ރައްޔިތުން ނޭދޭ ގޮތަކަށް މި ސަރުކާރަކުން އެއްވެސް ކަމެއް، އެއްވެސް ޢަމަލެއް ނުކުރާނަން: ރައީސް

ސަރުކާރުން ގަވާއިދެއް ހެދުމުގައި އަދި ކޮންމެ ކަމެއް ކުރުމުގައި ވެސް ރައްޔިތުން އެދޭގޮތާއި، ރައްޔިތުން ބޭނުންވާ ގޮތް ބަލަމުން ގެންދާނެ ކަމަށާއި، ރައްޔިތުން ނޭދޭ ގޮތަކަށް މި ސަރުކާރަކުން އެއްވެސް ކަމެއް، އެއްވެސް ޢަމަލެއް ނުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުމުގެ ހުއްދަ ދެއްވުމާ ބެހޭ ގަވާއިދާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ހާމަކުރަމުން ގެންދާތީ، އެކަމުގެ މައްޗަށް ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާގެ ހަފްތާގެ ރޭޑިއޯ ޚިތާބުގައި މިއަދު ވިދާޅުވީ ޣައިރު މުސްލިމުންނަށް ބަނގުރާ ބުއިމުގެ ހުއްދަ ދިނުމުގެ ގަވާއިދަށް ޢަމަލުކުރަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެ ކަމަށެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ގެންގުޅުން އަދި ބުއިމުގެ ހުއްދަ އެ ގަވާއިދުގެ ދަށުން މިވަނީ އެތައް ސަތޭކަ ބަޔަކަށް ދެވިފައި ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ. އަދި އެތައް ސަތޭކަ ހުއްދައެއް މެދުވެރިކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ މިވަނީ ވަރަށް ބޮޑަށް ޢާންމުވެފައި ކަމަށް ރައީސް ވިދާޅުވި އެވެ.


މިދިޔަ އަހަރު ވެސް އަދި މީގެ ކުރީގައި ވެސް މާލޭގައި ވަޅި، ކަޓަރު ފަދަ ތަކެތި ބޭނުންކޮށްގެން ހިންގާފައިވާ ހުރިހާ މާރާމާރީއެއް ވެސް ހިންގާފައި ވަނީ، އެކަންކުރާ މީހުން ބަނގުރާ ބޮއި، މަސްތުވެ ތިބެގެން ކަމަށް އެމަނިކުފާނަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމުގައި ރައީސް ވިދާޅުވި އެވެ. އެހެންކަމުން، ގަވާއިދަށް ބަދަލެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ފެއްޓީ، އިޖްތިމާޢީ މައްސަލައިގެ ހައްލު ހޯދުމުގެ ނިޔަތުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.


ރައީސްގެ ރޭޑިއޯ ޚިތާބުގައި، މިއަދަކީ ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގެންނެވި ދުވަސް ކަމަށްވުމާއެކު، މި ތާރީޚީ މުނާސަބަތުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި އިސްލާމީ ޝަރީޢަތް ރައްކާތެރިކޮށް ދިނުމުގަޔާއި، އިސްލާމީ ޝަރީޢަތް މިއަދާ ހަމައަށް ވާސިލުވެގެން އައުމުގައި ދިވެހި ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ކުޅެފައިވާ ދައުރުގެ މައްޗަށް ވެސް ބައްލަވާލައްވައި ވިދާޅުވީ ރާއްޖޭގައި މިދިޔަ 900 އަހަރު އިސްލާމީ ޝަރީޢަތް ހިންގާފައި ވަނީ، ވަރަށް ސާބިތުކަމާއި އަދި އެހާމެ ޢިލްމުން ފުރިފައިވާ ފަނޑިޔާރުންގެ ބެލުމުގެ ދަށުން ކަމަށާއި، އެހެންކަމުން، ދިވެހިރާއްޖެއަކީ މެދުކެނޑުމެއްނެތި އިސްލާމީ ޝަރީޢަތް ހިންގަމުން އައި ހަމައެކަނި ޤައުމު ކަމަށްވުމީ، ވަރަށް އެކަށީގެންވާ ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މި ރާއްޖެއަކީ އަޅުގަނޑުމެން އެންމެން ފަޚްރުވެރި ވާފަދަ ވަރުގަދަ އިސްލާމީ ޝަޚްސެއް ބިނާވެފައިވާ ރާއްޖެއެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު