ކޮންޓްރެކްޓު އުސޫލުން މާލެ ފަތާ ޓްރެކް ސާފުކޮށްދޭނެ ފަރާތެއް ހޯދަން ޔޫތް މިނިސްޓްރީ އިން މިއަދު އިއުލާނުކޮށްފި އެވެ.
މިނިސްޓްރީ އިން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ މާލޭ ޓްރެކް ސަރަހައްދުން ކުނި ނަގާ ސާފުކޮށް، ކުނި އުކާލުމުގެ މަސައްކަތް ކޮންޓްރެކްޓު އުސޫލުން ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.
މިކަމާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވީ މާލެ ފަތާ ސަރަހައްދަށް ކުނި ޖަމާވުމަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އޮއެވަރަށް އަންނަ ބަދަލާއެކު ވަންނަ ކުނި ކަމަށެވެ. އަދި އެކަމަށް ދާއިމީ ހައްލެއް ލިބުން ދުރުކަމަށް ވެސް ވިދާޅުވިއެވެ.
"މިކަމަށް ޖުމުލަކޮށް ހައްލެއް ލިބުމަކީ ދުރުކަމެއް. ހައްލަކީ ސްވިމިން ޕޫލް،" މަހްލޫފް ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނެފައިވަނީ، ދުވާލަކު އެއް ފަހަރު ދެ ޕްލެޓްފޯމް އަދި އެ ސަރަހައްދުގެ މޫދާއި އެއްގަމުގެ ބައިތައކުން ކުނި ނަގާ އަދި ކުނި ކަހާ ހުރިހާ ތަނެއް ފޮޅާ ސާފު ކުރަން ޖެހޭނެ ކަމަށެވެ.
އަދި ސަރަހައްދުގެ ސާފުތާހިރުކަން މަގްބޫލު ފެންވަރެއްގައި ބޭއްވުމަށް ދުވާލަކު އެއް ފަހަރަށްވުރެ ގިނައިން ކުނި ކަހައިގެން ވިޔަސް އެ ސަރަހައްދުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ މަސައްކަތާ ހަވާލުވާ ފަރާތުގެ ޒިންމާއެއް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ސަރަހައްދުގައި ހުންނަ ބޭކާރު ގަސްތައް ނަގާ ސާފުކުރުމުގެ ޒިންމާ ވެސް މަތިކޮށްފައި ވަނީ މަސައްކަތާ ހަވާލުވާ ފަރާތާ އެވެ.