ހިތަދޫ ފްލެޓުތަކުގެ ޕޮއިންޓް ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އައްޑޫގައި އެޅި ފްލެޓްތައް--- ފޮޓޯ: އައްޑޫލައިވް

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ޕްރޮގްރާމުގެ ދަށުން ހިތަދޫގައި އިމާރާތް ކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، 150 ފްލެޓް ހާއްސަ ކުރެވިފައި ވަނީ ހިތަދޫ ރައްޔިތުންނަށް ކަމަށެވެ. އެ ފްލެޓްތަކަށް އެދި 446 ފަރާތަކުން ފޯމު ހުށަހެޅި އެވެ.

މަރަދޫ އާއި މަރަދޫފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކުރެވުނު 30 ފްލެޓަށް އެދި 54 ފޯމު ހުށަހަޅާފައިވެ އެވެ.

އަދި ފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކުރެވުނު 50 ފްލެޓަށް އެދި 77 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ކައުންސިލުން ބުނީ ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކޮށްފައި ވާނެ ކަމަށާއި، ޕޮއިންޓް ލިބިފައިވާ ގޮތާ މެދު، އިތުރަށް ކަމެއް ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް މިހާރު ހުޅުވާލައިފައިވާނެ ކަމަށެވެ.

އެ ފުރުސަތު މި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިއުލާން ކުރާނީ ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނި އިތުރެއްވާ ނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައި ކަމަށް ކައުންސިލުން ބުންޏެވެ.

ޗައިނާގެ ނެޝަނަލް މެޝިނަރީ އެންޑް އިކުއިޕްމެންޓް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ) އާ އެ ފްލެޓްތަކުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 2015 ވަނަ އަހަރު އެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ ހުޅުދޫގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ހުޅުދޫ ފްލެޓްތަކަށް ޝަކުވަ ހުށަހެޅުން ބަންދުވާނީ މާދަމާ އެވެ.

comment ކޮމެންޓް