ގއ. އަދި ގދ. އަތޮޅު ގައުމީ އިދާރާއާ މަޝްވަރާ ނުކުރާ ކަންކަމުގައި އެއްބާރުލުން ނުދޭނެ ކަމަށް ބުނެފި

ގއ. އަދި ގދ. އަތޮޅު ގައުމީ އިދާރާއާ މަޝްވަރާކުރުމެއް ނެތި އެ އަތޮޅުގެ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ސަރުކާރުގެ އެއްވެސް މުއައްސަސާއަކާ އެކު މުއާމަލާތް ކުރާ އެއްވެސް ކަމެއްގައި އެ އިދާރާގެ އެއްބާރުން އެކައުންސިލްތަކަށް ނުލިބޭނެ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

މަތި ދެކުނު ސަރަހައްދުގެ ގައުމީ އިދާރާ އިން ގދ. އަދި ގއ. އަތޮޅުގެ ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް މިއަދު ފޮނުވާފައިވާ ފެކްސް މެސެޖެއްގައި ބުނެފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިންތިހާބްވެފައިވާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ސަރުކާރުގެ އެއްވެސް މުއައްސަސާއަކާ އެއްވެސް ބާވަތެއްގެ މުއާމަލާތެއް ކުރެވޭނީ އެލޯކަލް ކައުންސިލެއް ހިމެނޭ ސަރަހައްދެއްގެ ގައުމީ އިދާރާ މެދުވެރިކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސަރުކާރުގެ އޮފީސްތަކަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް އެ އެންގުމާ ހިލާފަށް އަތޮޅު ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން މިހާރު ވެސް ސީދާ މިނިސްޓްރީތަކާ މުއާމަލާތް ކުރަމުން އަންނަ ކަން ފާހަގަ ކުރެވޭ ކަމަށް ވެސް އެ މެސެޖްގައި ބުނެފައިވެ އެވެ.
ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީ މުހައްމަދު ޝަރީފް މިއަދު ވިދާޅުވީ ގައުމީ އިދާރާ މެދުވެރިނުކޮށް އަތޮޅު ކައުންސިލްތަކާ ރަށު ކައުންސިލްތަކުން ކުރާ ބައެއް މުއާމަލާތްތަކުގައި އެންމެ ފަހު ވަގުތު ރައްޔިތުންނަށް ޒިންމާވާން ޖެހޭ ފަރާތަކަށް ވަނީ އެއިދާރާ ކަމަށާއި އަދި އެ ނޫން ގޮތަކަށް ކަންތައްތައް ކުރުމުން ތަފާތު ދަތިތަކާ އެއިދާރާ އަށް ކުރިމަތިވަމުން އަންނަ ކަމަށެވެ.

"ކައުންސިލްތަކުން މިނިސްޓްރީއަކަށް ލިޔެގެން އެކަމެއް ގޯސްކޮށްދާ ފަހަރުތަކުގައި ރައްޔިތު މީހާ އެބައެދޭ އެކަމަށް ޖަވާބު ދާރީވާން، ނަމަވެސް އަޅުގަނޑުމެންނަށް ނޭނގޭ ކަންކަމުގައި ޖަވާބުދާރީވާން ދަތިވާނެ،" ޝަރީފް ވިދާޅުވި އެވެ.

ގައުމީ އިދާރާގެ މެސެޖްގައި ވަނީ އަތޮޅު ކައުންސިލްތަކާ ރަށު ކައުންސިލްތަކުން މިނިސްޓްރީތަކާ އެކު ސީދާ ކުރާ މުއާމަލާތް ނުކުރުމަށް އެދިފަ އެވެ. އަދި ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް މިނިސްޓްރީތަކާ އެކު ސީދާ މުއާމަލާތްކުރުމުގެ ސަބަބުން މިނިސްޓްރީތަކުން ޖަވާބު ދާރީ ނުވުމުގެ ޒިންމާ އެއިދާރާ އިން ނުނަގާނެ ކަމަށް ވެސްވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު