން އަންނަ އުޑުގެ ރީތި މަންޒަރުތައް އަދި އޮތީ ކުރިއަށެވެ. ކުރިއަށް އޮތް ތަނުގައި މި "ސްޓާބޯއީ"ގެ މާ ރީތި، ވިދުން ގަދަ ފޮޓޯތަކެއް ނެރެން އޭނާ ހުރީ ތައްޔާރަށް އެ މަސައްކަތުގަ އެވެ.

އައްޑު އަތޮޅާ ދިމާލުން އުޑަށް އެރި މި ތަރީގެ ވިދުންވެސް ގައިމުވެސް ފަނޑެއް ނުވާނެ އެވެ.

comment ކޮމެންޓް