ދިވެހި ހެދުންތަކަށް ދިރުން ގެނެސްދިނީ ލިބާސްސައްބީސް!

ރިފްގާ ލިބާހުގައި --- ފޮޓޯ: ރިފްގާ ޓުވިޓާ

އެއް ޒަމާނެއްގައި ލިބާހަކީ ދިވެހި އަންހެނުން އާންމުކޮށް އަޅައި އުޅުނު ސަޅި ހެދުމެކެވެ. ނަމަވެސް ޒަމާން ބަދަލުވެ، ދިވެހީންގެ ހެދުން އެޅުމުގެ ވައްޓަފާޅި ބަދަލުވުމާ އެކު ލިބާހާއި ދިވެހި ހެދުންތަކަކީ ހަމައެކަނި ހާއްސަ ދުވަސް ދުވަހަށް ބޮޑު ފޮށިން ނަގާ ހެދުންތަކަކަށް ބަދަލުވެ ނިމުނީ އެވެ.

މިހާރު ވެސް ހާއްސަ ދުވަސް ދުވަހާއި ޖަލްސާތަކުން ދިގު ހެދުމާއި، ކަނޑިކި އާއި ހެދުންބުރި ފަދަ ދިވެހި ހެދުންތައް ފެނެ އެވެ. ނަމަވެސް ލިބާސް ފެންނަނީ ވަރަށް ވެސް މަދުންނެވެ. ގިނަ މީހުންގެ އަތުގައި ރީތި ދިގު ހެދުން ހުރި ނަމަވެސް، ލިބާސް ގެންގުޅޭ މީހުން ނެތޭ ބުނާޙާ ވަރުވެ އެވެ. އެކަމަކު ބޯވަޅު އެޅި ލިބާހަކީ ދިވެހި އަންހެނުންނާ އެހާމެ ގުޅޭ، ހާދަ ޗާލު ހެދުމެކެވެ.

މިހާ ރީތި ހެދުމަކާ ދިވެހި އަންހެނުން ދުރުވީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލު ރިފްގާގެ ބޮލުގައި ކޮށަން ފެށީ ޖުލައި 26 ބޯމަތިވާން ފެށުމުން އެވެ. އަދި ދިވެހި އަންހެނުން، ހާއްސަކޮށް ޒުވާނުންގެ މެދުގައި ދިވެހި ލިބާހަށް ލޯބި ޖެއްސުމަށް ކުރެވިދާނެ ކަމަކާ މެދު ދެތިން ރައްޓެއްސަކާ އޭނާ ހިޔާލު ބަދަލުކުރަން ފެށީ އެވެ. ބޭނުންވީ މަރުވެފައި އޮތް ލިބާސްފެށަނަށް ދިރުމެއް ގެނެސްދިނުމެވެ.

ފުރަތަމަ ވާހަކަ ދެކެވުނީ އެންމެން ލިބާސް ލައިގެން ބޮޑު "ލިބާސް ޕާޓީ" އެއް ބާއްވާށެވެ. ނަމަވެސް ހުރިހާ ކުދިންނަށް ވަގުތު ދެވެން ނެތުމުން ދެން އުފަންވެގެން އައީ މާ ސަޅި ހިޔާލެކެވެ. ގިނަ ބަޔަކާ ހަމައަށް ފޯރާނެ، ގިނަ ބަޔަކަށް ބައިވެރިވެވޭނެ ކަމަކެވެ.

ޓްވިޓާގައި މަޝްހޫރުވެ ހިނގައިގެންފައިވާ #ލިބާސްސައްބީސް ފެށިގެން އައީ މިހެންނެވެ. ރިފްގާގެ ހިޔާލަކަށް މި ހޭޝްޓެގް އުފަން ކުރުވީ އެކުވެރި، ސަނާޔާ އެވެ. ޖުލައި 26 އަކީ އެންމެން ލިބާހުގައި ނުކުންނަ #ލިބާސްސައްބީސް އަކަށް ހެދުމަށް މަސައްކަތް ފެށީ އެވެ. އަދި އެކަމަށް ހާއްސަކޮށްގެން ޓެލެގްރާމް ގްރޫޕެއް ވެސް މިވެރިން ހެދީ އެވެ.

އެހާ ހިސާބުން ގިނަ ބަޔަކަށް އެ ހިޔާލު ކަމުގޮސް، އެ ގްރޫޕާ ގުޅި #ލިބާސްސައްބީސް ރަނގަޅަށް ހިންގާލީ އެވެ. އެންމެ ފަހުން އެއީ ހޭޝްޓެގަކަށް ވުރެ ބޮޑަށް ބޮޑު ހަރަކާތަކަށް ބަދަލުވެގެން ދިޔައީ އެވެ. އެއީ މިހާރު ދިވެހި ފެޝަންގެ އެންމެ ޓްރެންޑިން ހަރަކާތެވެ.

ޓުވިޓާގައި ދުން ޖަހާފައި ހޭޝްޓެގް ދައުރުވާން ފެށީ އެވެ. ސިޔާސީ ބައެއް ފަރާތްތަކާއި ފިލްމީ ފަންނާނުންނާއި ލަވަކިޔުންތެރިން ވެސް މި ހަރަކާތުގައި މިހާރު ބައިވެރިވެއްޖެ އެވެ. ތުއްތު ކުއްޖާއިން ފެށިގެން މާމަ މެންގެ ފޮޓޯތައް ވެސް ހޭޝްޓެގް އާއެކު ޓުވިޓާއަށް ބަންޑުން ވާން ފެށީ އެވެ.

އަތުގައި ލިބާސް ނެތް މީހުން އެމީހުން ކުޑައިރު ލިބާހުގައި ނަގާފައި ހުރި ފޮޓޯތަކާއި، މާމަ ނުވަތަ މުނި މާމަމެންގެ ފޮޓޯ ވެސް ޓުވިޓާއަށް ދޫކޮށްލަން ފެށި އެވެ.

ދެން ފެނިގެން ދިޔަ އެންމެ އުފާވެރި މަންޒަރަކީ މި ހަރަކާތުގައި ފިރިހެނުން ވެސް ފޯރިނަގަން ފެށުމެވެ. ފިރިހެނުން ވެސް ވަނީ ފޭއްޔާއި މުންޑު އަނދެގެން ފޮޓޯ ޓުވީޓް ކުރަން ފަށައިފަ އެވެ. އަދި މިފަދަ މޮޅު ހިޔާލެއް އުފަންކުރީތީ އަންހެނުންނަށް އެ މީހުން ސާބަސް ކިޔަ އެވެ.

މި ހަރަކާތުގައި ކުރަން ޖެހޭ ކަމަކީ ލިބާހުގައި ނުވަތަ ދިވެހި ހެދުމެއްގައި ހުރި ހެދުމެއް #ލިބާސްސައްބީސް ހޭޝްޓެގް އާއެކު ޓުވީޓު ކޮށްލުމެވެ. މި ހޭޝްޓެގްގެ މަގްސަދަކީ ދިވެހި ހެދުމަށް ދިވެހިންގެ މެދުގައި ލޯބި ޖައްސައި، ދިވެހި ހެދުމަކީ ހަމައެކަނި ޖަލްސާއެއްގައި ބޭނުންކުރާ ހެދުމެއްގެ ގޮތުގައި އޮތް އޮތުން ބަދަލު ކޮށްލުމެވެ.

"ފުރަތަމަ ވެސް ވަރަށް ފޯރި އާއެކު ފެށުނީ. އެކަމަކު ދޭތެރެއަކުން ކުޑަކޮށް މަޑުޖެހިލި. އެހެންވެ ކުޑަކޮށް ކަންބޮޑުވި މީތި ނުހިނގަފާނެތީ. އެކަމަކު ދުވަސް އައުމުން ކޮންމެ މީހަކު ވެސް ވަނީ ވަރަށް ފުރިހަމައަށް އެމީހެއްގެ ރޯލު އަދާކޮށްފައި. އަދި ދިވެހި ހެދުމަށް ހިތުގައި އޮތް ލޯބި ދައްކުވައިދީފައި. އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ހެދުން އެޅުން އާންމު ކުރުން. މިކަހަލަ ދުވަހަކީ މިކަން ފަށަން ރަނގަޅު ދުވަހެއް،" ރިފްގާ ބުންޏެވެ.

ހަމަގައިމު ވެސް #ލިބާސްސައްބީސް އަށް ލިބުނު ބޮޑު ތަރުހީބުން، ދިވެހިންގެ ހިތުގައި ދިވެހި ހެދުމަށް އޮތް ލޯބި ފަޑުވެ ނުދާކަން ޔަގީންވެއްޖެ އެވެ. އެހެންވެ، މިކަން އަދި މިހާހިސާބުން ނިންމާލަން ރިފްގާމެންގެ ވިސްނުމެއް ނެތެވެ.

ރިފްގާމެން ބޭނުންވަނީ، ކޮންމެ ހާއްސަ ދުވަހަކާ ގުޅުވައިގެން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާ ބޮޑު "މޫވްމަންޓް" އަކަށް މިކަން ހަދާށެވެ. މި މޫވްމަންޓް ވެގެންދާނީ #ލިބާސްމޫވްމަންޓް އަށެވެ.

އެގޮތުން ކުރިއަށް އޮތް އީދަށް ވެސް #ލިބާސްއީދު ކުރިއަށް ގެންދަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އީދު ހާއްސަ ވެގެންދާނީ ދެ ޖިންސުގެ ކުދިބޮޑު އެންމެހާ ދިވެހިންނަށެވެ. އަންހެން ވެރިން ދިވެހި ހެދުމުގައި ނުކުންނަން އިރު، ފިރިހެން ވެރިން ވެސް މުންޑާއި ފޭލި "ރޮކް" ކޮށްލަން ރިފްގާމެން އެދެ އެވެ. "އީދު ހެދުން" އޭގެ ޒާތުގައި ފުރިހަމަ ވާނީ އޭރުންނެވެ.

ރިފްގާގެ އެދުމަކީ އީދުގެ މި ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އަނބިކަނބަލުން ފަޒްނާ އަހްމަދު ވެސް ބައިވެރިވެވަޑައިގަތުމެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ ދެން ފަހަރަކުން މި ހަރަކާތުގައި ރައީސް އަދި ފަސްޓް ލޭޑީ ވެސް ބައިވެރިވެވަޑައިގަތުން،" ރިފްގާ ބުންޏެވެ.

ދިވެހި އާދަކާދަ އާއި ދިވެހި ސަގާފަތް ދިރުވަން ތިބީ ޒުވާނުންނެވެ. މިއީ ޒުވާން ރިފްގާގެ އިޝާރާތަކުން ފެށުނު ނަމޫނާ ހަރަކާތެކެވެ. މި ޓީމްގެ މަސައްކަތަށް ސާބަހާ އައްސަރިބަހެވެ!

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު