މޭޑޭގައި ގައިދީ ގ. ކީމާ، އަބްދުﷲ ރަޝީދުގެ މަރާ ގުޅޭ ގޮތުން އެޗްއާރުސީއެމްއިން އެކުލަވާލި ރިޕޯޓް މަރުގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނާ ހިއްސާކޮށްފި އެވެ.
އެ މައްސަލައިގައި ދައުވާ ކުރުމަށް އެޗްއާރުސީއެމްއިން މައްސަލަ ޕީޖީއަށް ފޮނުވި ނަމަވެސް، ދައުވާ ކުރެވެން ނެތް ކަމަށް ބުނެ މައްސަލަ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
އެކަމާ ގުޅިގެން، އެޗްއާރުސީއެމްއިން މިއަދު ބުނީ އެ މައްސަލައިގައި ތަހުގީގީ ރިޕޯޓް މިއަދު ރިޔާސީ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
މޭޑޭގެ ގައިދީ ގ. ކީމާ، އަބްދުﷲ ރަޝީދު މަރުވީ އޭނާ ޖަލު ބަންދުގައި ހުއްޓާ ވަރަށް ބޮޑަށް ހާލުދެރަވުމާ ގުޅިގެން އައިޖީއެމްއެޗަށް ގެނެސް އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް 2017 އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
އެޗްއާރްސީއެމް އިން ބުނެފައިވަނީ މާފުށީ ޖަލުން އަބްދުﷲ ރަޝީދު ސިއްހީ ފަރުވާދިނުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި އަދި މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުގައި އެވަގުތު އޭނާއަށް ފަރުވާ ފޯރުކޮށްދެމުންދިޔަ ދެ ޑޮކްޓަރުންވެސް ސިއްހީ ފަރުވާދިނުމުގައި އިހުމާލުވެފައިވާކަން އެ ކޮމިޝަނުގެ ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެން ނަމަވެސް ޕީޖީއާ ހަވާލާދީ އެޗްއާރުސީއެމްއިން ބުނީ އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމީ ކަރެކްޝަންސްގެ ޑިއުޓީ އޮފިސަރުން ދީފައިވާ ބަޔާންތަކުން އެ މައްސަލާގައި އަބްދުﷲ ރަޝީދަށް އެކަށީގެންވާ ފަރުވާ ނުދޭކަމަށް ބެލެވެންނެތް ކަމަށް ޕީޖީ އޮފީހަށް ފެންނާތީ ކަމަށެވެ.