ރައްޔިތުންގެ މަޖިލީސް:
ކާށިދޫ ދާއިރާގެ މެންބަރު އިންނެވުމުން ޖަލްސާ ކުރިއަށް ނުގެންދެވި ހުއްޓާލައިފި

ދޮޅު އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރައްވާފައިވާ ކާށިދޫ ދާއިރާގެ މެމްބަރު އިސްމާއީލް އަބްދުލް ހަމީދު ބައިވެރިވެ ވަޑައިގަންނަވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުން ހޫނުވެ ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.

ޖަލްސާ ފެށުމާ އެކު ނިޒާމީ މައްސަލަ ނަންގަވައިގެން އިދިކޮޅު ޕީޕީއެމްގެ މެމްބަރުންނާއި މިނިވަން ބައެއް މެމްބަރުން ވިދާޅުވީ ކާށިދޫ ދާއިރާގެ މެމްބަރަކީ ދޮޅު އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މެންބަރެއް ކަމަށެވެ. އެހެންކަމުން އޭނާ އަށް ޖަލްސާގައި ބައިވެރިވެ ވަޑައި ނުގެންނެވޭނެ ކަމަށާއި، އޭނާ ޖަލްސާ އަށް ވަޑައިގަންނަ ވަނީ މައްސަލަ އުފައްދަވަން ކަމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފްކޮށްފައިވީ ނަމަވެސް ހުކުމެއް ތަންފީޒު ކުރަމުންދާ މެމްބަރެއްގެ ކުށް ސާބިތު ނުވާ ކަމަށް މަތީ ކޯޓަކުން ކަނޑަނާޅާ ހިނދަކު އެ މެމްބަރަކަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވިގެން ނުވާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

މާވަށު ދާއިރާގެ މެންބަރު އަބުދުލް އަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވީ، އިސްމާއިލް އަބުދުލްހަމީދުގެ ގޮނޑި ގެއްލިފައިވާ ވާހަކަ ނުދެއްކެވި ނަމަވެސް އެކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން ގޭގައި ހުންނެވުން މާ ރަނގަޅުވާނެ ކަމަށެވެ.

"ކީއްތޯ ވާނީ ސުޕްރީމްކޯޓުން ގޮތެއް ނިމެންދެން ގޭގައި މަޑުކޮށްލެއްވިއްޔާ. އެންމެ މެންބަރަކު މަޖިލިސް ހުއްޓާލުމަށް]ޖަލްސާގައި[ އިންނަވާކަށް ނުޖެހޭނެ،" އަޒީ ވިދާޅުވި އެވެ.

ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ވިދާޅުވީ، ގާނޫނު އަސާސީ ބުނާ ގޮތުން މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ 24 އަޑިއިރުގެ ތެރޭގައި ކޯޓުން މަޖިލީހުގެ ރައީސަށް އަންގަން ޖެހޭ ކަމަށާއި އެގޮތުން އިސްމާއިލް އަބުދުލް ހަމީދުގެ މައްސަލަ ފަނޑިޔާރު އަންގަވާފައިވާ ކަމަށެވެ. އަދި އެ ހުކުމް ތަންފީޒު ކުރަމުންދާކަން ޑީޕީއާރުއެސް އިން މަޖިލީހުގެ ރައީސަށް އަންގަވާފައިވާ އިރު ގާނޫނު އަސާސީގައި ބުނާ މަރުހަލާ ފުރިހަމަވެފައިވާ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ. އެހެންކަމުން އިސްތިއުނާފްގެ މަރުހަލާ ފުރިހަމަކުރަންދެން އިސްމާއިލް އަބުދުލް ހަމީދަށް ޖަލްސާއަށް ވަޑައިނުގަންނަވައި ހުންނެވިދާނެ ކަމަށާއި އޭނާ ޖަލްސާއަށް ވަޑައިގަންނަ ވަނީ ޖަލްސާ ކުރިއަށްގެންދިޔަ ނުދިނުމަށް ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ވިދާޅުވީ، ގާނޫނު ހިންގުމާއި ގާނޫނުގެ ރައްކާތެރިކަން ދިނުމުގައި ހުރިހާ ރައްޔިތުން ހަމަހަމަވާން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނާ އިރު، މަޖިލީހުގެ މެނަރެއް ވިޔަސް ޖިނާއީ ކުށެއް އިއްވާފައި ވަނިކޮށް ގެއިން ޖަލްސާއަށް ވަޑައިގެންނެވޭނެ ކަމަށްވާ ނަމަ އެހެން ރައްޔިތުންނަށް ވެސް އެގޮތް އޮންނަންވާނެ ކަމަށެވެ.

