ލުތުފީ ނުގެނެވިގެން އުޅެނީ ލިޔެކިޔުންތައް ހަމަނުޖެހިގެން: ފުލުހުން

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ: -

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް އުދުވާނީ ހަމަލާއެއްދީ 19 ދިވެހީން ޝަހީދުކޮށްލުމުގައި އެންމެ އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ނުގެނެވިގެން އުޅެނީ ލިޔެކިޔުންތައް ހަމަނުޖެހިގެން ކަމަށް ފުލުހުން ބުނެފިއެވެ.

ލަންކާގެ ކޮޅުބުގައި ދިން އީސްޓް ސަންޑޭ ބޮމުގެ ހަމަލާތަކަށް ފަހު އެ ގައުމުގެ ސިފައިން ހިންގި އޮޕަރޭޝަންތަކާ ގުޅިގެން ލުތުފީ އަމިއްލައަށް އައިސް އެމްބަސީއާ ހަވާލުވީ، މޭ އެއްވަނަ ދުވަހު ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. އޭނާ އެމްބަސީގައި އުޅޭތާ ދެ ވަރަކަށް މަސް ފަހުން އެކަން ހާމަވުމާ އެކު އޭނާ 48 ގަޑިއިރު ތެރޭ ރާއްޖެ ގެންނާނެ ކަމަށް މިދިޔަ އަންގާރަ ދުވަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

އެކަމަކު އަދިވެސް ލުތުފީ ގެނެވިފައި ނުވާ ސަބަބާ ގުޅޭގޮތުން ފުލުހުން މިއަދު ވަނީ މައުލޫމާތު ދީފައެވެ. ފުލުހުން ބުނީ ލުތުފީ ގެންނަން ބޭނުންވާ ލިޔެކިޔުންތައް އަދިވެސް ހަމަޖެހިފައި ނުވާ ކަމަށެވެ. އެކަމަކު، ލިޔެކިޔުންތައް ފުރިހަމަ ކުރެވުނުހާ އަވަހަކަށް ލުތުފީ ރާއްޖެ ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން، ލުތުފީ ރާއްޖެއަށް ގެނެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއާ ހަވާލުކުރުމަށް ފުލުހުންގެ ޓީމެއް މިހާރު ލަންކާގައި ހަރަކާތްތެރިވުމުންދާ ކަމަށެވެ.

އުމުރަށް ޖަލަށް ހުކުމްކޮށްފައިވާ ލުތުފީ، ބޭސްފަރުވާއަށް ރާއްޖެ ފޮނުވާލީ، 2010 ވަނަ އަހަރުގެ ޖެނުއަރީ 16 ގައެވެ. އެފަހުން ލުތުފީ ފިލައިގެން ދިރިއުޅެމުން އަންނަނީ ލަންކާގައެވެ.

ލުތުފީ ހޯދައި ހައްޔަރުކޮށް އޭނާގެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންނާއި ކަރެކްޝަންސްގެ މައްޗަށް 2012 ވަނަ އަހަރުގެ މާޗް މަސްތެރޭ ކުރިމިނަލް ކޯޓުން އަމުރެއް ވެސް ވަނީ ނެރެފަ އެވެ. އޭގެ ފަހުން ފުލުހުން ވަނީ ލުތުފީ ހޯދަން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ވެސް ނެރެފަ އެވެ.

comment ކޮމެންޓް