އައިއޯއައިޖީ ބިޑު ހޯދުމަށް މަޑަގަސްކަރައަށް ވެސް ރައީސްގެ ސިޓީފުޅެއް

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މަޑަގަސްކަރައިގެ ބޮޑު ވަޒީރު ހަޖޯ އަންޑްރިއަންނާނައިރިވެލޯ އާ ބައްދަލުކުރައްވަނީ--- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރާއްޖޭގައި މިހާތަނަށް ބާއްވާން މަސައްކަތް ކުރާ އެންމެ ބޮޑު ކުޅިވަރުގެ ހަރަކާތް ކަމަށްވާ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ކުރާ ބިޑަށް ތާއިދު ހޯދުމުގެ ގޮތުން މަޑަގަސްކަރުގެ ބޮޑު ވަޒީރު ހަޖޯ އަންޑްރިއަންނާނައިރިވެލޯ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ ސިޓީފުޅެއް އަރުވައިފި އެވެ.

ރައީސްގެ ހާއްސަ މަންދޫބުންގެ ގޮތުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު މިހާރު އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެދެބޭފުޅުން ވަނީ މިއަދު މަޑަގަސްކަރައިގެ ރައީސްގެ އަރިހަށް ޒިޔާރަތް ކުރައްވައިފައެވެ. އަދި މި ދަތުރު ފުޅުގައި އެ ގައުމުގެ ހާރިޖީ ވަޒީރުގެ އިތުރުން ކުޅިވަރާ ބެހޭ ބައެއް އިސްފަރާތްތަކާ ވެސް މި ދެ ބޭފުޅުން ބައްދަލު ކުރައްވާނެ އެވެ.

މި ދަތުރުފުޅަކީ 2023 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާއީދު ހޯދުމުގެ ގޮތުން ކުރައްވަމުންދާ ދަތުރުފުޅަކަށް ވާ އިރު މަހްލޫފާއި ޝާހިދު ވަނީ މީގެ ކުރިން ސީޝެލްސްއަށް ވެސް ވަޑައިގެން އެގައުމުގެ ރައީސްއާ ބައްދަކު ކުރައްވާ ބިޑަށް ތާއީދު ކުރައްވާނެ ކަމުގެ ޔަގީންކަން ހޯދައްވަވާފަ އެވެ.

މީގެ އިތުރުން އަންނަ ފަހަރުގެ އެ މުބާރާތް ބާއްވަން ބިޑު ކޮށްފައިވާ ކޮމޮރޯސްގެ އިތުރުން މޮރިޝަސްއަށް ވެސް މި ދަތުރުފުޅުގައި ދެ ވަޒީރުން ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ދެހާސް ތޭވީސްވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބާއްވާނެ ގައުމެއް ކަނޑަ އަޅާނީ މި މަހު މޮރިޝަސްގައި ފަށާ މުބާރާތްތަކުގެ ނިންމުމުގެ ރަސްމިއްޔާތާއި ވީހާވެސް ގާތް ކޮށްފައި ކަމަށް އައިއޯއައިޖީގެ ޑެލިގޭޝަން ޓީމުން ވަނީ ބުނެފަ އެވެ.

އައިއޯއައިޖީގެ ޑެލިގޭޝަން ޓީމަކީ ގޭމްސް ބާއްވަން ބިޑްކުރާ ގައުމުތަކުގެ ވަސީލަތްތައް ބަލައި މުބާރާތް ބޭއްވޭނެ ފެންވަރު ހުރިތޯ ބަލާ ޓީމެކެވެ. އެގޮތުން އެ ޓީމު ވަނީ ދިވެހި ރާއްޖެއަށް ވެސް ދާދި ފަހުން ޒިޔާރަތްކޮށް ސަރުކާރުގެ ފަރާތްތަކާ ބައްދަލުކުރައްވައިފަ އެވެ. އަދި މި ބައްދަލުވުންތަކަށް ފަހު އެ ބޭފުޅުންގެ ވާހަތައް ހުރީ ވަރަށް ޕޮސިޓިވްކޮށް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

މިއަހަރުގެ ގޭމްސްގެ އެންމެ ފަހުގެ ތައްޔާރީތަކަށް ރާއްޖެއިން ތައްޔާރުވަމުން އަންނަ އިރު ޖުމްލަ 10 އިވެންޓެއްގައި ރާއްޖެއިން ވަނީ ބައިވެރިވާން ނިންމާފަ އެވެ. އަދި މިފަހަރުގެ އަމާޒަކީ މަދުވެގެން ފަސް ރަން މެޑަލް ރާއްޖޭގެ ފަސްގަނޑަށް ގެނައުން ކަމަށް އޮލިމްޕިކް ކޮމިޓީއިން ވެސް ބުނެފައިވާ އިރު މުބާރާތައް ބައިވެރިން ވަނީ ރަނގަޅު ތަމްރީނުތަކެއް ރާއްޖެއިން ބޭރުގައި ވެސް މީގެ ކުރިން ހަދައިފަ އެވެ.

comment ކޮމެންޓް