ސުޕްރީމް ކޯޓުގެ އަމުރު ބަލައިނުގަތް ޖޭއެސްސީގެ ޖަލްސާގެ ޔައުމިއްޔާ ޕީއެންސީއަށް ނުދިން

ޕީއެންސީގެ ކޮންގްރެސް ތެރެއިން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ނިންމުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނެރުނު އަމުރު ބަލައިނުގަތުމަށް އެ ކޮމިޝަނުން ނިންމި ޖަލްސާގެ ޔައުމިއްޔާ، އިދިކޮޅު ޕީއެންސީއަށް ނުދޭން އެ ކޮމިޝަނުން ނިންމައިފި އެވެ.

ސުރީމް ކޯޓުގެ އަމުރާ ގުޅިގެން މިދިޔަ މަހު 13 ވަނަ ދުވަހު ޖޭއެސްސީން ބޭއްވި ކުއްލި ބައްދަލުވުމުގައި، އެ ކޮމިޝަނުން ނިންމީ، ސްޕްރީމް ކޯޓުގެ އެ އަމުރަށް ތަބާނުވެ، ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން އެ ކޮމިޝަނުން ނިންމި ނިންމުން ދެމިއޮތް ކަމަށް ނިންމާފައެވެ.

އެކަމާ ގުޅިގެން ޕީއެންސީން ވަނީ އެ އަމުރު ބަލައި ނުގަތުމަށް ނިންމި ޖޭއެސްސީގެ ބައްދަލުވުމުގެ ޔައުމިއްޔާ ދިނުމަށް އެދި ސިޓީއެއް އެ ކޮމިޝަނަށް ފޮނުވާފައެވެ.

އެ ސިޓީއާ ގުޅިގެން މިއަދު ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމީ، ޔައުމިއްޔާގައި ފަންޑިޔާރުންގެ ޒާތީ މައުލޫމަތު ހިމެނޭތީ އަދި ގާނޫނުގައި އެ މައުލޫމަތު ދިނުމަށް ބަޔާން ކޮށްފައިވާ ފަރާތެއްގެ ގޮތުގައި ސިޔާސީ ޕާޓީތައް ނުހިމެނޭތީ، އެ މައުލޫތުތައް ޕީއެންސީއާ ހިއްސާ ކުރުމަށް ނުފެންނަ ކަމަށެވެ.

ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ މިދިޔަ މަހު 12 ވަނަ ދުވަހުއެވެ. ނަމަވަސް ފަނޑިޔާރު ދީދީ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން ޖެހިގެން އައި ދުވަހު އެކޯޓުން ވަނީ އެ ނިންމުން ތަންފީޒު ކުރުން މަޑުޖައްސާލަން އަމުރެއް ނެރުނެވެ.

comment ކޮމެންޓް