ބަލަބަލާ ތިއްބާ ބިދޭސީން ވިޔަފާރިތައް އަތުލައިފި!

ލޯކަލް މާރުކޭޓް ގޮޅިއަކުން މޭވާ ނެގުމައް ފަހު ވިއްކަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އާލާމް އަހުމަދު (އަސްލު ނަމެއް ނޫން) މީގެ 10 އަހަރު ކުރިން ރާއްޖެ އައީ އާދައިގެ ލޭބަރެއްގެ ގޮތުގަ އެވެ. އަހަރެއްހާ ދުވަހު ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅުމަށް ފަހު، އޭނާ މަސައްކަތް ކުރާ ސައިޓުން "ފިލީ" މުސާރަ ނުދީގެން އެވެ. ދެން އެއިރަކު ޖެހުނު ތަނެއްގައި މަސައްކަތެއް ކުރަމުން ގޮސް، މިއަދު އޭނާ އަކީ، މާލޭގައި ބިދޭސީންނަށް ހާއްސަ ބޮޑެތި ވިޔަފާރިތައް ކުރާ ވިޔަފާރިވެރިއެކެވެ. ދިވެއްސަކަށް ވުރެވެސް ފަރިތަކޮށް އޭނާ ދިވެހިން ވެސް މިހާރު ވާހަކަ ދައްކަ އެވެ. އެކި ވިޔަފާރިތަކުގެ ތެރެއިން މީނާ ބޮޑު މަހުޖަނަކަށް ވެއްޖެ އެވެ.

ނުކުރާ ވިޔަފާރިއެއް ނެތް!

އާލާމްގެ އެންމެ ފުޅާ ވިޔަފާރިއަކީ ހޮޓަލާއި ކެފޭ ހިންގުމެވެ. އޭނާ މާލޭގެ ދެ ސަރަހައްދެއްގައި ބިދޭސީންނަށް ކެއުމުގެ ހިދުމަތް ދޭ ހޮޓާތައް ހިންގަ އެވެ. އެ ތަންތަން ރަޖިސްޓްރީ ކޮށް ހުއްދަ ނަގާފައި ހުންނަނީ ދިވެއްސެއްގެ ނަމުގަ އެވެ. އޭނާގެ އެންމެ ހޮޓަަލަކުން ވެސް، ހާހެއްހާ ބިދޭސީންނަށް ކޮންމެ މަހަކު ހިދުމަތްދެ އެވެ. އެއިން ކޮންމެ މީހެއްގެ އަތުން މަހަކު 1،000 ރުފިޔާ އާލާމްއަށް ލިބެ އެވެ. އެންމެ ހޮޓަލަކުން އޭނާ މަހެއްގެ މައްޗަށް އެއް މިލިއަންގެ އާމްދަނީއެއް ހޯދަ އެވެ. ހަރަދުތަކަށް ކަނޑާފައި ހަލައްކައެއްހާ ރުފިޔާގެ ސާފު ފައިދާއެއް އޭނާ ނެރެ އެވެ.

މީގެ އިތުރުން މާލޭގައި ކަންމަތީ ފިހާރައެއްވެސް އާލާމް އިންވެސްޓްކޮށްގެން ދިވެއްސަކު އަންނަނީ ހިންގަމުން އެވެ. އެތަނުން ވެސް ސާފު ފައިދާއަށް އޭނާ 200،000 ރުފިޔާ ކޮންމެ މަހަކު ހޯދަ އެވެ. އަދި ބަންގްލަދޭޝްގެ މީހުން ބަހައްޓާ ގެސްޓްހައުސްއަކަށް ވެސް އޭނާ މިފަހުން އިންވެސްޓްކުރި އެވެ. އެތަނުން ވެސް އޭނާއަށް ރަނގަޅު އެއްޗެއް ވަނީ ލިބެން ފަށައިފަ އެވެ. އޭނާ އަކީ ބަންގަލަދޭޝްއިން މީހުން ރާއްޖެ ގެންނަން ރެކުރޫޓް ކުރުމުގައި އެހީ ވެދޭ ވެސް މީހެކެވެ. އޭނާގެ ފަރާތުން ރާއްޖެ އަންނަ ކޮންމެ މީހެއްގެ އަތުން ކޮމިޝަން ލިބެ އެވެ. މީހެއްގެ އަތުން 600 ޑޮލަރު އޭނާއަށް ލިބެ އެވެ. މި ހުރިހާ ވިޔަފާރިތަކާ އެކު އާލާމްއަކީ މިހާރު ބޮޑު މުއްސައްޖެކެވެ. ދިވެހިންނަށް އިންވެސްޓްކުރަން އޭނާ ފައިސާވެސް ދީ ބައެއް އެހެން ވިޔަފާރިތައް ވެސް ހިންގަ އެވެ.

