ދިވެހި ދައުލަތުން 400 މިލިއަން ޑޮލަރު ލޫޓުވާލައިފައިވާ ކަމަށް ބުނާ ވާހަކަތަކަށް ރައީސް މައުމޫން ރައްދުދެއްވައިފި

14:30


ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ސަރުކާރުން ދިވެހި ދައުލަތުން 400 މިލިއަން ޑޮލަރު ލޫޓުވާލާފައިވާ ކަމަށާއި އެ ފައިސާތައް ހޯދުމުގެ މަސައްކަތް މިހާރުގެ ސަރުކާރުން ކުރަމުން އަންނަ ބުނެ އެމެރިކާގެ ނޫހެއްގައި ލިޔެފައިވާ ވާހަކަތަކަށް ރައީސް މައުމޫން މިއަދު ރައްދުދެއްވައިފި އެވެ.


ނިއުޔޯކް ޓައިމްސްގައި ލިޔެފައިވާ އެ އާޓިކަލް އަށް ރައްދު ދެއްވައި ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ދެއްވި ހާއްސަ އިންޓަވިއެއްގައި ރައީސް މައުމޫން މިއަދު ވިދާޅުވީ އެ ވާހަކަތަކަކީ އެއްވެސް ހަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި ދައުލަތުގެ ލޯލާރިއެއްގައި ވެސް އެމަނިކުފާނު ޖެހިވަޑައިގެންފައިނުވާނެ ކަމަށެވެ. އަދި އެ ނޫހުގައި އެ ޚަބަރާ ބެހޭ ގޮތުން ރައީސް މައުމޫނާ ގުޅޭތޯ އެފަރާތުން ވަރަށް މަސައްކޮށްފައިވާ ކަމަށް ބުނެފައި ވީނަވެސް އެއިން އެއްވެސް މަސައްކަތެއް އެ ފަރާތުން ކޮށްފައިނުވާ ކަމަށާއި އެފަދަ ވާހަކަތަކެއް ފަތުރައިގެން އެމަނިކުފާނުގެ އަގު ވައްޓާލުމަށް މަސައްކަތްކޮށްފައިވާ ބަޔަކާ މެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.


ރައީސް މައުމޫން އިތުރަށް ވިދާޅުވީ އެފަދަ އެއްވެސް ފައިސާއެއް ގެއްލިގެން މި ސަރުކާރުން ހޯދަން އުޅޭ ކަމުގެ ވާހަކައެއް މިސަރުކާރުން އެމަނިކުފާނުގެ އަރިހުގައި ވިދާޅުވެފައިނުވާ ކަމަށެވެ. އަދި މި ސަރުކާރުގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅަކު ވެސް މީގެ ކުރިން އެ މަނިކުފާނުގެ އިސްތަށިފުޅުގައި، ދައުލަތުގެ ފައިސާ އިން 80 މިލިއަން ޑޮލަރުގެ ހިޔާނާތެއް ވެފައިވާ ކަމަށް ބުނެ އިލްޒާމް އަޅުވާފައިވާ ކަމަށާއި ނަމަވެސް އެ ވާހަކަތަކީ ވެސް އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތަކެއްކަން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.


ނިއުޔޯކް ޓައިމްސްގެ އިއްޔެގެ އަދަދުގައި ލިޔެފައިވާ އެ އާޓިކަލްގައި ބުނެފައި ވަނީ ރައީސް މައުމޫނަކީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ފަރާތްތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ އެއް އަމާޒު ކަމަށެވެ. އަދި ރައީސް މައުމޫންގެ ވެރިކަމުގައި ދައުލަތުގެ ފައިސާއިން ކޮށްފައިވާ ބޮޑެތި ހަރަދުތަކާއި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ރައީސް މައުމޫނާއި އެމަނިކުފާނުގެ ސަރުކާރުގެ މައްސަލަތަކުގެ މައްޗަށް ވެސް ވަނީ އެ ނޫހުގައި އަލިއަޅުވާލާފަ އެވެ.


ފިނޭންސް މިނިސްޓަރު އަލީ ހާޝިމާ ހަވާލާދީ ނިއުޔޯކް ޓައިމްސްގައި ބުނެފައިވަނީ ދިވެހި ސަރުކާރުން އެދެނީ އެ ފައިސާތައް އަނބުރާ ހޯދައިދިނުމުގައި ރާއްޖެ އަށް ވޯލްޑް ބޭންކުން އެހީތެރިވެދިނުމަށް ކަމަށާއި އޭރުން ރާއްޖެ އަށް ބޭރުގެ އެހީ ހޯދަންޖެހޭ މިންވަރު މަދުކުރެވޭނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު