ބޮޑެތި މަޝްރޫއުތަކަށް ބަޖެޓުގައި ފައިސާއެއް ނެތް

ޕްލޭނިން މިނިސްޓަރު އަސްލަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތް ކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ކަނޑައަޅާފައިވާ އިންފްރާސްޓްރަކްޗާގެ ބޮޑެތި މަޝްރޫއުތައް ނުފެށިވަނީ ކީއްވެތޯ "ސަން" އިން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ ބޮޑެތި މަޝްރޫއުތައް ވަގުތުން ވަގުތަށް ކުރިއަށް ގެންދަން ބަޖެޓު ނެތް ކަމަށެވެ.

"މާ ބައިވަރު ލާރިއެއް މިހާރު ނުހުންނާނެ ބަޖެޓުގައެއް. ބާކީ ހުރި މަޝްރޫއުތައް ހަވާލުކުރާކަށް. ބައިވަރު ރަށްތަކެއްގެ އަދަދުތަކެއް ހުރެދާނެ. އެކަމަކު ބާކީ ލާރިއެއް ނެތް ދެންހުރި މަޝްރޫއުތަކަށް،" ޕްލޭނިން މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ފައިސާ ހުރެގެން އެއްވެސް ބޮޑު މަސައްކަތަކަށް އެޓެންޑު ނުވެއެއް ނޯންނާނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް 1.1 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބަނދަރު ހެދުމާއި، ފެނާއި ނަރުދަމާ އަދި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކެވެ. ބަޖެޓުގައި ކަނޑައަޅާފައިވާ މަޝްރޫއުތައް ފެށިއިރު އިސްކަން ދިނީ ފައިސާ ހުރި މިންވަރަކުން އަހަރުގެ އެކި ހިސާބުތަކުގައި ޕްރޮޖެކްޓުތައް ފެށުމަށް ކަމަށްވެސް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

"ބަޖެޓުގައި ފައިސާ ހުރި މިންވަރަކުން އަހަރުގެ ކިހާ ހިސާބެއްގައިތޯ މަސައްކަތް ފެށޭނީ ބަލާފައި، އެންމެ ބޮޑުކޮށް ބަޖެޓުގައި ފައިސާ ހިމަނާފައިވާ، މުޅި މަޝްރޫއު އެކީ ނިންމާލުމަށް ބަޖެޓުގައި ފައިސާ ހިމެނިފައިވާ މަޝްރޫއުތައް އަހަރުގެ ކުރީކޮޅު ފަށައިގެން [ކުރިއަށް ގެންދަނީ]. އެންމެ ކުޑަ އަދަދަކަށް ފައިސާ ހިމެނިފައިވާ މަޝްރޫއުތައް އަޅުގަނޑުމެން ފަހުކޮޅު ފަށަން ރާވާފައި އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ، އެގޮތަށް ރާވާފައި އޮތީ ބަޖެޓުގައި ފައިސާ ނެތިގެން ވަކި ހިސާބަކުން މަސައްކަތް ހުއްޓާލަން ޖެހިދާނެ ކަމަށްޓަކާ ކަމަށެވެ.

"1.3 ބިލިއަން ރުފިޔާގެ މަޝްރޫއުތައް އެބަހުރި ބަޖެޓުގައި ހިމަނާފައި، އޭގެ ތެރެއިން 36 މަޝްރޫއެއް މިހާރު ވާނީ އެވޯޑުކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް މަޝްރޫއުތަކަށް ބަޖެޓުކޮށްފައިވަނީ ކުޑަ އަދަދެއް ކަމަށާއި އެގޮތުން އެއް މިލިއަން ރުފިޔާ ބަޖެޓުކޮށްފައިހުރި މަޝްރޫއުތައްވެސް އެބަހުރި ކަމަށެވެ.

"އެހާވަރުން އެޑްވާންސްވެސް ނުދެއްކޭނެ" ޕްލޭނިން މިނިސްޓަރު ވިދާޅުވި އެވެ.

މިހާތަނަށް އެވޯޑުކޮށްފައިވާ މަޝްރޫއުތައް

  • ފެނުގެ ތިން މަޝްރޫއެއް
  • ނަރުދަމާގެ އެއް މަޝްރޫއެއް
  • ފެނާއި ނަރުދަމާގެ 11 މަޝްރޫއެއް
  • މަގުހެދުމުގެ ހަތްމަޝްރޫއެއް
  • ބަނދަރު ހެދުމުގެ 14 މަޝްރޫއެއް

ކުރީގައި އެވޯޑުކޮށްފައިވާ މަޝްރޫއުތަކާއެކު މިހާރު 1.7 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިނގަމުންދާކަމަށް ޕްލޭނިން މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުން ހަވާލުވީ ކުރީ ސަރުކާރުން ހުށަހެޅި ބަޖެޓެއް ފާސްކޮށްފައި ވަނިކޮށްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ބަޖެޓުގައި ހިމަނާފައި ހުރި މަޝްރޫއުތަކާއެކު މި ސަރުކާރުގެ ގައުމީ ތަރައްގީގެ ޕްލޭނުގައި ހިމެނޭ މަޝްރޫއުތައްވެސް ކުރިއަށް ގެންދާނެ ކަމަށެވެ. ބަޖެޓު އޮތް މިންވަރަކުން މަޝްރޫއުތަކުގެ ޕްލޭނިން އަދި ޑިޒައިންގެ މަސައްކަތްތައްވެސް ހަވާލުކުރަމުންދާ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މިހާރު އީއައިއޭ އަށް ހުޅުވާލާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ތިން ސަރަހައްދެއްގައި ކޯޒްވޭ އެޅުމުގެ މަޝްރޫއު ހިިމެނެ އެވެ. އޭގެ ތެރޭގައި މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މ. މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުވެސް ހިމެނެއެވެ. އެ މަސައްކަތަށް 2.68 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފަ އެވެ.

މީގެ އިތުރުން މ އަތޮޅުގައި އެއާޕޯޓު އެޅުމަށް 39.85 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ. ހދ މަކުނުދޫގައި އެއާޕޯޓު އެޅުމަށް ކުރަންޖެހޭ ދިރާސާތަކަށް ބަޖެޓުކޮށްފައިވަނީ އެންމެ ފަސް ލައްކަ ރުފިޔާ އެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި އަޅާ ވިޔަފާރި ބަނދަރުތައް ގާއިމް ކުރުމުގެ މަސަައްކަތުގައި ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ. މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުުގައި ފާސްކޮށްފައިވަނީ 30 ބިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް