މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ހާއްސަ އިނާމާ ބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފި އެވެ.
މި އިނާމަކީ، ހިތްވަރާއި ހުނަރާއި އިލްމީ ގޮތުން ހޯދާ ކާމިޔާބީތަކަށް ގައުމީ ފެންވަރުގައި، އަހަރަކު އެއް ފަހަރު ރައީސް ދެއްވާ އިނާމެކެވެ. މި އަހަރު އިނާމު ދިނުމަށް ނިންމާފައިވާ ގިންތި ތަކަކީ:
1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް (ޕީއެޗްޑީ) ހާސިލުކުރުމުގައި ފާހަގަކުރެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން.
2. މަތީ ތައުލީމާއި ތަމްރީނު ކޯހަކުން އެންމެމަތީ ވަނަ ހޯދުން.
3. ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުން.
4. ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން، އާ އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން، ނުވަތަ އިލްމީ ދިރާސާއެއްކޮށްގެން، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން.
އިނާމާ ބެހޭ ކޮމިޓީން ކުރި އިއުލާނުގައި ބުނެފައި ވަނީ ހާއްސަ އިނާމަށް ހުށަހެޅިފައިވާ ކާމިޔާބީ އަކީ 2016 ވަނަ އަހަރު ނުވަތަ އޭގެފަހުން ލިބިފައިވާ ކާމިޔާބީ އަކަށް ވާން ޖެހޭނެ ކަމަށާއި އެ ކާމިޔާބީ އަކީ މީގެ ކުރިން ރައީސް ދެއްވާ އިނާމެއް ލިބިފައިވާ ކާމިޔާބީ އަކަށް ވެގެން ނުވާނެ ކަމަށެވެ.
ހާއްސަ އިނާމުގެ ގޮތުގައި ރައީސް ދެއްވުމަށް ހަމެޖެހިފައި މެޑެއްޔަކާއި ހަނދާނީ ލިޔުމެއް ކަމަށާއި އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ޓީމަކުން ނުވަތަ ޖަމާއަތަކުން ނަމަ، މުޅި ޓީމަށް ނުވަތަޖަމާއަތަށް މެޑެއްޔަކާއި ހަނދާނީ ލިޔުމެއް ދެއްވާނެ ކަމަށް އެ ލިޔުމުގައިވެ އެވެ. އަދި ވަކިވަކި ބައިވެރީންނަށް ދެއްވާނީ ހަނދާނީ ލިޔުމެއް ކަމަށްވެސް ބުނެފައިވެ އެވެ.
ހާއްސަ އިނާމަށް ނަން ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.