ނަޝީދު ހެއްދެވީ ދޮގު، ޗައިނާގެ ދަރަނީގެ އަދަދަކީ 1.52 ބިލިއަން ޑޮލަރު: ސަފީރު

ރައީސް ނަޝީދު އަދި ޗައިނާގެ ސަފީރު---

ރާއްޖެއިން ޗައިނާއަށް ދަރައިފައިވާ ދަރަނީގެ އަދަދާ ބެހޭގޮތުން ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަތައް ޗައިނާގެ ސަފީރު ޒޭންގް ލިޒްހޮންގް ދޮގުކުރައްވައިފި އެވެ.

އިންޑިއާގެ ތިންކް ޓޭންކްގެ އެނުއަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ރާއްޖޭގައި ޗައިނާގެ ކުންފުނިތަކުން ހިންގި އަދި ހިންގަމުންދާ މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތަކަށް ދިވެހި ސަރުކާރުން 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ޗައިނާ ސަފީރު ޒޭންގް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ ސާބިތު ނުހިފޭ ވާހަކަތައް އެއްސެވީ ކުއްލި ހައިރާން ކަމާއެކުގައި ކަމަށެވެ.

ޒޭންގް އިތުރަށް ވިދާޅުވީ ޗައިނާއިން ރާއްޖޭގެ ކޮންމެ ސަރުކާރަކާ އެކުގައިވެސް މަސައްކަތްކޮށްފައިވަނީ ރަހުމަތްތެރިކަމާއެކު ދެ ގައުމަށްވެސް ފައިދާހުރި ގޮތަށް ކަމަށެވެ.

ޗައިނާގެ އެމްބަސީއެއް ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވީވެސް ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ.

" އަޅުގަނޑަށް ހީވަނީ ރައީސް ނަޝިދަކީ ކަންތައްތައް ނޭނގޭ މީހެއް. ނޫނީ އެހެން ކޮންމެވެސް އޮޅުމެއް އެބައުޅޭ." ޒޭންގް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވައި ޒޭންގް ވަނީ އެމްއެމްއޭގެ ތަފާސް ހިސާބުތަކާ ހަވާލާދީ، ރާއްޖެއިން ޗައިނާގެ އެކި ކުންފުނިތަކަށް ދައްކަން ޖެހިފައިވާ ފައިސާގެ ތަފްސީލްވެސް ހާމަކުރައްވައިފައެވެ.

އާންމުކޮށް ޗައިނާއަށް ބަހުގެ ހަމަލާތައް ދެމުންގެންދަވާ ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވީ ޗައިނާއިން މި ސަަރަހައްދުގެ ގައުމުތަކުގައި ބޮޑެތި ލޯނުތައް އަޅުވައި ދަރުވާލުމުގެ ސިޔާސަތުތަކެއް ގެންގުޅޭ ކަމަށެވެ.

ޗައިނާއިން މި ސަރަހައްދުގެ ގައުމުތައް ދަރުވާލުމަށް މަސައްކަތްކުރާ ކަމަށް ވަރަށް ގިނަ މާހިރުން ވިދާޅުވެ އެވެ. އެގައުމުތަކުގެ ތެރޭގައި ސްރީލަންކާވެސް ހިމެނެ އެވެ.

ދާދި ފަހުން ސްރީލަންކާގެ ކުރީގެ ރައީސް މަހިންދުރަ ރާޖަޕަކްސަގެ ދަރިފުޅު ނަމާލް ރާޖަޕަކްސަ "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޗައިނާއިން ސްރީލަންކާ ދީފައިވާ ލޯނުތަކުގެ އަދަދު އޮޅުވާލައިގެން ހަތިޔާރެއްގެ ގޮތުގައިވެސް އެގައުމުގެ އިދިކޮޅު ފަރާތްތަކުންވެސް ބޭނުން ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް ސްރީލަންކާއިން އެކި ގައުމުތަކަށް ދައްކަންޖެހޭ ޖުމްލަ ދަރަނީގެ ތެރެއިން ޗައިނާއަށް ދައްކަންޖެހޭ ދަރިނީގެ ޕަސެންޓް ވަރަށް ކުޑަކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ސަފީރު ލިޒްހޮންގްވެސް ވިދާޅުވީ ރާއްޖޭގެ ޖުމްލަ ދަރަނި (ފޮރިން ޑެބްޓް) އުޅެނީ 49.6 ބިލިއަން ރުފިޔާ ކަމަށާއި އޭގެ ތެރެއިން ޗައިނާގެ ދަރަނި އުޅެނީ 1.5 ބިލިއަން ޑޮލަރުގަ އެވެ.

ޗައިނާގެ ބޮޑު ދަރަންޏަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވަނީ އަންނަ އަހަރުން ފެށިގެން ޗައިނާއަށް ދަރަނި ދައްކަން ބަޖެޓްގެ 15 ޕަސެންޓް ކަނޑައަޅަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވެ ވަނީ އިންޑިއާއިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއްވެސް ރާއްޖެއަށް ވަނީ ހޯދައިފަ އެވެ. މިއީވެސް ފަހުން ދައްކަން ޖެހޭ ފައިސާއެވެ. ނަމަވެސް އެ ބޮޑު ދަރަނީގެ ވާހަކައާ ބެހޭގޮތުން ރައީސް ނަޝީދު މިހާތަނަށްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

comment ކޮމެންޓް