އާލާމް ކަހަލަ މިކަހަލަ ކިތަންމެ ބިދޭސީއެއް ރާއްޖޭގައި އެބަ އުޅެ އެވެ. ކަންމަތީ ފިހާރަތަކާއި ސައި ހޮޓަލުގެ ވިޔަފާރިތައް މިހާރު ކޮންޓްރޯލް ކުރަނީ އެ މީހުން އެވެ. އެ މީހުންނަށް ބައި ނާޅާ އެ ވިޔަފާރިތަކެއް ނުކުރެވެ އެވެ. އެ މީހުން އެ ވިޔަފާރިތައް ކުރަނީ ދިވެހިންގެ ނަމުގަ އެވެ. އެ މީހުންނަށް ބައި އެޅޭ ގޮތަށެވެ.

"ފައިސާ އޮތީ އެ މީހުންގެ އަތުގައި. އެ މީހުން އިންވެސްޓްކޮށްލަން ފައިސާ ދޭ. އެ މީހުންނަށް ފައިދާއިން ބައެއް ދޭން ޖެހެނީ. އެހެންވެ، ބިދޭސީންނާ ގުޅިގެން ވިޔަފާރި މި ކުރަނީ،" ބިދޭސީއަކު އިންވެސްޓްކޮށްގެން މާލޭގައި ކަންމަތީ ފިހާރައެއް ހިންގާ ދިވެއްސަކު ބުންޏެވެ.

މާރުކޭޓު ސަރަހައްދަށް މީހަކު ކުރުނބާތަކެއް ގެންދަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެކަމަކު، ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން ބިދޭސީއިން ރާއްޖޭގައި ވިޔަފާރި ކުރުމަކީ މަނާކަމެކެވެ. ވޯކް ވިސާގައި އައިސް މަސައްކަތް ކުރުން ނޫން ކަމެއް ނުކުރެވޭނެ އެވެ. އެކަމަކު، ބިދޭސީން ރާއްޖޭގައި ވިޔަފާރިކޮށްގެން ބޮޑު ފައިދާއެއް ނަގަ އެވެ. އެ މީހުން ކޮންޓްރޯލް ކުރާ ސިނާއަތްތަކެއް ވެސް އުފެދެން ފަށައިފި އެވެ. ބިދޭސީން ވެސް ގަވާއިދާ އެއްގޮތަށް ވިސާނަގައިގެން ރާއްޖޭގައި މަސައްކަތް ކުރުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު އެ މީހުން ވިޔަފާރިވެރިންނަށް ވެގެން އުޅުމަކީ މައްސަލައެކެވެ.

"ބިދޭސީން ވިޔަފާރިކުރުމުގެ ޝަކުވާ އަބަދުވެސް އޮވޭ. އެއީ ހުއްޓުވަން ވެފައި އޮތް ކަމެއް. އެކަމަކު އެކަން ނުހުއްޓުވިފައި އޮންނަނީ. ދޭޭތެރެ ދޭތެރެއިން އެކަހަލަ އަޅުގަނޑުމެން މޮނީޓާކޮށް ބަލަން. އެކަމަށް ފިޔަވަޅު އެޅޭތޯ މަސައްކަތް ކުރަން،" އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

އިގްތިސާދީ ނާރެހުން ބޭރު ވަގު ވިޔަފާރި

ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވި ގޮތުގައި، ބިދޭސީން ވިޔަފާރިތަކުގައި އުޅުމަކީ ނުރައްކަލެކެވެ. އެމީހުންގެ އުނގު ވިޔަފާރިތަކުން މީރާއަށް ޓެކްސް ވެސް ނުދައްކަ އެވެ. އެ ވިޔަފާރިތައް ހުންނަނީ އެ މީހުންގެ އެތެރޭގެ ވިޔަފާރިތަކަކަށް ވެފަ އެވެ. ހާއްސަކޮށް، ބަންގުލަދޭޝްގެ މީހުންނަށް ހާއްސަ ހޮޓާތަކާއި ކެފޭތަކުން އަދި އެހެން ވެސް ހިދުމަތްތަކުން ޖީއެސްޓީ އާއި ވިޔަފާރި ފައިދާގެ ޓެކްސް ގިނަ ފަހަރަށް ދައުލަތަކަށް ނުވަދެ އެވެ. އެ މީހުންނަކީ ރާއްޖޭގެ އިގްތިސާދުގެ ދުނިން ބޭރުގައި އުޅޭ ވަގު ވިޔަފާރިތަކެކެވެ.

"އޭގެ ސަބަބުން އިގްތިސާދަށް ވަރަށް ނޭދެވޭ އަސަރުތައް ކުރާނެ. ބިދޭސީން އިން ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތަކުން އިގްތިސާދުގެ ތެރެއިން ފޭދިގެން ދާނެ އެތައް މިލިއަނެއް އޭގެން ރާއްޖޭގެ އިގްތިސާދަށް ރާހަތެއް ނުކޮށް. އޭގެ ސަބަބުން އެކޮނޮމިކް އެކްޓިވިޓީ ގެއްލިގެން ދާނެ،" މުނައްވަރު ވިދާޅުވި އެވެ.

ބިދޭސީންނަށް ހިދުމަތް ދޭ ކެފޭއެއް: މި ކެފޭ ހިންގަނީ ވެސް ބިދޭސިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިދޭސީ މީހުން ރާއްޖޭގައި ކުރާ ވިޔަފާރިތަކުން މިލިއަނުން ފައިދާ ނަގަ އެވެ. އެ މީހުން ކޮންޓްރޯލް ކުރާ ސިނާއަތްތަކެއް އުފެދިއްޖެ އެވެ. ކަންމަތީ ފިހާރަތަކާއި، ސައިކޮޓާތަކާއި ބަންގާޅު ގެސްޓްހައުސްގެ ވިޔަފާރި އާއި މާރުކޭޓްގެ ވިޔަފާރީގެ ބޮޑު ބައެއްގެ ކޮންޓްރޯލް ބިދޭސީން ނަގައިފި އެވެ. އޭގެ ތެރޭގައި ގިނައީ ގަވާއިދާ ހިލާފަށް އުޅޭ މީހުން އެވެ. އެމީހުންގެ ފަރާތުން ދައުލަތަށް އާމްދަނީއެއް ނުވަދެ އެވެ. ނަތީޖާއަކަށް ވަނީ، ދިވެހިންގެ އަތުން ވިޔަފާރި އާއި ބާޒާރުގެ ކޮންޓްރޯލް އެކީ ގެއްލުމެވެ. ބަލަން ތިއްބައި، ބިދޭސީން ވިޔަފާރިތަކުގެ ފުރިހަމަ ކޮންޓްރޯލް އަތުލައިފި އެވެ. އެ މީހުންނަކީ މިހާރު ވަޒީފާތަކުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ބައެއް އެކަންޏެއް ނޫނެވެ. އެ މީހުންނަކީ، މިހާރު ވިޔަފާރިތައް ވެސް ކޮންޓްރޯލް ކުރާ މަހުޖަނުންނެވެ.

comment ކޮމެންޓް