އޮޑިޓަރ ޖެނެރަލް ކަމަށް އައްޔަން ކުރެއްވުމަށް އަލީ ރަޝީދުގެ ނަންފުޅު މަޖިލީހަށް ހުށަހަޅުއްވައިފި

19:00


އޮޑިޓަރ ޖެނެރަލް ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ކުރީގެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސްކަން ކުރެއްވި ޢަލީ ރަޝީދު ޢުމަރުގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.


ޢަލީ ރަޝީދު ޢުމަރަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލިވަރޕޫލުން އެކައުންޓެންސީ ރޮނގުން ބެޗްލަރޒް ޑިގްރީ ޙާޞިލު ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އަދި އޭނާ އަކީ ޗާޓަރޑް ސަރޓިފައިޑް އެކައުންޓެންޓެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ޢަލީ ރަޝީދު މީގެ ކުރިން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސްކަމާއި، އެ ކޮމިޝަންގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ. އަދި އެންޓި-ކޮރަޕްޝަން ބޯޑުގެ އެކި މަގާމުތައް އޭނާވަނީ ފުރުއްވާފަ އެވެ. އޭގެ ތެރޭގައި، އެސައިންޓްމަންޓް އޮފިސަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރު ކަމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމާއި، ޑިރެކްޓަރު ކަމުގެ މަގާމު ހިމެނެ އެވެ.


އޮޑިޓަރ ޖެނެރަލް ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ޢަލީ ރަޝީދު ޢުމަރުގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް މި ހުށަހެޅުއްވީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ނައީމުގެ މައްޗަށް އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން މި އަހަރުގެ މާޗު 29 ގައި ފާސްކުރުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު