އީރާންގެ ޑްރޯންއެއް ވައްޓާލިކަމަށް ބުނާ ވާހަކަ އެގައުމުން ދޮގުކޮށްފި

އީރާންގެ ޑްރޯންއެއް--- ފޮޓޯ: ރޮއިޓާސް

އެމެރިކާއިން އީރާންގެ ޑްރޯންއެއް ވައްޓާލިކަމަށް ބުނާ ވާހަކަ އީރާންއިން ދޮގުކޮށްފި އެވެ.

އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރުތައް ކައިރީގައި އުދުހުނު އީރާންގެ ޑްރޯންއެއް ވައްޓާލައިފައިވާ ކަމަށް ރޭ އެމެރިކާއިން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އިރާންގެ ޑްރޯން ވައްޓާލީ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރާ 900 މީޓަރު ކައިރިން އުދުހެމުން ދަނިކޮށް ކަމަށެވެ.

އީރާނުގެ ސީނިއާ އޮފިޝަަލަކު ތަސްނީމު ނިއުސް އޭޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހޮރުމޫޒް ކަނޑުއޮޅި ސަރަހައްދުގައި ހަރަކާތްތެރިވި ހުރިހާ ޑްރޯންއެއް ވެސް އޭގެ މިޝަން ފުރިހަމަކޮށް އީރާންގެ ބޭސްތަކަށް ޖައްސާފައިވާ ކަމަށެވެ. އަދި އެމެރިކާއިން އީރާންގެ ޑްރޯންއެއް ވައްޓާލިކަމަށް ބުނަނީ އަނެއްކާ ވެސް އެ ސަރަހައްދުގެ މަޝްރަހު އިތުރަށް ގޯސްކުރުމުގެ ނިޔަތުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އީރާންގެ ޑެޕިއިޓީ ފޮރިން މިނިސްޓަރު ސައީދު އައްބާސް އަރަގުޗީ ވިދާޅުވީ އީރާންގެ ޑްރޯންއެއް ވައްޓާލައިފައިވާ ނުވާ ކަމަށެވެ. އަދި ފަހަރެއްގައި އެ ޑްރޯންއަކީ އެމެރިކާގެ އަމިއްލަ ޑްރޯންްއެއްކަމަށް ވެދާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާންއިން ދާދި ފަހުން ވަނީ އެމެރިކާގެ ޑްރޯންއެއް އެގައުމުގެ ވައިގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ވައްޓާލައިފަ އެވެ. އެ މައްސަލަ ހޫނުވެ އީރާންއަށް ހަމަލާ ދިނުމަށް ވެސް ޓްރަމްޕް އަމުރުކުރެއްވި އެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެ ނިންމުން ޓްރަމްޕް ވަނީ އަނބުރާ ގެންދަވައި ހަމަލާ ދިނުމަށް ދެކޮޅު ހައްދަވައިފަ އެވެ.

comment ކޮމެންޓް