ހިސާން ޔާމީންއަށް: ވަކީލުންގެ ޝަކުވާ ހުށަހަޅަން ޖެހޭނީ ބާ ކައުންސިލަށް

ވަކީލް ހިސާން ހުސެއިން --

ވަކީލުންނާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ހުށަހަޅަން ޖެހޭނީ ބާ ކައުންސިލަށް ކަމަށް ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީގައި ވެސް އިންނަވާ ހިސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވަކީލުންގެ މައްސަލަތައް ހުށަހަޅަން ޖެހޭނީ ބާ ކައުންސިލަށް ކަމަށް ކޮންމެވެސް ބޭފުޅަކު ރައީސް ޔާމީންއަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެއީ ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ މައްސަލައެއް ނޫން ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގައި ދައުލަތުގެ ފަރާތުން ކޯޓްގައި ވަކާލާތު ކުރައްވާ އައިޝަތު މުހައްމަދުގެ ސުލޫކީ މައްސަލައެއް ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަކީ، އެމަނިކުފާނު ހެއްކަށް ނުފޫޒު ފޯރުއްވި ކަމަށް ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ތުހުމަތު ކުރައްވާފައި ވާތީ އެވެ. އަދި އެއީ އަސްލެއް ނެތް ތުހުމަތުތަކެއްކަން އެމަނިިކުފާނު ބަންދުން ދޫކޮށްލުމަށް ހައިކޯޓުން ނެރުނު އަމުރުގައި ވާތީ، އެއީ ދައުލަތުގެ ވަކީލާ ޝަރީއަތުގައި ހެއްދެވި ދޮގެއް ކަމަށް ވެސް ރައީސް ޔާމީން ފާހަގަ ކުރައްވާފައިވެ އެވެ. އެހެކަމުން ރައީސް ޔާމީން ސުޕްރީމް ކޯޓްގެ ކިބައިން އެދިވަޑައިގެންފައި ވަނީ އެމައްސަލަ ބައްލަވައި ދެއްވައި އެ ވަކީލާ އައިޝާ އެ މައްސަލައިގެ ވަކީލް ކަމުން ވަކިކޮށްދެއްވުމަށެވެ.

ދާދިފަހުން އިންތިހާބުކުރި ބާ ކައުންސިލްގެ ގާނޫނުގައިވާ ގޮތުން، ދައުލަތުގެ ޕްރޮސިކިއުޓަރުންނާ ގުޅޭ މައްސަލަތައް ވެސް ބެލުމުގެ އިހުތިސާސް ލިބިގެންވަނީ އެ ކައުންސިލަށެވެ.

comment ކޮމެންޓް