އެމްއައިބީގެ ހިއްސާ ވިއްކުމަށް ކަލެކްޝަން ސެންޓަރެއް

އެމްއައިބީގެ އައިޕީއޯ ލޯންޗުކުރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލާޔާސް

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ހިއްސާ ވިއްކުމަށް ހާއްސަ ކަލެކްޝަން ސެންޓަރެއް ގާއިމް ކޮށްފި އެވެ.

އެމްއައިބީ އިން ބުމީ މ. ފާމުދޭރިގެ، (މެޑިކާ ހޮސްޕިޓަލު ކައިރި) ގައި ކަލެކް/ޝަން ސެންޓަރު ގާއިމްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ބޭންކުގެ ބްރާންޗުތަކަށް ޒިޔާރަތްކޮށްގެންވެސް ހިއްސާ ގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ބޭންކުން ބުންޏެވެ.

އެމްއައިބީގެ ހިއްސާ ވިއްކަން ފަށާފައިވަނީ އިއްޔެ އެވެ. އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް އެމްއައިބީގެ ހިއްސާ ގަނެވޭނެއެވެ. އެމްއައިބީގެ ހިއްސާ ވިއްކުން ކުރިއަށްގެންދާނީ ސެޕްޓެމްބަރު 18ގެ ނިޔަލަށެވެ.

އެމްއައިބީ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް އާންމުންނަށް ހިއްސާ ވިއްކަން ފެށި އިރު ޖުމްލަ 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކާނެ އެވެ. އެއީ އެމްއައިބީގައި ހިއްސާ އޮންނަ އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ 2.4 މިލިއަން ހިއްސާ އާއި އާންމު ހިއްސާގެ 69975،000 ހިއްސާ އެވެ. ހިއްސާ ވިއްކަނީ، ހިއްސާއެއް 35 ރުފިޔާގެ މަގުން ނެވެ. މިއީ އެމްއައިބީގެ ހިއްސާގެ 31 ޕަސެންޓެވެ.

ކޮންމެ ފަރާތަކަށް ވެސް ފުރަތަމަ ގަނެވޭނީ ހިއްސާއެއް 35 ރުފިޔާގެ މަގުން ޖުމްލަ 20 ހިއްސާ އެވެ. މި އަދަދު އިތުރު ކުރަން ބޭނުން ނަމަ 10 ހިއްސާ އިން އަދަދު އިތުރުކުރެވިދާނެ އެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން އެކަށައަޅައި ކުރިއަށްގެން ދަނީ އެންޑީއައިބީގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީ އާއި ޝާހު ހުސައިން އެންޑް ކޯގެ ގާނޫނީ ލަފާގެ މަތިންނެވެ. އޮޑިޓް ފާމެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކޭޕީއެމްޖީ އެވެ.

މީގެ އިތުރުން ބޭންކުގެ ބްރާންޗުތަކަށް ގޮސްގެން ވެސް ހިއްސާ ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އެމްއައިބިގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އެމްއައިބީގެ އިތުރުން ބީއެމްއެލްގެ އޮންލައިން ބޭންކިން، ދިރާގު ޕޭ، އުރީދޫ އެމް ފައިސާ މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ އެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން ކުރިއަށްގެންދާނެ ޓައިމްލައިން

  • ހިއްސާ ގަތުމަށް ހުޅުވާލާ ތާރީހް: 28 ޖުލައި 2019
  • ހިއްސާ ގަތުމުގެ މުއްދަތު ހަމަވާ ތާރީހް: 18 ސެޕްޓެމްބަރު 2019
  • ހިއްސާ އެލޮޓް ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހް: 08 އޮކްޓޯބަރު 2019
  • ވިއްކަން ހަމަޖެހިފައިވާ ހިއްސާގެ އަދަދަށްވުރެ އިތުރުވާ ފައިސާ އަނބުރާ ރައްދު ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހް: 28 އޮކްޓޯބަރު 2019
  • އެލޮކޭޓް ކުރެވޭ ހިއްސާ އެމްއެސްޑީގައި ޑިޕޮސިޓް ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހް: 06 ނޮވެމްބަރު 2019
  • ހިއްސާގެ ބާޒާރުގައި މުއާމަލާތް ކުރަން ފެށޭނެކަމަށް ލަފާކުރާ ތާރީހް: 06 ނޮވެމްބަރު 2019
comment ކޮމެންޓް