ޕީޕީއެމްއާ ގުޅުމާމެދު އަދި ވަކި ގޮތަކަށް ނުނިންމަން: ޖަމީލް

އިދިކޮޅު މައި ސިޔާސީ ޕާޓީ، ޕީޕީއެމްއާ ގުޅުމާމެދު ވަކި ގޮތެއް ނުނިންމާ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހުރީ ޕާޓީގެ އިސް މެމްބަރު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް ޕީޕީއެމްއާ ވަަރަށް އަވަހަށް ގުޅެން އުޅޭ ކަމަށް ބުނެ މި ދޭތެރެއިން ވާހަކަ ދެކެވުނެވެ.

އެކަމާ ގުޅިގެން "ސަން"ގެ 50 މިނިޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، ސަރުކާރު ހަމަ މަގަށް އެޅުވުމަށް އިދިކޮޅު ސިޔާސީ ޕާޓިއެއް މުހިންމުކަމަށާއި އެ ޕާޓީގައި ކޮންމެ މީހަކަށްވެސް އުޅުމުގެ ފުރުސަތު އޮންނަން ވާނެ ކަމަށެވެ.

"އެބަ ޖެހޭ އިދިކޮޅު ރަނގަޅު ގޮތެއްގައި ހަރަކާތްތެރިވެވޭނެ ސިޔާސީ ބައެއް އޮންނަ. ޕީޕީއެމްއަކީ އެންމެ ބޮޑު ޖަމާއާތް. ޕީޕީއެމް ތެރޭގައި މަސައްކަތް ކުރެވޭނެ ފުރުސަތުތަކެއް އިދިކޮޅު ފަރާތްތަކަށް އޮންނަ ޖެހޭ. އަޅުގަނޑު އަދި އެއާ ބޭހޭ ގޮތުން [ޕީޕީއެމްއާ ގުޅުމަށް] ވަކި ގޮތެއް އަދި ނުނިންމަން،" ޕީޕީއެމްގެ ސަރުކާރުގައި ނައިބު ރައީސްކަމުން ދުރުކުރި ޑރ. ޖަމީލް ވިދާޅުވިއެވެ.

"ސަން"ގެ 50 މިނިޓް ޕްރޮގްރާމްގައި ޖަމީލް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޖަމީލް ވިދާޅުވީ، ޕީޕީއެމްއަކީ ވަކި މީހަކަށް ނިސްބަތްވާ ޕާޓީއެއް ނޫން ކަމަށާއި އެއީ ސިޔާސީ ފިކުރެއް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭރު އިދިކޮޅު ފަރާތްތަކުން އެކުލަވާލި މޯޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ލީޑަރުކަން ކުރެއްވި ޖަމީލް ވިދާޅުވީ، އިއްތިހާދުވެގެން އައި މި ސަރުކާރުން ހިފައިގެން އައި އަސާސްތައް މުގުރާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ކޮންމެ ބަޔަކަށް ބާރު ލިބުނީމަ ހުދުމުހުތާރުކަމާއެކު ކަންތައްތައް ކުރަމުންދާތަން. އެގޮތައް ކަންތައް ކުރީމާ ބަލައިނުގަނެވޭ. ދެން ވަރަށް ބޮޑަށް ވަކާލާތު ކުރިން ޑިމޮކްރަސީގެ އަހުލާގީ ރީތި ސިފަ. ގޭތެރެއިން ވަޒީފާއާ އެއްޗިސް ދީގެން. މިއަދު ބަލާ ކަމަށް ވާނަމަ އޭތިވެސް އެއޮތީ އެގޮތައް. މުޅި އެތި [ސަރުކާރަށް] ބަލާނަމަ، ކޮއްކޮއާއި ބޭބެއާއި ދައްތައާއި ފަހަރިއާއި ޅިޔަނާ ހުރިހާ އެންމެން ތަނެއްގައި ތިބެގެން ގެންދާ ނިޒާމެއް ބަލައިގަންނަ ވަރަށް އުދަގޫ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގައި މިވަގުތު ހުންނެވި ނަމަވެސް، އެ ޕާޓީ މިހާރު ހިސާބު ހުރިގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ކޮބާތޯ ޖޭޕީއަކީ. ޖޭޕީއަކީ ސަރުކާރުތޯ. ސަރުކާރުން ބޭބެތޯ. ޖޭޕީގެ ރައީސް ވިދާޅުވަނީ ވަކި ވާހަކައެއް. ޖޭޕީގެ ލީޑަރު ވިދާޅުވަނީ ތަފާތު ވާހަކައެއް. ސިޔާސީ ގޮތުން ޖޭޕީއަށް ހަރަކާތެރިވެވޭނީ ކޮން ދިމާލަކުންކަމެއް އަޅުގަނޑަކަށް ސާފެއް ނުވޭ،" ޖަމީލް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން މިހާރު މިއޮތް ހާލަތައް ބަލާނަމަ، ޖޭޕީއަށް އިދިކޮޅު ދައުރެއް ކުރިއަށް އޮތް އަހަރެއް ދެ އަހަރެއްހާ ތެރޭ އަދާ ކުރެވޭނެ ކަމަށް،" ޖަމީލް ވިދާޅުވިއެވެ.

comment ކޮމެންޓް