މެންބަރުން ނެންގެވި ނިޒާމީ މައްސަލަތަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ގާނޫނު އަސާސީގެ އިހްތިސާސް ތެރެއިން ކާށިދޫ ދާއިރާގެ މެންބަރުގެ މައްސަލަ އަށް ގޮތެއް ނިންމުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ގާނޫނު އަސާސީގެ 74ވަނަ މާއްދާގައި ބުނެފައި ވަނީ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެކަމާ މެދު ހިޔާލް ތަފާތުވުން އުފެދިއްޖެ ނަމަ އެކަން ބަލައި ގޮތެއް ކަނޑައެޅުން އެއީ ސުޕްރީމްކޯޓުން ކުރަން ޖެހޭ ކަމެއް ކަމަށް. އެކަމަކީ މަޖިލީހުގެ ރައީސް ނުވަތަ މަޖިލީހުގެ މެންބަރުން ނުވަތަ ދައުލަތުގެ އެހެނިހެންވެސް މުއައްސަސާއަކުން ކުރެވޭނެ ކަމެއްކަމުގައި ގާނޫނު އަސާސީއަލު ނުބުނޭ،" ޝާހިދު ވިދާޅުވި އެވެ.

އަދި ޝާހިދު ވިދާޅުވީ މެމްބަރުން އިންތިހާބުކޮށް މަޖިލީހަށް ފޮނުވަނީ ވެސް އިލެކްޝަންސް ކޮމިޝަނުން ކަމަށާއި އެއީ ވެސް މަޖިލީހުން ކުރާކަމެއް ނޫން ކަމަށެވެ. އަދި އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުމަށް އިލެކްޝަނުން މަޖިލީހުގައި އެދިފައިވާ ކަމަށާއި ނަމަވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެކަމަށް ގޮތެއް ނިންމިފައިނުވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނުން އެކަމާ މެދު ސުވާލު އުފައްދަވައި މަޖިލީހަށް ވަނީ ސިޓީއެއް ފޮނުވައިފައި. އެއީ އެކަމާ މެދު ގޮތެއް ކަނޑައެޅުމަށް ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއްހޯދައި ދިނުމަށް. އެ ސިޓީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާ ކުރައްވައި ލަފައެއް ހޯދުމާބެހޭ ގޮތުން މަޝްވަރާ ކުރައްވައި ވަނީ އެއްބަސް ވުމަކަށް ނާދެވިފައި. ގާނޫނު އަސާސީގެ 95 ވަނަ މާއްދާގައި ބުނާ ގޮތުން އިސްތިޝާރީ ލަފައަށް އެދެވޭނީ މަޖިލީހުން ފާސްކުރާ ގަރާރަކުން. އެހެންކަމުން އެކަމަށް ހައްލެއް އަންނާނީ އެކަން ބައްލަވައި ސުޕްރީމްކޯޓުން ގޮތެއް ކަނޑައަޅާ ހިސާބުން. އެހާތަނާ ޖެހެންދެން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށް ފެނިގެން ޖަލްސާބޭއްވީ،" ޝާހިދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އިސްލާއިލް އަބުދުލް ހަމީދުގެ މުސާރަ މަޖިލީހުން ހިފޭއްޓި މައްސަލައިގައި ވެސް ބައެއް މެންބަރުން ވަނީ ޝާހިދާ ސުވާލު ކުރައްވައިފަ އެވެ.

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރާއި ފޮނަދޫ ދާއިރާގެ އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، އިސްމާއިލް އަބުދުލްހަމީދުގެ މައްސަލައިގައި މަޖިލީހުގެ ގަވާއިދަށް ރިޔާސަތުން ހަވާލާ ދެއްވާ އިރު އިސްލާއިލް އަބުދުލް ހަމީދުގެ މުސާރަ ހިފެހެއްޓީ ކޮން ގޮތަކުންތޯ ސާފުކޮށްދެއްވަން ޖެހޭ ކަމަށެވެ.

ޝާހިދު ވިދާޅުވީ އޭނާގެ މުސާރަ މިހާރު ދޫކޮށްފައިވާނެ ކަމަށާއި މުސާރަ ހިފެހެއްޓީ ދިރާސާކުރަން ކަމަށެވެ.
ނަމަވެސް އޭނާގެ މުސާރަ މިހާރު ދޫކޮށްފައިވާ އިރު މުސާރަ ހިފެހެއްޓީ ކޮން ކޯޓަކުން އަމުރުކޮށްގެންތޯ އާއި ގާނޫނު އަސާސީގެ ކޮން މާއްދާއަކުން ނުވަތަ މަޖިލީހުގެ ގަވައިދުގެ ކޮން އަކުރަކުން ބާރު ލިބިގެންތޯ ވެސް އެ މެންބަރުން ތަކުރާރުކޮށް ސުވާލުކުރެއްވި އެވެ.

ހެނދުނު 9:00ގައި ފެށި މިއަދުގެ ޖަލްސާ ނިންމަވާލައްވާފައި ވަނީ 9:22ގަ އެވެ. އަދި ޖަލްސާ ނިންމަވާލައްވަމުން ދެން ޖަލްސާ ބާއްވާނެ ދުވަހެއް ޝާޙިދު އިއްލާނެއް ނުކުރައްވަ އެވެ.

ކާށިދޫ ދާއިރާގެ މެންބަރު އިސްލާއިލް އަބުދުލްހަމީދުގެ މައްސަލައިގައި ހިޔާލު ތަފާތުވެގެން މަޖިލީހުގެ ޖަލްސާ މިދިޔަ ހަފްތާގައި ވެސް ވަނީ ކުރިއަށް ނުގެންދެވިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު