މަޓާޓޯ ޓްރެވަލް އެވޯޑުގެ ސިލްވާ ސްޕޮންސަރަކަށް އެލައިޑް ހަމަޖައްސައިފި

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ސިލްވާ ސްޕޮންސަރަކަށް އެލައިޑް ހަމަޖެއްސުން ---

ރާއްޖޭގެ ފަތުރުވެރިކަމުގައިދޭ އެންމެ ޝަރަފުވެރި އެވޯޑު، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ މި އަހަރުގެ އެވޯޑުގެ ސިލްވާ ސްޕޮންސަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެލައިޑްގެ މައި އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެލައިޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒު އެވެ. މަޓާޓޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ސުއޫދެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު އެލައިޑްގެ އެމްޑީ ޝަފާޒު ވިދާޅުވީ މިފަދަ ޝަރަފުވެރި އެވޯޑެއްގެ ސިލްވާ ޕާޓްނަރަކަށް އެ ކުންފުނި ހަމަޖެހިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.

މި އަހަރުގެ އެވޯޑު ވެސް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް އެލައިޑުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަން ފާހަގަ ކުރައްވައި ޝަފާޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މަޓާޓޯ އާ އެކު އޮތް ގުޅުން ކުރިއަށް ގެންދާނެ ކަމަށެވެ.

"މޯލްޑިވްސް ޓްރެވަލް އެވޯޑްސް" އަކީ ރާއްޖޭގެ ޓުއަރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން 2012 ވަނަ އަހަރު މަޓާޓޯ އިން ދޭން ފެށި އެވޯޑެކެވެ.

މިހާރު އެ އެވޯޑު ކުރިއަށް ގެންދަނީ ދެ އިވެންޓަކަށް ބަހާލައިގެންނެވެ. އެއ ގާލާ ނައިޓް އަދި ގެސްޓް ހައުސް އެޑިޝަނެވެ. އެހެން އަހަރުތަކާ އެއްގޮތަށް މި އަހަރުގެ ގެސްޓް ހައުސް އެޑިޝަން ވެސް އޮންނާނީ އަތޮޅު ތެރޭގެ ރަށެއްގަ އެވެ. އަދި ގާލާ ނައިޓް އޮންނާނީ ރިސޯޓެއްގަ އެވެ.

comment ކޮމެންޓް