ނަދީމްގެ މަރުގެ މައްސަލަ: ބޯ ބޭލިޔަސް ބަންދަށް ލުއި ނުދިން

ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމު އަބްދުއްރަހީމް --

ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި 27 ވަނަ ދުވަހުގެ ހަވީރު ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބޮލަށް ވަޅި ހަރައި ހއ. ތަކަންދޫ އިބްރާހިމީ ހިޔާ ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގައި ދައުވާ ކުރާ ދެ މީހެއްގެ ބަންދަށް ލުއި ނުދޭން ނިންމައިފި އެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި އެންމެ ފުރަތަމަ ދައުވާ ކުރީ ފަސް މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނޭ 18 އަހަރުން ދަށުގެ ކުޑަކުއްޖާގެ މައްސަލަ ނުބެލޭނެ ކަމަށް މީގެ ކުރިން ޖުވެނައިލް ކޯޓުން އޮތީ ނިންމާފަ އެވެ. އެހެންކަމުން، މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށް ދަނީ ބާކީ ތިބި ހަތަރު މީހުންގެ މައްސަލަ އެވެ. އެ ހަތަރު މީހުންގެ މައްސަލަ އެއްކޮށް ކުރިއަށްގެންދާއިރު، އެ މައްސަލަ މިހާރު ބައްލަވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދު އެވެ.

ދައުވާ ކުރާ މީހުން

  • މުހައްމަދު މަފާޒު ހުސައިން ސަލީމް، ގ. ޝާރާޒް
  • އަލީ ނިފާޒު، ވިދާތަރި، ލ. ގަން
  • ހުސައިން ޝާމިން، ސަމަންތާ، ރ. އިންނަމާދޫ
  • މުހައްމަދު ކަރަމް ސުހައިލް، ހަވާސް، ގއ. ގެމަނަފުށި

މި ހަތަރު މީހުންގެ ތެރެއިން މަފާޒުއަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދެން ތިބި ތިން މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގެ ހުލާސާ

  • ކަރަމް ފިޔަވައި ދެން ތިބި ތިން މީހުން ވެސް ދިޔައީ ވަކީލުންނާ އެކު
  • މަފާޒު އާއި ނިފާޒުގެ ވަކީލަކީ އިބްރާހިމް ޒާހިދު، އަދި ޝާމިންގެ ވަކީލަކީ އައިޝަތު ޝިފާނާ
  • ވަކީލު އިބްރާހިމް ޒާހިދު މީގެ ކުރިން ކްރިމިނަލް ކޯޓުގައި ލީގަލް އޮފިސަރެއްގެ މަސައްކަތް ކުރީތީ އޭނާ މައްސަލައިން ތަނާޒުލުވުމާ މެދު ގޮތެއް ނިންމަން ގާޒީގެ ކިބައިން ދައުލަތުން އެދުނު
  • މަފާޒު އާއި ޝާމިންގެ ބޯ ބާލާފައިވާކަން ފާހަގަކޮށް، ދެ މީހުންގެ ބަންދަށް ލުޔެއް ދިނުމަށް ވަކީލުން އެދުނު
  • އެކަމަކު، އެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކުރި ހާލަތަށް ބަދަލު ނާންނަ ކަމަށް ބުނެ އެކަމާ ދައުލަތުގެ ވަކީލުން ދެކޮޅު ހެއްދެވި
  • ގާޒީ ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި ބަންދާ މެދު ގޮތެއް ނިންމަވާނެ ކަމަށް

މިއަދުގެ އަޑުއެހުން

މިއަދު ހެނދުނު މި މައްސަލައިގެ އަޑުއެހުމެއް ބޭއްވިއެވެ. އަޑުއެހުން ފަށަމުން ގާޒީ ފާއިޒް ވަނީ މަފާޒު އާއި ނާފިޒްގެ ވަކީލެއްގެ ގޮތުގައި ކުރިން ވަޑައިގެންނެވި އިބްރާހިމް ޒާހިދު ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތާ ދެ ފަހަރަކު ހަވާލުވެވަޑައިގެންފައިވާކަން ފާހަގަކުރައްވައިފަ އެވެ. އެހެންކަމުން، އޭނާ މައްސަލައިން ތަނާޒުލުވާން ޝަރީއަތުން އެދުމުން މައްސަލައިން ތަނާޒުލުވެފައިވާ ކަމަށް ވިދާޅުވި އެވެ.

މިއަދު މައިގަނޑުގޮތެއްގައި ވާހަކަ ދެކެވުނީ ޝާމިން، އަދިި ކަރަމްގެ ބަންދަށް ލުއި ދިނުމާ މެދުއެވެ. މަފާޒުގެ ވަކީލަކު މިއަދު ހާޒިރުވެފައި ނެތުމުން އޭނާގެ ބައި ކުރިއަށް ގެންގޮސްފައި ނުވެއެވެ.

ކުރިން ބޭއްވި އަޑުއެހުމުގައި ބަންދަށް ލުޔެއް ދޭން އެދިފައި ވަނީ މަފާޒް އާއި ޝާމިންއެވެ. އެ ދެމީހުން ބަންދުން ދޫކޮށްލަން އެދިފައި ވަނީ މާފުށީ ޖަލުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން، އެ ދެމީހުންގެ ބޯ ބާލާފައިވާ ކަމަށް ބުނެއެވެ. އެ ދެމީހުންގެ ފަރާތުން ވަކާލާތުކޮށްފައި ވަނީ ބޯ ބޭލުމަކީ އެންޓި ޓޯޗާ ގާނޫނާ ހިލާފަށް ދީފައިވާ އަނިޔާއެއް ކަމަށެވެ.

