ހދ. ނެއްލައިދޫ މިސްކިތުގައި ސޯލާ ޕެނަލް ހަރުކޮށް މިސްކިތުގެ ކަރަންޓު ބިލު ކުޑަކޮށްފި އެވެ.
ނެއްލައިދޫ އެކުވެރިންގެ ދިރުމުން އިސްނަގައިގެން މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރީ ޔޫއެންޑީޕީގެ އެހީގަ އެވެ. އެ މަސައްކަތް ކުރީ ލިންކްސް ސާވް އިންނެވެ.
ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވީ ރަށުގެ ރައްޔިތުން އިސްނަގައިގެން މިސްކިތުގައި އެއާ ކޮންޑިޝަނާ އެއް ހަރުކުރި ކަމަށާއި ނަމަވެސް އޭސީ ހަރުކުރި ފަހުން ކަރަންޓު ބިލު ބޮޑުވާ މައްސަލަ ކުރިމަތިވި ކަމަށެވެ.
"އޭރު މިނިސްޓްރީ އިން މިސްކިަތްތައް ބެލެހެއްޓީ. އޭސީގެ ހަރަދު ބޮޑުވީމާ މިނިސްޓްރީ އިން ބިލު ދައްކައެއް ނުދޭ. އެހެންވެ އޭރު ފަންކާތަކާ ބޮކިތަކަށް ބިލު ކުރަނީ ވަކިން،"
ކައުންސިލްގެ ރައީސް ވިދާޅުވީ އޭސީ ހަރުކުރި ނަމަވެސް އޭސީ ބޭނުން ނުކުރެވޭތީ ޒުވާނުންގެ ގުޅުމުން އިސްނަގައިގެން ޔޫއެންޑީޕީގެ އެހީއާ އެކު މިސްކިތުގައި ސޯލާ ހަރު ކުރީ ކަމަށާއި ސޯލާ ހަރުކުރުމަށް ފަހު އޭސީ ބޭނުންކުރަންފެށީ ސޯލާ މެދުވެރިކޮށް ކަމަށެވެ.
"އެއީ ކަރަންޓު ހަރަދު ކުޑަކުރާ ސޯލާތަކެއް. މުޅި މިސްކިތަށް ފުދޭވަރަށް ސޯލާ ހަރުކުރީ،"
ސޯލާތަކުން މީގެ ކުރިން ހަމައެކަނި އޭސީތައް ބޭނުން ކުރި ނަމަވެސް މިސްކިތްތައް ކައުންސިލުތަކުގެ ބެލުމުގެ ދަށަށްބަދަލުކުރި ފަހުން ބޮކި ފަންކާތައް ވެސް ބޭނުން ކުރަނީ ސޯލާ ބޭނުން ކޮށްގެން ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މިދިޔަ މަހުވެސް ކަރަންޓު ބިލަށް އެރީ 66 ރުފިޔާ،"
ނާޒިމް ވިދާޅުވީ ސޯލާ ކަރަންޓު އުފެއްދުމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ލިންކްސާވުން ވަނީ ނެއްލައިދޫގެ އިތުރުން އައްޑޫ، ލ. އަތޮޅު. ގއ، ގދ، ހއ. އަދި ހދ. އަތޮޅުގައި ވެސް ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފަ އެވެ.