ހަރުކަށި ފިކުރުތަކަށް މަގުފަހިވާ ސަބަބުތަކުގެ ސާވޭ ރިޕޯޓު އާންމުކޮށްފި

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ "ޔޫތު ވަލްނަރަބިލިޓީ އެސެސްމެންޓް" ރިޕޯޓު ނެރެދެއްވަނީ -- ފޮޓޯ: ޑިފެންސް މިނިސްޓްރީ

ދިވެހިރާއްޖޭގެ ޒުވާނުން ހައްދުފަހަނައަޅާފައިވާ ފިކުރަށް ހެއްލި އަނިޔާވެރި ކަމަށް އަރައިގަންނަ ސަބަބުތައް ހޯދުމަށް ކުރި ދިރާސާގެ ރިޕޯޓު، "ޔޫތު ވަލްނެރަބިލިޓީ އެސެސްމެންޓް" މިއަދު އާންމުކޮށްފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ދިރާސާގެ ރިޕޯޓު ފޮތް ނެރެދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ގައުމީ ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީއާ އެކު، އެ ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުން ފެށިގެން މި އަހަރުގެ ފެބުރުއަރީގެ ނިޔަލަށެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި ހައްދުފަހަނައަޅާފައިވާ ފިކުރަށް ހެއްލި އަނިޔާވެރި ކަމަށް ގިނަ ޒުވާނުން އަރައިގަންނަ ސަބަބަކީ މުޖުތަމައުން ބާކީކޮށް އެކަހެރިކޮށްލެވޭތީ އާއި ޒުވާނުންނަށް ހުރި ފުރުސަތުތައް މަދުވުމެވެ.

އެގޮތަށް މެދުވެރިވަނީ ކޮރަޕްޝަން، ތައުލީމާއި ގުޅޭ މައްސަލަތައް، މަސްތުވާތަކެތި، ވަޒީފާ ނުލިބުން، ގެދޮރުވެރިކަން ދަތިވުން، ގޭންގް މާރާމާރި، އަދި ވަޔަލަންޓް އެކްސްޓްރީމިޒަމް ފަދަ ކަންތައްތަކާއި ގުޅިގެން ކަމަށް ދިރާސާގެ ބައިވެރިން ފާހަގަކޮށްފައިވެ އެވެ.

އެކަހެރިވެފައި ތިބޭ ޒުވާނުން މުޖުތަމައަށް އަނބުރާ ގެނެސް ބާރުވެރިކުރުމާއި ޒިންމާދާރު ބަޔަކަށް ހެދުމަށް ޕޮލިސީ ގައިޑްލައިން ވެސް ދިރާސާގައި ވަނީ ހުށަހަޅައިފަ އެވެ.

ދިރާސާ އިން ހޯދި ހޯދުންތައް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ޔޫއެންޑީޕީ ގުޅިގެން ތައްޔާރު ކުރާ ނޭޝަނަލް އެކްޝަން ޕްލޭން އެކުލަވާލުމުގައި ބޭނުންކުރުމަށް ވަނީ ނިންމައިފަ އެވެ.

ދިރާސާ ރިޕޯޓު އިފްތިތާހުކޮށްދެއްވައި މިނިސްޓަރު މާރިޔާ ދެއްކެވި ވާހަކައިގައި ވިދާޅުވީ ގޭންގު މާރާމާރީއާއި ވަޒީފާ ނެތުމާއި މަސްތުވާތަކެތީގެ ވަބާ ފަދަ، ދިވެހިރާއްޖޭގެ ޒުވާނުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތައް ހައްލުކުރުމަށް ސިޔާސަތު ކަނޑައަޅާ އިރު، މިފަދަ ދިރާސާތަކުގެ ބޭނުން، ކަމާބެހޭ ފަރާތްތަކުން ހިފާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ ޒުވާނުންނަކީ އެމީހުން އިހްތިޔާރުކުރާ ކޮންމެ ދާއިރާއަކުން ވެސް، ހާސިލްކުރެވެން އޮތް އެންމެ މަތީ ފަންތިއަށް ވާސިލްވުމުގެ ގާބިލުކަން ލިބިފައިވާ ބައެއް ކަމަށާއި މުޖްތަމައުގައި ހުރި މައްސަލަތަކުން އަރައިގަނެވޭނެ އަލިމަގެއް ފެންނާނެކަމުގެ އުންމީދު އޮތްކަމަށް ޒުވާނުން ގަބޫލުކުރާކަން ދިރާސާއިން ހާމަވާތީ، އެކަމާ އުފާކުރައްވާ ކަމަށެވެ.

ރިޕޯޓު އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ޑިފެންސް މިނިސްޓަރުގެ އިތުރުން، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއިގެ އިތުރުން ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އިސް ވެރިން ވަނީ ބައިވެރިވެފަ އެވެ.

comment ކޮމެންޓް