ރާއްޖޭގައި އިސްލާމާއި ދިވެހި މަޖުބޫރު ނޫން މާއްދާއެއްގެ ގޮތުގައި އޮވެގެން ނުވާނެ: ރައީސް މައުމޫން

19:00


ރާއްޖޭގައި އިސްލާމާއި ދިވެހި މި ދެ މާއްދާ އަކީ ވަރަށް މުހިންމު ދެ މާއްދާ ކަމަށާއި މި ރާއްޖޭގައި އެ ދެ މާއްދާ އަކީ މަޖުބޫރު ނޫން މާއްދާއެއްގެ ގޮތުގައި އޮވެގެން ނުވާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.


ދިވެއްސާއި އިސްލާމް މި ދެ މާއްދާ މަތީ ސާނަވީގައި އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ނިންމުމާ ގުޅިގެން ސަންއެފްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން މިއަދު ވިދާޅުވީ، އެކަމުގައި ސިޔާސީ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން އެ މަނިކުފާނު ބޭނުންފުޅުނުވާ ކަމަށެވެ. ނަމަވެސް ދިވެއްސެއްގެ ހައިސިއްޔަތުން އެމަނިކުފާނު ދެކެވަޑައިގެންނަވާ ގޮތަކީ އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް ކަމަށާއި އަޅުގަނޑުމެންގެ ދަރިންނަށް އިސްލާމްދީން ކިޔަވައިދޭން ޖެހޭނެ ކަމަށް ކަމުގައި ރައީސް މައުމޫން ވިދާޅުވި އެވެ. އަދި އިސްލާމްދީން ކިޔަވައިދެވޭނީ ވެސް، އެ ކުދިން އެއަށް ސަމާލުކަންދޭނީ ވެސް އެ މާއްދާ އަކީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި އޮވެގެން ކަމަށް ވެސް ދިވެހި ބަހާއި އިސްލާމު ދީނުގެ އުސްތާޒެއް ކަމުގައިވާ ރައީސް މައުމޫން ވިދާޅުވި އެވެ.


ދިވެހި ބަހަކީ ދިވެހިންގެ ފަހުރު ކަމުގައި ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ، ދިވެއްސަކީ މަޖުބޫރު ނޫން މާއްދާއެއްގެ ގޮތުގައި އޮވެއްޖެނަމަ އަޅުގަނޑުމެންގެ ދަރިން އެއަށް އަހައްމިއްޔަތު ކަމެއް، ސަމާލު ކަމެއް ނުދޭނެ ކަމަށާއި އެހެންވެއްޖެ ނަމަ އެ ބަސްދާނީ އުވިގެން ކަމަށެވެ.


މަތީ ސާނަވީގައި އިސްލާމާއި ދިވެހި މި ދެ މާއްދާ އިހްތިޔާރީ ދެ މާއްދާގެ ގޮތުގައި ހެދުމަށް އެޑިއުކޭޝަނުން ނިންމާފައިވާ މައްސަލާގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތޮފާ ލުތުފީގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ މައްސަލާގައި ރައީސް މައުމޫން ވިދާޅުވީ ސިޔާސީ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތް ރައްޔިތުންނަށް ވެސް، މި ސަރުކާރަށް ވެސް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަކަށް އެކަންތައް ކުރުމުން ރަނގަޅުވާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު