އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު ބަދުނާމްކޮށް ހަގީގަތާ ޚިލާފް ވާހަކަ ދައްކަމުންދާ ކަމަށް ބުނެ، އެމްޑީޕީން އެކަން ކުށްވެރިކޮށްފި

އިދިކޮޅު ބައެއް ފަރާތްތަކުން ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު ބަދުނާމްކޮށް ހަގީގަތާ ޚިލާފް ވާހަކަ ދައްކަމުންދާ ކަމަށް ބުނެ، އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.


މިކަން ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު މޫސާ މަނިކުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ބައެއް މީޑިއާތަކުންނާއި އިދިކޮޅު ބައެއް ފަރާތްތަކުންނާއި އެސްއެމްއެސްގެ ޒަރީއާއިންނާ އެނޫން ވެސް ގޮތް ގޮތުން ހަގީގަތާ ޚިލާފް ދޮގު ޚަބަރުތައް ފަތުރަމުންދާ ދިއުން އެޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.


ވޭތުވެދިޔަ ސަރުކާރުން ވެރިކަން ދެމެހެއްޓުމުގެ ބެނުމުގައި މަސްތުވާތަކެއްޗަށް ހުޅުވާފައިވާ ދޮރުތައް ބަންދުކުރުމަށް އެންމެ ހަރުއަޑުން ވަކާލާތު ކުރައްވާ އެއް ބޭފުޅެއް ކަމަށްވާ ރީކޯ މޫސަގެ އިސްތަށިފުޅުގައި ދޮގު ބަދުނާމު އަޅުވައި، އެމަނިކުފާނު ހެޔޮހާލުކޮޅުގައި އާއިލާއާއެކު ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް އެމަނިކުފާނުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އެއްވެސް ޒިންމާދާރު ކަމެއް ނެތި ދޮގު ވާހަކަތަކެއް ފަތުރަމުން ދިއުމަކީ އެޕާޓީގެ އާންމު މެމްބަރުންގެ ހިތްތަކަށް ނުތަނަވަސްކަން ވެރިވެ އެކަމާ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެބަޔާނުގައި ބުންޏެވެ.


މުސާ މަނިކުގެ ނަންމަތީ ރަޖިސްޓްރީ ކޮށްފައިވާ ކާރުކޮޅަކުން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ މައްސަލައިގައި މިހާތަނަށް ވެސް ފުލުހުން އާންމުންނަށް ކަމުގެ ހަގީގަތް އެންމެ އެކަށީގެންވާ ގޮތުގައި ހާމަކޮށްފައި ނުވުމުގެ ސަބަބުން އާންމު ރައްޔިތުންގެ ހިތްތަކަށް ވެރިވަމުންދާ ނުތަނަވަސްކަން އިތުރުވެގެންދާތީ ވީހާވެސް އަވަހަށް އެމައްސަލައިގެ ތަހުގީގު ނިންމައި ކަމުގެ ހަގީގަތް ހާމަކުރުމަށް ފުލުހުންނަށް އިލްތިމާސްކުރާ ކަމަށް ވެސް އެނޫސްބަޔާނުގައި ވަނީ ބުނެފަ އެވެ.


އިދިކޮޅު ފަރާތްތަކުން ސިޔަސީ މަގްސަދެއް ހާސިލު ކުރުމަށްޓަކައި ތަފާތު އެކި އުކުޅު ބޭނުންކޮށް މުސާ މަނިކުގެ އިމްތިޔާޒަށް އަރައިގެންފައި ވާތީ އެކަމުގައި ޒިންމާވާ ފަރާތްތައް ވީހާވެސް އަވަހަށް ހޯދައި އެބަޔަކާ މެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ކަމާބެހޭ އިދާރާތަކަށް އެމްޑީޕީގެ ނޫސްބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު