ދަނޑުވެރިކަން ކުރިއެރުވުމަށް އުމަރުމަނިކު ފައުންޑޭޝަނުން އެހީވަނީ

ދިވެހިރާއްޖޭގެ ދަނދުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް މުހައްމަދު އުމަރު މަނިކު ފައުންޑޭޝަން އާއި މިނިސްޓްރީއާއި ދެމެދު އެމްއޯޔޫ ގައި ސޮއިކުރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝާން އިލްޔާސް

ރާއްޖޭގެ ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ކުރާ މަސައްކަތަށް މާލި އެހީ ދިނުމަށް އުމަރު މަނިކު ފައުންޑޭޝަނުން އެގްރިކަލްޗާ މިނިސްޓްރީ އާއެކު އެއްބަސްވެއްޖެއެވެ.

މިއަދު އެގްރިކަލްޗާގައި ބޭޢްވި ރަސްމިއްޔާތެއްގައި މިކަމުގެ އެމްއޯޔޫގައި ވަނީ ސޮއިކޮށްފައެވެ. މިނިސްޓްރީ އިން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށެވެ.

މި އެއްބަސްވުމުގައި ހިމެނޭ މައިކަނޑު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ކުރާ ދަނޑުވެރިކަމުގެ މަސައްލަތްތަކަކީ ތިމާވެއްޓަށް ގެއްލުން ކުޑަވާނެހެން ކުރެވޭ މަސައްކަތްތަކަކަށް ހެދުމާއި ދަނޑުވެރިކަމުގައި ބޭނުންކުރާ ގުދުރަތީ ވަސީލަތްތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ވާސިލުކޮށްދީ، ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރާގޮތުން އިންސާނުންގެ ސިއްހަތަށް ކުރާ ނުވަތަ ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަކޮށް، ދަނޑުވެރިކަމުގެ މަސައްކަތުން އުފައްދާ ތަކެއްޗަކީ އިންސާނުން ކެއިންބުއިމަށް ރައްކާތެރި ތަކެއްޗަށް ހެދުން ހިމެނެއެވެ.

ތޮއްޑޫ ދަނޑުވެރި ބިންތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން ދަނޑުވެރިކަމުން އުފައްދާ ތަކެތި އިތުރުކޮށް، ދަނޑުވެރިކަމުގެ މަސައްކަތުން ހޯދާ ނަފާ އިތުރުވާނެ މަގުތައް ފަހިކޮށްދީ، އެދާއިރާ އިން މީހުން ބިނާ ކުރުމާއި ދިވެހި ރުކާއި އަލަ ދަނޑުތަކަށް ދިމާވެފައިވާ މައްސަލަތައް ދެމެހެއްޓެނިވިގޮތެއްގައި ކޮންޓްރޯލު ކުރުމަށް މިނިސްޓްރީ އިން ކުރާ މަސައްކަތްތަކަށް އެހީވުމަށަށް އެއްބަސްވެފައިވެއެވެ.

ތޮއްޑޫގެ ދަނޑުވެރިން މަސައްކަތުގުގައި--- ފޮޓޯ: ތޮއްޑޫ ދަނޑުވެރިން/ ޓުވިޓާ

މި އެއްބަސްވުމުގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާތަކުން ރާއްޖެއިން ބޭރުން ބެޗެލާސް ޑިގްރީ ހާސިލްކުރުމަށް ތިން ސްކޯލާޝިޕް ފުރުސަތާއި ހަ މަސްދުވަހުގެ މުއްދަތަށް ހަ މީހަކު ރާއްޖެއިން ބޭރަށް ފޮނުވައިގެން ފީލްޑް އޮފިސަރުންގެ ގޮތުގައު ތަމްރީނުކޮށް ދަނޑުވެރިކަމުގައި ދިމާވާ އެކިއެކި ބަލިތައް އަދި ރުކުމަޑީގެ ބާވަތްތައް ދެނެގަނެ އެ ބަލިތައް ތަހުލީލު ކުރުމަށާއި ޕެރަސައިޓް ބްރީޑް ކުރުމަށް ލެބޯޓްރީ އެއް ގާއިމް ކުރުމަކީވެސް އެ އެއްބަސްވުމުގެ ދަށުން އުމަރު މަނިކު ފައުންޑޭޝަނުން އެހީ ދޭނެ ކަންތައްތަކެވެ.

comment ކޮމެންޓް