ޖަލުގެ ގަވައިދަކާ ހަވާލާދެއްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، ޖަލު ބަންދުގައި ތިބޭ މީހުން ބޯ ކޮށަން ގަވައިދުގައި ވަނީ ދެ ސެންޓިމީޓަރަށް ވުރެ ދިގު ނޫން ވަރަކަށް ކަމަށެވެ. ވަކީލު ވިދާޅުވި، ގޮތުގައި އެ ދެމީހުންގެ ބޯ ކޮށާފައި ވަނީ އެ ގަވައިދުގައިވާ ގޮތަށެވެ. އަދި އެ ދެމީހުންގެ ބޯ ބާލާފައި ނުވާ ކަމަށާއި ކުރުކޮށް ކޮށީކަމަށް ވަކީލު ވިދާޅުވި އެވެ.

ބޯ ކޮށުން ފިޔަވައި، މަފާޒްއާއި ޝާމިންއަށް ލިބުނު އަނިޔާގެ ވާހަކަތަކެއް ދިފާއުން ދައްކާފައި ނުވާ ކަމަށާއި އެފަދަ އަނިޔާއެއްގެ ހެއްކެއްވެސް ދައްކާފައި ނުވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އެކަމަކު، އެ ދެމީހުންނަށް އަނިޔާތަކެއް ލިބުނުކަން ކަރެކްޝަންސްގެ ސިޓީއަކާ ހަވާލާދެއްވައި ވަކީލު ފާހަގަކުރެއްވިއެވެ. އެއީ ވަކީލު ވިދާޅުވި ގޮތުގައި ޖަލުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި ޖަލު އޮފިސަރުންނަށް ނުކިޔަމަންތެރިވުމުން، ޖަލުގެ ކަންތައްތައް ހަމައަކަށް އެޅުވުމަށް އޮފިސަރުން ކުރި މަސައްކަތުގެ ތެރޭގައި އެ ދެ މީހުންނަށް ލިބުނު އަނިޔާތަކެވެ. އެ އަނިޔާތަކަށް 48 ގަޑިއިރު ތެރޭގައި ފަރުވާ ދިން ކަމާށާއި، އިތުރު ފަރުވާ ދޭން ޖެހޭ ކަމަށް މެޑިކަލް ލިޔުންތަކުގައިވެސް ބުނެފައި ނުވާ ކަމަށް ވަކީލު ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމަށް ކަރަމްގެ ވަކީލު އާޔަތުﷲ ހުސެއިން ހާޒިރުވިިއެވެ. އާޔަތުﷲ ވަނީ ކަރަމްގެ ބަންދަށް ލުޔެއް ދޭން އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވި ގޮތުގައި ކަރަމް ކުރި ކުށެއް ދައުލަތަށް ސާފުކޮށް ބަޔާންކުރެވިފައި ނުވެއެވެ. އަދި އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކިވެސް ނެތް ކަމަށް ވިދާޅުވިއެވެ.

އާޔަތުﷲ ވިދާޅުވީ ކަރަމް ބަންދުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އޭނާ ހެއްކަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި، އޭނާ އަކީ މުޖުތަމައުއަށް ނުރައްކަލެއް ނޫން ކަމަށާއި، އޭނާ ފިލައިގެންވެސް ނުދާނެ ކަމަށް ވަކީލު ވިދާޅުވިއެވެ.

ކަރަމްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް، ސާފުކޮށްދެމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ނަދީމް މަރާލަން ދިޔަ މީހުންނާ އެކު ކަރަމް ޓާމިނަލް ކެފޭއަށް ދިޔަ ކަމަށެވެ. ޓާމިނަލް ކެފޭއަށް ދިޔަ ތިން ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިނީ ކަރަމް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. ކަރަމް ޓާމިނަލް ތެރެއަށް ނުވަންނަ ނަމަވެސް، ޓާމިނަލް ތެރެއަށް ވަން މީހުންނާ އެކު އައިސް އެ މީހުންނާ އެކު އެއް މަގުތަކުން ދަތުރު ކުރި ކަމަށް ވަކީލު ވިދާޅުވިއެވެ. އެކަން، ސިއްރު ހެކިވެރިންގެ ބަޔާނާއި، ސީސީޓީވީ ފޫޓޭޖުންނާއި، ވީޑިއޯ އެނަލިސިސް ރިޕޯޓުން އެނގޭ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، އެފަދަ ކުށުގެ ތުހުމަތު ކުރެވޭ މީހުން ތިބެން ޖެހޭނީ ބަންދުގައި ކަމަށް ގާނޫނުންނާއި މީގެ ކުރިން މަތީ ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކުން އެނގޭ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ވަކީލުން ދެއްކެވި އެންމެހާ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ގާޒީ ފާއިޒް ނިންމެވީ ދެ މީހުންނަށްވެސް ބަންދުގެ ލުއި ނުދިނުމަށެވެ.

އަޑުއެހުން ނިންމާލައްވަމުން ފާއިޒު ވިދާޅުވީ، ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. މަފާޒު އާއި ނިފާޒުއަށް އާ ވަކީލުން ހަމަޖައްސަން ފަސް ދުވަހުގެ މުއްދަތެއްވެސް ގާޒީ ދެއްވި އެވެ.

comment ކޮމެންޓް