އިންޑިއާއާ ގުޅިގެން ތަހުގީގުތައް ހިންގުމަށް ހަދާ މުއާހަދާއަށް ކޮމިޓީއިން ރުހުން ދީފި

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ -- ފޮޓޯ/ މަޖިލިސް

ޖިނާއީ ތަހުގީގުތަކަށް އެއްބާރުލުން ދިނުމަށް އިންޑިއާޔާ އެކު ރާއްޖެއިން ހަދާ މުއާހަދާޔަށް ރުހުން ދިނުމަށް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ނިންމައިފި އެވެ.

"މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް ޓްރީޓީ"ގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ ފެބުރުއަރީ މަސްތެރޭގަ އެވެ. ގާނޫނު އަސާސީގައި ބުނާގޮތުން ރާއްޖެއިން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ މައްޗަށް އަމަލުކުރަންވާނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، މަޖިލީހުން ނިންމާގޮތެއްގެ މަތިންނެވެ.

މުއާހަދާއާގެ ބައެއް މާއްދާތަކަށް މެމްބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ކޮމިޓީގެ ކަމާ ގުޅުންހުރި ފަސް މުއަސަސާއެއްގެ އޮފިޝަލުން ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. ކޮމިޓީއަށް ހާޒިރު ކުރީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)، ފޮރިން މިނިސްޓްރީ، ޕްރޮސެކިއުޓާ ޖެނެރަލް އަދި އޮޑިޓާ ޖެނެރަލް އޮފިހުގެ އޮފިޝަލުންނެވެ.

ކޮމިޓީއަށް ހާޒިރުކުރި ފަސް މުއަސަސާގެ އޮފިޝަލުން -- ސަން ފޮޓޯ

ކޮމިޓީގެ ބައެއް މެމްބަރުންގެ ކަންބޮޑުވުމަކީ، މުއާހަދާގެ ހަތަރުވަނަ މާއްދާގެ ތިންވަނަ ނުގުތާ އެވެ. އެ ނުގުތާގައި ބުނެފައިވަނީ، ދެ ގައުމުން ކުރެ ގައުމަކުން ބޭންކެއްގެ ސިއްރު މައުލޫމަތު ހިއްސާކުރުމަށް އެދިއްޖެނަމަ އެ މައުލޫމަތު ދޭންޖެހޭނެ ކަމަށެވެ.

އެކަމާ ގުޅިގެން މިއަދު ކޮމިޓީއަށް ވަޑައިގެން ޕްރޮސެކިއުޓާ ޖެނެރަލް އަދި އޮޑިޓާ ޖެނެރަލް އޮފީހުގެ އޮފިޝަލުން ވިދާޅުވީ، އެގޮތަށް އެ މާއްދާގައި ބުނެފައިވީ ނަމަވެސް، މުއާހަދާގެ ފުރަތަމަ މާއްދާގައި ބުނެފައިވަނީ، މުއާހަދާގައި ހުރި ކަަންތައްތަކަށް އަމަލުކުރަން ޖެހެނީ ދެ ގައުމުގެވެސް ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެހެންކަމުން ބޭންކެއްގެ ސިއްރު މައުލޫމާތު އާންމުކުރަން ޖެހިއްޖެ ނަމަވެސް އެ މައުލޫމަތެއް ދޫކުރަނީ، ރާއްޖޭގެ ގާނޫނުގެ ތެރެއިން އެ އޮންނަ ގޮތެއްގެ މަތިން ކަމަށެވެ. އަދި މި މުއާހަދާއާ އެއްވެސް ގާނޫނަކާ ތައާރަޒު ނުވާކަމަށްވެސް އޮފިޝަލުން ވިދާޅުވިއެވެ.

މުއާހަދާއާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާޙިމެވެ. ގާސިމް ތަކުރާރުކޮށް އޮފިޝަލުން ކިބައިން މުއާހަދާއާ ގުޅިގެން އިންޑިއާއަށް ޖާސޫސު ކުރުމުގެ ހުއްދަ އޮތްތޯ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި އޮފިޝަލުން ވިދާޅުވީ، މުއާހަދާއާ ގުޅިގެން ސީދާ އިންޑިއާއަށް ޖާސޫސު ނުކުރެވޭނެ ކަމަށާއި މައްސަލައަކާ ގުޅިގެން ރާއްޖޭގައި ތަހުގީގެއް ކުރާ ނަމަ އެ ތަހުގީގެއް ކުރާނީ ރާއްޖޭ ފުލުހުން ކަމަށެވެ.

މުއާހަދާ ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީތަކުގެ ދެ ބައްދަލުވުމުގައި ހިތްހަމަޖެހިވަޑައިނުގަތް ގާސިމް ބައްދަލުވުން ދޫކުރައްވާ ވަޑައިގެންނެވި އެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބު ރައީސް، މާވަށު ދާއިރާ މެމްބަރު، މުހައްމަދު ސައީދު ވިދާޅުވީ، މިއީ ވަރަށް ސީރިޔަސް "ހައްސާސީ" މައްސަލައެއް ކަމަށާއި ކޮމިޓީއަށް ވަޑައިގެންނެވި މެމްބަރުން ދެއްވީ އެ މެމްބަރުންގެ އަމިއްލަ ހިޔާލު ކަމަށާއި އެއީ ޖަވާބު ދެވިގެންވާނެ ގޮތް ނޫން ކަމަށެވެ.

"މިފަދަ ހައްސާސް ބޮޑު މައްސަލައެއްގައި ވާހަކަ ދައްކަވާއިރު، ތަންކޮޅެއް ސީނިޔާ ބޭފުޅުން މިތަނަށް ވަޑައިގެންނެވިއްޔާ ރައްޔިތުންގެ ތެރޭގައި އިތުބާރު ބޮޑުވެގެން ދާނެ،" ސައީދު ވިދާޅުވިއެވެ.

މުއާހަދާ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްވީ، ކޮމިޓީގެ ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ ވޯޓުންނެވެ. މުއާހަދާ ފާސްނުކުރުމަށް ވޯޓް ދެއްވީ، ގާސިމް، ސައީދު އަދި ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު އުޝާމެވެ. މައްޗަންގޮޅި ދެކުނު ދާއިރާ މެމްބަރު އަހްމަދު ހައިތަމް ވަކި ކޮޅަކަށް ވޯޓު ނުދެއްވަ އެވެ.

މުއާހަދާ ފާސް ކުރުމަށް ކޮމިޓީގެ މެމްބަރުން ވޯޓު ދެއްވަނީ -- ސަން ފޮޓޯ

މި މުއާހަދާ ދިރާސާކުރުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ މީގެ ކުރިން 10 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައެވެ. އަދި އެ މުއަދަތުގައި މުއާހަދާ ދިރާސާކުރުމަށް ތިން މެމްބަރުންގެ ސަބް ކޮމިޓީއެއްވެސް ނެގިއެވެ. ވިލިމާލޭ މެމްބަރު އަހްމަދު އުޝާމް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އަދި މައްޗަންގޯޅި ދެކުު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ހިމެނިވަޑައިގެންނެވި އެ ސަބް ކޮމިޓީންވެސް ނިންމީ މުއާހަދާ އޮތް ގޮތަށް ފާސްކުރުމަށެވެ.

އިންޑިއާ ރާއްޖެ މުއާހަދާ ކުރުކޮށް

  • ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުން އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  • ކޯޓަށް ހާޒިރުކުރުމުގައާއި ކޯޓު އަމުރު ތަންފީޒުކުރުމުގައި އެހެނިހެން ޝަރުއީ ކަންކަމުގައި ދެ ގައުމުން އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  • ކުށް މަދުކުރުމަށާއި ހުއްޓުވުމަށާއި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމަށް ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުން.
  • ޓެރަރިޒަމާއި ޓެރަރިޒަމް ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި، އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާއީ ކުށްތަށް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވުން.
  • ތަހުގީގު ކުރުމާއި ޝަރީއަތްކުރަން ހަރުދަނާ ކުރުމުގެ ބޭނުމުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިވެދިނުން.
  • އެ ގައުމެއްގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނާއި އަދި މުއާހަދާގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެވެން އެތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މަސައްކަތްތަކުގައި އެހީތެރިވުން.
  • މައްސަލަ ތަހުގީގުކުރުމުގައާއި ޝަރީއަތް ހިންގުމުގައާއި އަދި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން.
  • މައްސަލަތަކުގައި ހިނގާ ހަރަދުތައް ކުރަން ޖެހޭނީ، އެ ހުށަހެޅުމެއް ހުށަހަޅާ ގައުމަކުން.
  • މައްސަލައާ ގުޅޭގޮތުން ހޯދަން ޖެހޭ ހެކި ހޯދުމުގައާއި ތަހުގީގު ކުރުމަށް ބޭނުންވާ މީޙުންނާ ސުވާލުކުރުމުގެ ފުރުސަތު ފުޅާވުން.

މި މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފި ނަމަ، މިއީ ރާއްޖޭގެ ފަރާތުން އެހެން ގައުމަކާއެކު މިފަދަ މުއާހަދާއެއްގައި ސޮއި ކުރާ ފުރަތަމަ ފަހަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު