ގެދޮރު އިމާރާތް ކުރުމަށް ނަގާ ލޯނުގެ އިންޓްރެސްޓް ކުޑަކުރުމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރާ މަޝްވަރާ ކުރައްވައިފިއެވެ.
ހައުސިން މިނިސްޓްރީއިން ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގެދޮރު އިމާރާތް ކުރުމަށް ފަސް ޕަސެންޓާއި ހަ ޕަސެންޓާ ދެމެދުގެ އިންޓްރެސްޓެއްގައި ލޯނު ދޫކުރުމާ ގުޅޭގޮތުން މިނިސްޓަރު އާތިފާއާއި ގަވަރުނަރު މަޝްވަރާ ކުރެއްވި ކަމަށެވެ.
އިއްޔެ ބޭއްވި މި މަޝްވަރާތަކާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހައުސިން ލޯނުގެ އިންޓްރެސްޓު ކުޑަ ކުރުމުގެ ސިޔާސަތާ ގުޅޭ މަޝްވަރާތައް ރާއްޖޭގައި ހިންގާ ބޭންކުތަކާއެކުވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ލޯނުގެ އިންޓްރެސްޓު ބޮޑުވުމަކީ ރައްޔިތުންގެ ޝަކުވާއެކެވެ. ކުޑަ އިންޓްރެސްޓެއްގައި ހައުސިން ލޯނު ދޫކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ޝާމިން ވިދާޅުވީ ލޯނު އިންޓްރެސްޓު ކުޑަކުރުމަށްފަހު، ކުރިއަށް އޮތް ކުޑަދުވަސްކޮޅެއްގެ ދުވަހުގެ ތެރޭގައި އިއުލާނު ކުރެވޭނެ ކަމަށެވެ.