ޓެކްސީ ހިދުމަތް ރެގިޔުލޭޓު ކުރުމަށާއި ރައްޔިތުންނަށް ޓެކްސީ ހޯދަން ފަސޭހައަކަށް ހަދާ ޓެކްސީ އެޕްލިކޭޝަން ހެދުމަށް 21 ފަރާތަކުން މައުލޫމާތު ސާފުކުރި ކަމަށާއި އެޕްލިކޭޝަންތައް ހެދުމަށް ހުށަހެޅީ ފަސް ފަރާތަކުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ މިއަދު ވިދާޅުވީ މި ފަސް ކުންފުނީގެ ތެރޭގައި ބޭރުގެ ތިން ކުންފުންޏަކާއިި ރާއްޖޭގެ ދެ ކުންފުނި ހިމެނޭ ކަމަށެވެ.
"މި މަސް ނިމުމުގެ ކުރިން އެޕްލިކޭޝަން ތައްޔާރު ކުރުމަށް ހަވާލުކުރާ ޕާޓީ ފައިނަލް ކުރެވި އެއްބަސްވުމުގައި ސޮއިކުރެވޭނެ،" މިނިސްޓަރު ވިދާޅުވީ އެޕްލިކޭޝަން ތައްޔާރު ކުރުމަށް އެންމެ ކުންފުންޏަކާ ހަވާލު ނުކުރާނެ ކަމަށެވެ. ވާދަވެރިކަން އިތުރުކުރުމަށް މަސައްކަތަށް ކުރިމަތިލާ ކުންފުނިތަކުގެ ތެރެއިން ގާބިލް ގިނަ ކުންފުނިތަކާ މަސައްކަތް ހަވާލު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެޕްލިކޭޝަން އާއެކު ޓެކްސީ ދަތުރުތަކުން ނަގާ އަގުތައްވެސް އިއުލާނު ކުރެވޭނެ،" މިނިސްޓަރު ނަހުލާ ވިދާޅުވީ ޓެކްސީ އިން ނަގާ އަގުތައް މިހާރު ފައިނަލް ކުރެވިފައިވާ ކަމަށެވެ. މިއީ ރައްޔިތުންނަށްވެސް ލުއިފަސޭހަވާނެ، ޓެކްސީ ޑްރައިވަރުންވެސް ހިތްހަމަޖެހޭނެ އަގަކަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ކުރިންވެސް ޓްރާންސްޕޯޓުން ބުނެފައިވަނީ ރޭޓުތައް ކަނޑައަޅާފައިވާ ކަމަށާއި ރޯދަ މަހުގެ ފަހުކޮޅު އެ އަގުތައް އިއުލާނު ކުރެވޭވަރު ވާނެ ކަމަށެވެ. ނަމަވެސް އަދިވެސް އަގުތައް އިއުލާނު ކުރުން ފަސް ކުރަމުންދާއިރު، ބްރިޖުމަތިން ކުރާ ދަތުރުތަކުން ޗާޖުކުރާ އަގު ބޮޑުކަމުގެ ޝަކުވާ ރައްޔިތުން ކުރެއެވެ.
"އަގުތައް ކަނޑައަޅާއިރު މި ބަލަނީ ޓެކްސީ އާ ގުޅުންހުރި އެހެން މުވައްސަސާތަކާއި ރައީސް އޮފީހާ ރައީސްވެސް މިކަމުގައި ހާއްސަ ސަމާލުކަމެއް ދެއްވާ. ރައްޔިތުންނާ ގުޅުންހުރި މުހިއްމު މައްސަލައަކަށްވާތީ. ލަސްވެގެންދިޔައީ ރައްޔިތުން މިކަމާމެދު ދެކޭ ގޮތާއި ގިނަބަޔަކު ބޭނުންވަނީ ކޮން ގޮތެއްތޯ ބެލުމަށް،"