ނިއުކްލިއާ އެއްބަސްވުމާ ހިލާފަށް އީރާނުން ޔުރޭނިއަމް ފައްކާކުރަނީ

އީރާނުން ވަނީ ނިއުކްލިއާ އެއްބަސްވުމާ ހިލާފަށް ޔުރޭނިއަމް ފައްކާ ކުރާނެ ކަމަށް ބުނެފަ -- ފޮޓޯ: އީޕީއޭ

ތެހެރާން (ޖުލައި 7): ދެހާސް ފަނަރަ ވަނަ އަހަރު އީރާނުން ދުނިޔޭގެ ބާރުތަކާއެކު ހެދި އެއްބަސްވުމާ ހިލާފަށް ޔުރޭނިއަމް ފައްކާ ކުރާނެ ކަން އިއުލާންކޮށްފި އެވެ.

އީރާނުން ނިއުކްލިއާ ހަރަކާތްތައް މަދު ކުރަން އެއްބަސްވީ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް ޝަރުތުކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އީރާނުން ވަނީ 3.67 ޕަސެންޓަށް ވުރެ އިތުރަށް ޔުރޭނިއަމް ފައްކާ ނުކުރުމަށް އެއްބަސްވެފަ އެވެ.

ނަމަވެސް އީރާނުގެ އެޓޮމިކް އޭޖެންސީގެ ތަރުޖަމާނު ބެހުރޫޒް ކަމަލްވަންޑީ ވިދާޅުވި ގޮތުގައި އެގައުމުން 3.67 ޕަސެންޓަށް ވުރެ އިތުރަށް ޔުރެނިއަމް ފައްކާ ކުރުމުގެ ތައްޔާރީތައް ވަރަށް އަވަހަށް ނިމޭނެ އެވެ. އަދި އޭގެ ބޭނުމަކީ ޕަވާ ޕްލާންޓަކަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ނިއުކްލިއާ ހަތިޔާރު އުފައްދަން ޔުރޭނިއަމް 90 ޕަސެންޓަށް ފައްކާ ކުރަން ޖެހޭނެ އެވެ.

މިދިޔަ އަހަރު އެމެރިކާއިން ވަނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވެ، އެގައުމާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.

އޭގެ ސަބަބުން އީރާނުން ވަނީ ނުރުހުން ފާޅުކޮށް، ނިއުކްލިއާ އެއްބަސްވުމުގެ ބައެއް ބައިތަކަށް އަމަލު ކުރުން ހުއްޓާލާފަ އެވެ. އެގޮތުން މިިހާރު އެގައުމުން ވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ވަރަށް އިތުރަށް ޔުރޭނިއަމްގެ ސްޓޮކް އިތުރުކޮށްފަ އެވެ.

އަދި މިއަދު އީރާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ އެއްބަސްވުމަށް އަމަލު ކުރާ މިންވަރު ކޮންމެ 60 ދުވަހަކު މަދު ކުރަމުންދާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަމަ އަދިވެސް މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް