ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމް ކަމެއް: ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އިސްލާމީ ޝަހުސިއްޔަތު ރައްކާތެރި ކުރުމަށާ އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާއި އަގުތައް ދަސްކޮށްދިނުމަށްޓަކައި ރާއްޖޭޣައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމް ކަމެއް ކަމަށެވެ.

ގައުމީ ޔުނިވާސިޓީއަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލީހުގެ ތަޅުމުގައި އިއްޔެ ކުރިއަށް ގެންދިޔަ ބަހުގައި އިސްލާމިކް ޔުނިވާސިޓީ ގައުމީ ޔުނިވަސިޓީއެއްގެ ފެކަލްޓީއެއްގެ ގޮތުގައި ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ހިޔާލުފާޅު ކުރައްވައިފި އެވެ.

ކުރީގެ ކުއްލިއްޔާގެ ނަމުގައި ހިންގަމުން އައި ކޮލެޖް އިސްލާމިކް ޔުނިވާސިޓީއަށް ބަދަލު ކުރީ 2014 ވަނަ އަަހަރު އެވެ. ކުއްލިޔާގެ ނަމުގައި އެތަން އެންމެ ފުރަތަމަ ވުޖޫދަށް އައީވެސް ރައީސް މައުމޫންގެ ވެރިކަމުގައެވެ. ރައީސް މައުމޫންއަކީ އެމަނިކުފާނުގެ ޒައާމަތުގައި އަރަބި ތައުލީމަށް ވަރަށް ބޮޑަށް އިސްކަންދެއްވި ބޭފުޅެއްވެސް މެއެވެ.

ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާއިރު، އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް ވެސް ވަނީ އިސްލާހުތަކެއް ހުށަހަޅާފަ އެވެ. އެ ބިލް މިހާރު އޮތީ އިބްތިދާއީ ބަހުސްގެ މަރުހަލާގަ އެވެ.

އިސްލާމިކް ޔުނިވާސިޓީ ގައުމީ ޔުނިވާސިޓީގެ ދަށަށް ބަދަލުކުރުމަށް ގިނަ މެމްބަރުން ހުށަހެޅުއްވި ހުށަހެޅުއްވުމަށް އައިޔޫއެމްގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު އަލީ ޝަހީމް އަލީ ސައީދުވެސް ވަނީ ވަރަށް ބޮޑަށް އެކަަމަށް ފާޑުވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުވެސް ވަނީ ދެ ޔުނިވާސިޓީން ވަކިން ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް