އެމްޓީސީސީގެ ހަލުއި ފެރީގެ ދަތުރުތައް އިތުރު ދެ ރަށަކަށް ފަށައިފި

އެމްޓީސީސީ އިން ތިލަދުންމަތީގައި ފެރީގެ ހިދުމަތްދޭ ލޯންޗެއް -- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީއިން ހއ، ހދ އަތޮޅުތަކުގައި ދެމުން އަންނަ ސްޕީޑް ފެރީގެ ދަތުރުތައް އިތުރު ދެ ރަށަކަށް ފުޅާކޮށްފި އެވެ.

ހއ އަދި ހދ އަތޮޅުގައި އެމްޓީސީސީއިން ދެމުން އަންނަ ސްޕީޑް ފެރީގެ ހިދުމަތް ފުޅާކޮށްފައި ވަނީ، ހއ. ހޯރަފުށި އަދި އިހަވަންދޫއަށެވެ. އިހަވަންދޫގެ ދަތުރުތައް އިފްތިތާހު ކުރާނީ މިއަދު އެވެ.

މި ފެރީ ދަތުރުތައް ހޯރަފުއްޓަށް އިގްތިތާހު ކޮށްދެއްވީ، އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.

އަލަށް ހިދުމަތް ފެށި ހޯރަފުށި - ކުޅުދުއްފުށީގެ ޓިކެޓް އަގަކީ 250.00 ރުފިޔާ އެވެ. މި ރޫޓުގެ ދެކޮޅު ޓިކެޓުގެ އަގަކީ، 400.00 ރުފިޔާ އެވެ.

ހއ. އަދި ހދ. އަތޮޅުގެ ސްޕީޑް ފެރީގެ ދަތުރުތަށް ފަށާފައިވަނީ މިދިޔަ އޭޕްރިލް 16ގަ އެވެ. އެގޮތުން އެންމެ ފުރަތަމަ ހިދުމަތް ފެށީ، ހއ. ދިއްދޫ، ހދ. ހަނިމާދޫ އަދި ކުޅުދުއްފުއްޓަށެވެ.

މި ދަތުރުތަކުގެ ޓިކެޓު އަގުތަކަކީ؛

  • ދިއްދޫ - ހަނިމާދޫ - ހަނިމާދޫ - ކުޅުދުއްފުށި: 150.00 ރުފިޔާ
  • ދިއްދޫ - ކުޅުދުއްފުށި 200.00 ރުފިޔާ

އެމްޓީސީސީއިން ބުނީ، ގިނަބައެއްގެ އެދުމުގެ މަތިން މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހދ. ނޮޅިވަރަންފަރަށް ވެސް ސްޕީޑް ފެރީ ބާއްވަމުންދާ ކަމަށެވެ.

ހަނިމާދޫ - ނޮޅިވަރަންފަރު، ނޮޅިވަރަންފަރު - ކުޅުދުއްފުށި ޓިކެޓްގެ އަގަކީ 75.00 ރުފިޔާ އެވެ.


ފެރީގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އަދި، އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ބައިވެރިވެ ވަޑައިގަތެވެ.

comment ކޮމެންޓް