ރާއްޖޭގެ މާކެޓުގައި މިހާރު ވިއްކަމުން އަންނަ ޖަރުމަނުގެ އުފެއްދުމެއް ކަމުގައިވާ 'ޖާސްޓެލް' ބުއިމުގައި ބަނގު އާވި ހުންނަ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިއަދު "ސަން" އަށް ވިދާޅުވީ، އެ ބުއިމުގައި އެއީ ބަނގުރާ އެކުލެވިގެން ނުވާ ބުއިމެއްގެ ގޮތުގައި ޖަހާފައި އިން ނަމަވެސް، އޭގައި ބަނގު އާވި ހިމެނޭ ކަމަށެވެ.
ރާއްޖޭގެ އާންމު ފިހާރަތަކުން އެ ބުއިން ވިއްކަމުން އަންނާތީ އުމަރު ވަނީ އެކަން ފުލުހުންނާއި ކަސްޓަމްސްގެ ސަމާލުކަމަށް ގެނެސްފައެވެ.
އަދި އެކަން ބެލުމަށްފަހު އެ ބުއިން ފިހާރަތަކުން ނެގުމަށް ވެސް އުމަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
އުމަރު 'ސަން' އަށް ވިދާޅުވީ މިހާރު އެކަން ފުލުހުންނާއި ކަސްޓަމްސްގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށާއި، އެކަމާ މެދު ފިޔަވަޅު އަޅާތަން ނުފެނިއްޖެ ނަމަ ރަސްމީކޮށް އެކަން ހުށަހަޅުއްވާނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.