ދުޅަހެޔޮ ދިރިއުޅުމަކަށް މައިހާގެ ދަތުރާއި، އޭނާގެ ނަސޭހަތް

މައިހާ، ފޮޓޯ:އިންސްޓަގްރާމް

ޑައިޓް ފަށަނީ ކޮންދުވަހަކު ހެއްޔެވެ؟ މީގެ ދެ މަސްކުރިން ނޫނީ މި މަސް ފެށުމުގެ ކުރިން ވެސް ހިތުއަޅައިގެން ހުރީ "ކްލީން" ކޮށް ކެއުމަށް ދޯ އެވެ؟ ނޫނީ، ޖިމަށް ދާން ހިތު ނިޔަތްގަނެ، އަދިއަދަށް ވެސް އެދުވަހެއްގެ އިންތިޒާރުގައި ތިބީ ކިތަށް މީހުން ބާއެވެ؟ މިއީ ގައިމުވެސް އެންމެ މީހެއް ދެމީހެއްގެ ވާހަކައެއް ނޫނެވެ. އާންމުކޮށް ހަމަ ހިނގާ ކަންކަމެވެ.

އެހެންނަމަވެސް ފަހަކަށް އައިސް، ޓްރެންޑް ވެގެން މި އުޅެނީ "ހެލްތީ ލައިފްސްޓައިލް" އެވެ. ދިވެހިން ބުނާ ނަމަ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމެވެ. ކަސްރަތު ކުރުމާއި ސިއްހަތަށް ފައިދާ ހުރި ކެއުންތައް ކެއުމާއި ތަފާތު އެކި ވައްތަރުތަކުގެ ޑައެޓްކުރުމާއި މިފަދަ އެތައް ކަމަކީ މިއަދުގެ ފެޝަންއަކަށް ވެއްޖެ އެވެ. އެއީ ދިރިއުޅުމުގެ ބައެކެވެ.

ފާތުމަތު މައިހާ އާދަމް ޒާހިރު ނުވަތަ އެންމެންގެ ވީސީޓޭލްސްގެ ދުޅަހެޔޮ ދަތުރުގެ ވާހަކަ ކޮންމެވެސް ސިފައެއްގައި ފެނި ނުވަތަ އަޑުނީވޭ މީހެއް މަދުވާނެ އެވެ. ނަފްސާނީ މައްސަލަތަކެއްގެ ތެރެއިން އަމިއްލަ ހަށިގަނޑާއި ދިރިއުޅުން އެފުށް މިފުށަށް ޖަހާލި އިރު، ހިތްވަރު އެލުވާނުލާ، ފޫހިކަމެއްނެތި އޭނާގެ ދިރިއުޅުން ކުރިއަށް ގެންގޮސްދިން އެއް ބާރަކީ މިއީ އެވެ. ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް ބަރިސްޓާކަމުގައިވާ މައި 'ސަން' އަށް ހިއްސާކޮށްލީ މިފަދައިން ދުޅަހެޔޮ ދިރިއުޅުމަކަށް އޭނާކުރި ތަޖުރިބާތަކާއި ޓިޕްސް ކޮޅެކެވެ.

ދުޅަހެޔޮ ލައފްސްޓައިލްއަކަށް ދިރިއުޅުން ބަދަލުކޮށްލާނީ ކިހިނެއް؟

ފުރަތަމަ ކަމަކަށް މައި ބުނެލާނީ އެންމެ އުނދަގޫ ގޮތަކަށް ނުފަށާށޭ، ކޮންމެ ގޮތެއް ވިޔަސް އެންމެންނަކީ ވެސް މިހާރު ވެސް ދިރިއުޅުމުގައި އެތައް ބުރައެއް އުފުލާނެ ބައެއް. މަސައްކަތާއި އާންމު ދިރިއުޅުމާއި ދަރީންނާއި، އަދި ދަރީން ނެތަސްވެސް. އެހެންވީމަ އޭގެ މައްޗަށް އިތުރު ބުރައެއް ނުޖައްސާ، މިފަދަ ބަދަލެއް ގެންނައްޗޭ. މި ވާންޖެހޭނީ ފަސޭހައަކަށް.

އެހެންވީމާ އެންމެ ކުޑައިރު ވެސް އީ.އެސް ފޮތުގައި ކިޔާދޭހެން ކާބޯހައިޑްރޭޓްސްއިން ކުރަނީ ކޮން ކަމެއްތޯ، ޕްރޮޓީންސް އާއި ފައިބާގެ ބާވަތް ބޭނުންވަނީ ކީއްވެތޯ ބަލައި ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހު އެމީހަކަށް އެތަކީތެ ތެރެއިން ކެވެނީ ކޯއްޗެއްތޯ ބަލައި ޓްރައިކޮށްލާށޭ. އެމީހަކު ހޭލުންތެރިކަން ބޮޑުވާ ވަރަކަށް މިކަމުގެ ތެރެއަށް ވަދެވޭލޭއް ވެސް އަވަސްވާނެ. މިސާލަކަށް މައި އެންމެ ފުރަތަމައަށް ނިންމީ ކާންޖެހޭނެ ކަމަށް، އޭތި ނިންމާފައި ދެން ކާ ގަޑިތަށް، އެއަށް ފަހު ޕޯޝަންތައް. އަދި ގާތްގަނޑަކަށް އެއް އަހަރުފަހުން އަމިއްލަ އަށް މީލްތައް ކައްކަންފެށީ.

މައިހާގެ ޓްރާންސްފޮމޭޝަން ----- ފޮޓޯ: އިންސްަގްރާމް

ޖިމަށް ނުގޮސް އެކަށީގެންވާ ބަރުދަނެއްގައި ހުރެވިދާނެތަ؟

އާ! މާ ބޮޑަށް ވެސް. މައިވެސް އެންމެ ފުރަތަމަ ފެށީވެސް ކެއުމަށް ބަދަލު ގެންނަން. އޭރު ހުރީވެސް ލަންކާގައި. ގާތްގަނޑަކަށް ތިން މަސްފަހުން މާލެ ބަދަލުވި އިރު 6-10 ކޭޖީވަރު ހުރީ ލުއިވެފައި. އެއީ ހަމައެކަނި ކެއުމުން. އެކަމަކު ހަމައެކަނި ކެއުމުން ބަރުދަން ލުއިކުރާއިރު އުނދަގޫވާނެ ކަމަކީ ބަރުދަން ލުއިކުރެވޭނީ އެމީހަކު އެތެރެކުރާ ކާއެއްޗިއްސަށް ވުރެ، ހަށިގަނޑުން އަންދާ ކެލަރީސް އިތުރުވާންޖެހޭނެ. އެކަމަށް އުނދަގޫވެދާނެ އެއްވެސް ކަހަލަ ކަސްރަތެއް ނުކޮށް. އެކަމަކު އަދި ވެސް އެންމެ އެފެކްޓިވް ކަންކަމުގެ ތެރޭގައި ސްކިޕިން ރޯޕް ކަހަލަ އެއްޗިއްސާއި، ގޭގައި ވީޑިއޯއެއްބަލައިގެން ހައި އިންޓެންސިޓީ ވޯރކްއައުޓް.. އެހެންވީމަ ޖިމަށް ނުގޮސްވެސް ކުރެވޭނެ މިކަން. ބޭނުންވަނީ ހަމަ ވަގުތު ހޯދައިގެން ކުރުން.

މިކަހަލަ ލައިފްސްޓައިލެއްގައި މައިގެ "ޑޯންޓްސް" އަކީ ކޮބާ؟

އެންމެ ފުރަތަމަ ކަމަކަށް ނުކުރަންވީ އެންމެ މުހިންމު ކަމަކީ އެއްވެސް މީހަކު ކޮޕީ ނުކުރުން. ކޮންމެ މީހެއްވެސް ތަފާތުވީމަ އެމީހެއްގެ ދިރުއުޅުމާއި މަސައްކަތާއި ހަށިގަނޑާއި ގުޅޭނެ ކަހަލަ ގޮތަކަށް ލައިފްސްޓައިލް އެޑެޕްޓްކުރުން އެންމެ މުހިންމީ.

ދެވަނަ ކަމަކަށް ޑައިޓެއް ބަލައިގެން ޓްރައި ކުރާއިރު، ބޭރުގެ ގައުމުތަކުގެ މީހުންނަށް ހާއްސަކޮށް އެހުންނަ އެއްޗެހި ކޮންމެހެން ޓްރައި ނުކުރާށޭ. އެއް އެޗެއްސަކީ އަގުބޮޑު އަދި ހޯދަންވެސް އުނދަގޫ އެއްޗެހި. އޭގެ ބަދަލުގައި އަހަރެމެންނަށް ގުޅޭ ހޯދޭނެ އެއްޗެހި ބޭނުންކޮށްގެން ޓްރައި ކުރާށޭ.

މައިހާ ޖިމްގައި---ފޮޓޯ:އިންސްޓަގްރާމް

މިކަހަލަ ލައިފްސްޓައިލެއްގައި މައިގެ "ޑޫ'ސް" އަކީ ކޮބާ؟

ދެން ކުރަންވީ ކަމަކީ ކާއެއްޗެހީގެ ގްރޫޕްސް (ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް ކަހަލަ) އެ އެއްޗިއްސާއި ބެހޭ ގޮތުން ދަސްކުރުން ވަރަށް މުހިންމު. މާލޭގައި ވެސް ލިބެން އެބަހުރި ޕެކްކޮށްފައި ބައެއް ތަކެތި. އޭގައި ޖަހާފައި އެބަހުރޭ ޕްރޮޓީންސް، ފެޓް، ފައިބާ ލިބެން ހުރި މިންވަރު. އެހެންވީމަ އެ އެއްޗެހި ބަލާފައި ނަގަންވާނީ.

ހަމައެޔާ އެކު ޖިމް ކަހަލަ ތަނަކަށް ދާން ކުއްޖަކު ބޭޏުންވެދާނެ އެއްކަލަ ސްޕޯޓްސް ކްލޯތްސް ސެޓް އެއްކޮށް ހަމަކުރަން. އެކަމަކު އެތެރެއިން ބޭނުންވާ ސްޕޯޓްސް ވެއާ އާއި ސްޕޯޓްސް ޝޫޒް ހަމަވީމަ އެވަރުން ފުދޭނެ. ހަމަ ގޭގައި ލާ ޓީޝާޓްއަކާއި އެކީގައިވެސް ފެށޭނެ. އަބަދުވެސް ޖިމް ކްލޯތްސް ހަމަކޮށްގެން މިވެނި މީހަކާއި އެކީ ދާން ހުންނަނަމަ އަބަދުވެސް ހުންނާނީ ނުދެވިފައި.

ދެން އަނެއްކަމަކީ ބައެއް މީހުން އެބަ ބުނޭ، އަމިއްލައަށް ކާއެއްޗެހި ތައްޔާރު ކުރަންވީމަ އުނދަގޫވާ ވާހަކަ. ނޫނީ ތިމަންނަ އެކަންޏޭ އެގޮތަށް ކާންޖެހެނީ. ނޫނީ ބަނޑުހައިވީމަ އަމިއްލަ އަށް ވަކީން ތަކެތި ތައްޔާރުކުރަންވީމަ އެގޮތަށް ފޮލޯ ނުކުރެވޭ ވާހަކަ. އެކަމު މައިގެ ވާހަކައަކީ، ކައްކާއެއްޗެހި ބަދަލުކުރމުގެ ބަދލުގައި އިންގްރިޑިއަންޓްސް ބަދަލު ކޮށްލާށޭ. މިސާލަކަށް، ގެރިކިރު ދަޅު ގެއަށް ނުވައްދަންޏާ އެޔެއް ބޭނުމެއްވެސް ނުކުރާނެ ގެއަކު ދޯ؟ ނޫނީ ހެދިކާއާއި އެކި ވައްތަރުރަކުގެ ޕާނާއި ބަނަސް ގެއަށް ނުގެންނަނަމަ ގައިމު ވެސް ގޭތެރޭގައި އެއެއް ބޭނުމެއް ނުކުރާނެ. އޭގެ ބަދަލުގައި ބަތުގެ ބަދަަލުގައި ކުސްކުސް، އަދި ސްނެކްގެ ގޮތުގައި އާފަލާއި އޮރެންޖާއި ކިއުކަމްބާރ، ޓޮމާޓޯ ކަހަލަ އެއްޗެހި ކޮށާފައި ބެހެއްޓީމަ ބަނޑުހައިވެގެން އުޅޭ ގަޑިއެއްގައި އެންމެ ފުރަތަމަ އަތްޖެހޭނީ އެ އެއްޗެހީގައި.

މީހުން ބުނޭ ދުޅަހެޔޮ ދިރިއުޅުމަކީ ވަރަށް އަގުބޮޑު ކަމެކޭ، އެއީ ތެދެއްތަ؟

ނޫން. ތެދެއްނޫން. މިހާރު ހިނގާ ބަލަމާ އެންމެ ގިނައިން އަހަރެމެން ގޮސް އުޅޭ ދެތިން ރެސްޓޯރެންޓަށް. ކޮމް ފުޑް، ސީހައުސް، ދެން މިސާލަކަށް ޖޭޒް ކަހަލަ ތަނެއްވިޔަސް، ހެލްތީ އެއްޗިއްސާއި އަދި އެނޫން އެއްޗެހި މިހުންނަނީ ހަމަ ދާދި އެއް އަގެއްގައި. އަނެއްކާ ކޮންމެ ތަނެއްގައި ވެސް ހުންނާނެ. އެހެންވީމަ އަގުގެ ގޮތުން އެ ތަފާތެއް ހިޔެއް ނުވޭ ހުންނާނެ ހެން. އޭގައި އޮތީ އެމީހެއްގެ ޗޮއިސް. ވެރައިޓީ އެބަހުރި. އެކަމަކު އަސްލު މި އަގުބޮޑުވަނީ ބޭރުގެ ޑައެޓްތައް ފޮލޯކުރަން ހަދައިގެން އޭގައި ހުންނަ އެއްޗެހި މި އަގުބޮޑީ.

މައިގެ ފަރާތުން މިފަދަ ބަދަލެއް ދިރިއުޅުމަށް ގެންނަން ބޭނުންވާ މީހަކަށް ދޭނެ ނަސޭހަތަކީ ކޮބާ؟

މައި ބުނެލަން ބޭނުންވަނީ އެމީހެއްގެ ލައިފްސްޓައިލްއާއި ގުޅޭ ކަހަލަ ގޮތަކަށް މި ބަދަލު ގެންނާށޭ. ކޮންމެހެން އެންމެ ފިޓްމީހާ އުޅޭހެނެއް ނޫން އުޅެންވާނީ ކީ. އެމީހެއްގެ މަސައްކަތާއި ދިރިއުޅުމަށް އެކަށޭނަ ގޮތަކަށް. އެހެންނޫނީ މިކަން ވާނީ އެމީހަކަށް ބޮޑު ބުރައަކަށް. އެހެންވެ ފެއިލްވާނެ ކަން އެނގިހުރެ އެކަން ކުރުމުގެ ބަދަލުގައި މިގޮތަށް ފަށާފައި، ކިތަންމެ ކުޑަ އިމްޕްރޫވްމަންޓެއް ފެނުނަސް، އެކަން ސެލެބްރޭޓްކުރަންވާނެ. އެހެންނޫނީ އަނެއްކާ ވެސް ކުރިން އުޅެމުން އައި ގޮތަށް ދެވިދާނެ. ދެން މިފަދަ ބަދަލަކަށް ހޭނޭއިރު، މިކަމުގެ މައުލޫމާތު އަމިއްލައަށް ހޯދާ ބެލުންވެސް އެއީ މުހިންމުކަމެއް، ކޮންމެހެން ދުވާލަކު އެއްފަހަރު ނުކުރެވުނަސް، ހަފްތާއަކު އެއްފަހަރުވިޔަސް ހުއްޓާނުލާ އެމީހަކު ކުރާހިތްވާކަހަލަ ގޮތަކަށް މެދުކެނޑުމެއް ނެތި ކުރިއަށްދާށޭ.

comment ކޮމެންޓް