14 ގަޑިއިރަށް ފަހު ހއ. އަދި ހދ. އަތޮޅަށް ފޯނުގެ ހިދުމަތް އަލުން ދީފި

ރޭ ދިރާގު ކަނޑިތީމު ސްޓޭޝަން ރޯވެ، އުތުރުގެ ތިން އަތޮޅުން ފޯނުގެ ހިދުމަތް މެދުކަނޑުމަށް ފަހު މިއަދު އިރުއޮއްސި 6:00 އެހާކަންހާއިރު، އަދި ހިދުމަތް މެދުކެނޑުނުތާ 14 ގަޑި އިރަށް ފަހު ހއ. އަދި ހދ. އަތޮޅަށް ފޯނުގެ ހިދުމަތް އަލުން ދީފި އެވެ.

ދިރާގުގެ މެނޭޖާ، މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މުހައްމަދު މިރުޝާން ހަސަން މި ރޭ ވިދާޅުވީ ރޭ ދަންވަރު 3:00 އެހާކަންހާއިރު، ކަނޑިތީމުގައި ހުންނަ ނޯތު ސެންޓަރުގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު، ދިރާގުގެ ޓީމުތަކުން ވަރަށް ބުރަކޮށް އަދި އެހާމެ އިސްކަމެއްދީގެން ކުރި މަސައްކަތުން މިއަދު އިރު އޮއްސި 6:00 ހާކަންހާއިރު، ހއ. އަދި ހދ. އަތޮޅުގެ ރަށްތަކަށް މޯބައިލް ފޯނާއި އިންޓަނެޓާއި އަދި ލޭންޑްލައިންގެ ހިދުމަތްދީފައިވާ ރަށްރަށަށް އެ ހިދުމަތް އަލުން ފޯރުކޮށްދެވިފައިވާ ކަމަށެވެ.

މިރުޝާން ވިދާޅުވީ އަލިފާންގެ ހާދިސާގައި މުޅި ނޯތު ސެންޓަރު ރޯވެ، ވަރަށް ބޮޑު ގެއްލުމެއް ލިބުމަށް ފަހު 14 ވަރަކަށް ގަޑި އިރުގެ ތެރޭގައި އަލުން ހިދުމަތް އަނބުރާ ފޯރުކޮށްދެއްވުމަކީ ރެކޯޑް މިންވަރުގެ މަސައްކަތެއް ކަމަށާއި ދިރާގުގެ ޓެކްނިކަލް ޓީމުތަކުން ކުރި މަސައްކަތާ ދޭތެރޭ އޭނާ ފަހުރުވެރިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ހިދުމަތް ނުދެވި ވަނީ ށ. އަތޮޅުގެ ހަތަރު ވަރަކަށް ރަށުން ކަމާއި އެ ހަތަރު ރަށަށް މިރޭގެ ވަގުތެއްގައި ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ދިރާގުން ބުނީ އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔާލެސް އާއި ދިވެހި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނީގެ އިކުވިޕްމަންޓްތައް ހުންނާނީ އުސޫލެއްގެ ގޮތުން އިންޝުއާކޮށްފައި ކަމަށާއި އެގޮތުން ކަނޑިތީމު ސެންޓަރު ވެސް އިންޝުއާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އަލިފާންގެ އެ ހާދިސާގައި ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަން އަދި އެސްޓިމޭޓް ކުރަން ނޭނގޭ ކަމަށެވެ.

ދިރާގު ކަނޑިތީމު ސެންޓަރުގައި އަލިފާން ރޯވީ ކިހިނެއް ކަމެއް އަދި ނޭނގޭ ކަމަށް ދިރާގުން ބުންޏެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު