ރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމިކް ބޭންކިންގެ ހިދުމަތް ރަސްމީކޮށް ފެށިގެން އައީ 2011 ވަނަ އަހަރު އެވެ. އެއީ މޯލްޑިވްސް އިސްލާމިކް ބޭންކްގެ ނަމުގަ އެވެ. ބޭންކުގެ ހިދުމަތް ފެށުމާ އެކު ގިނަ އަދަދެއްގެ ދިވެހިން އެ ބޭންކުގެ ކަސްޓަމަރުންނަށް ވިއެވެ. ފާއިތުވި އަށެއްކަ އަހަރުގެ މާޒީގައި ބޭންކުން ވަނީ ކަސްޓަމަރުންގެ އިތުބާރު ހޯދައިފަ އެވެ. ރާއްޖޭގައި އެންމެ ކުރީސަފުގައި ކޮމާޝަލް ބޭންކިންގެ ހިދުމަތްދޭ ބޭންކުތަކުގެ ތެރޭގައި އެމްއައިބީ ގުނާލެވެ އެވެ.
ކަސްޓަމަރުންގެ އިތުބާރު ޔަގީން ކުރުމަށް ފަހު އިސްލާމިކް ބޭންކުން މިހާރު މިސްރާބު ޖަހާފައި ވަނީ އެ ބޭންކުގެ ހިއްސާ ދިވެހީންނަށް ވިއްކުމަށެވެ. މިހާރު އެމްއައިބީ އަކީ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ 70 ޕަސެންޓް ހިއްސާ އާއި ރާއްޖޭގެ ސަރުކާރުގެ 25 ޕަސެންޓް ހިއްސާ އަދި އަމާނާ ތަކާފުލްގެ ފަސް ޕަސެންޓް ހިއްސާ އޮންނަ ބޭންކެކެވެ.
އެ ބޭންކުގެ 31 ޕަސެންޓް ހިއްސާ އާންމުންނަށް ވިއްކަން ނިންމައި އެކަން އިއުލާނު ކޮށްފައިވާ އިރު އެއީ 244 މިލިއަން ރުފިޔާގެ ހިއްސާ އެވެ. ހިއްސާ ވިއްކަން ފަށާނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 18ގެ ނިޔަލަށެވެ.
އޮންލައިންކޮށް އަދި ބޭންކުގެ ބްރާންޗުތަކަށް ގޮސްގެން ވެސް ހިއްސާ ގަނެވޭނެ އެވެ. އެމްއައިބިގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އެމްއައިބީގެ އިތުރުން ބީއެމްއެލްގެ އޮންލައިން ބޭންކިން، ދިރާގު ޕޭ، އުރީދޫ އެމް ފައިސާ މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
އާންމުންނަށް ވިއްކަން ނިންމާފައި ވަނީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އާ އެކު ޖުމްލަ އާންމު ހިއްސާގެ 6.10 މިލިއަން ހިއްސާ އެވެ.
- ހިއްސާ ވިއްކާނީ ހިއްސާ އެއް 35 ރުފިޔާގެ މަގުން
- ކޮންމެ ފަރާތަކަށް ވެސް މަދުވެގެން ފުރަތަމަ ގަނެވޭނީ 20 ހިއްސާ
- އެއީ ޖުމްލަ 700 ރުފިޔާގެ ހުއްސާ
- މި އަދަދު 10 ހިއްސާ އިން ބޭނުން ވަރަކަށް އިތުރު ކުރެވޭނެ
އެމްއައިބީގެ ސީއީއޯ އަބުލް އިހްތިޝާމް އަބްދުލް މުހައިމިން މީގެ ކުރިން ވިދާޅުވީ ރާއްޖޭގެ އިސްލާމިކް ބެންކުގެ ހިއްސާ ދިވެހި ރައްޔިތުންނަށް ވިއްކުމަށް އެ ބޭންކުން ނިންމުމަކީ ލިބިލެއްވި އުފަލެއް ކަމަށެވެ. މި ފުރުސަތުގެ ބޭނުން ހިފުމަށް ރައްޔިތުންގެ ކިބައިން ސީއީއޯ ވަނީ އެދިލައްވައިފަ އެވެ.
އިސްލާމިކް ބޭންކުން ހިއްސާ ގަންނަންވީ ކީއްވެހެއްޔެވެ؟ ހިއްސާ ގަންނަން އިންވެސްޓުކޮށްގެން އޭގެ ފައިދާ ލިބޭނެ ކަމަށް އޮތީ ކޮން ޔަގީންކަމެއް ހެއްޔެވެ؟ އިސްލާމިކް ބޭންކުގެ ޗީފް ފައިނޭންޝަލް އޮޮފިސަރު އަލީ ވާސިފް ވިދާޅުވީ ހިއްސާ ގަންނައިރު ކުންފުނީގެ ޕޮޓެންޝަލް އަށް ބަލާ ކަމަށެވެ. ކުންފުނި ކުރިއަރަމުންދާ މިންވަރަށް ވެސް ބަލާ ކަމަށެވެ. މި ދެކަމަށް ބެލިނަމަވެސް އިސްލާމިކް ބޭންކަކީ ޕޮޓެންޝަލް އޮތް، ހަލުވި ކަމާއެކު ކުރިއަރަމުންދާ ކުންފުންޏެއް ކަމަށް ވާސިފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ޑިވިޑެންޑް އޭންގަލް އިން ބަލާނަމަ، އިންވެސްޓަރުން ހިތްހަމަޖެހޭނެ އެއްޗެއް ދިނުން،" - ވާސިފް/ ސީއެފްއޯ، އެމްއައިބީ
އިސްލާމިކް ބޭންކުން ދޭ ޔަގީންކަމަކީ، އެ ބޭންކުން ހިއްސާ ގަތުމަކީ މުސްތަގުބަލުގައި ކުރިއަރައި އަގު އިތުރުވުމުގެ ފުރުސަތު ބޮޑު އިންވެސްޓުމެންޓެއް ކަމެވެ. ޑިވިޑެންޑުގެ އޮނިގަނޑު ބައްޓަން ކުރެވިފައިވާނީ ރަނގަޅު ފައިދާއެއް ލިބޭނެ ގޮތަކަށެވެ. މިއީ ކުރިއަރައިގެން އަންނަ ދިވެހި އިގްތިސޯދުގެ ހުރިހާ ލޭނާރަކާއި ގުޅިފައިވާ ދާއިރާއެއްގައި ހިއްސާވުމުގެ ފުރުސަތެއް ކަމަށް އެ ބޭންކުން ބުންޏެވެ.
- ހިއްސާ ގަތުމަށް ހުޅުވާލާ ތާރީހް: 28 ޖުލައި 2019
- ހިއްސާ ގަތުމުގެ މުއްދަތު ހަމަވާ ތާރީހް: 18 ސެޕްޓެމްބަރު 2019
- ހިއްސާ އެލޮޓް ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހް: 08 އޮކްޓޯބަރު 2019
- ވިއްކަން ހަމަޖެހިފައިވާ ހިއްސާގެ އަދަދަށްވުރެ އިތުރުވާ ފައިސާ އަނބުރާ ރައްދު ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހް: 28 އޮކްޓޯބަރު 2019
- އެލޮކޭޓް ކުރެވޭ ހިއްސާ އެމްއެސްޑީގައި ޑިޕޮސިޓް ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހް: 06 ނޮވެމްބަރު 2019
- ހިއްސާގެ ބާޒާރުގައި މުއާމަލާތް ކުރަން ފެށޭނެކަމަށް ލަފާކުރާ ތާރީހް: 06 ނޮވެމްބަރު 2019
އިސްލާމިކް ބޭންކުގެ ހިއްސާ ދާރަކަށް ވުމަކީ އިސްލާމިކް ފައިނެންސިން ކުރިއަރަމުންދާ މި ޒަމާނުގައި ކުރެވޭނެ ރަނގަޅު އިންވެސްޓުމެންޓަކަށް ވާނެ އެވެ.