އީރާނާ އެކު ހަނގުރާމައެއް ފަށަން އެމެރިކާ ބޭނުމެއް ނޫން

މައިކް ޕޮމްޕެއޯ

ވޮޝިންޓަން (ޖޫން 17) : ގަލްފުގެ ސަރަހައްދުގައި ހިނގަމުންދާ ކަންތައްތަކާއެކުވެސް އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށަން އެމެރިކާ ބޭނުން ނުވާކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.

ފޮކްސް ނިއުޒްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޕޮމްޕެއޯ ވިދާޅުވީ އެމެރިކާއަށް ލިބިފައިވާ ޖާސޫސީ މައުލޫމާތު ތަކަށް ބަލާއިރު ގަލްފުގައި ދަތުރުކުރާ ތެޔޮޓޭންކަރުތަކަށާއި އާގު ބޯޓުތަކަށް މިފަހަކަށް އައިސް ދިން ހަމަލާތަކުގެ ފަހަތުގައިވަނީ އީރާނެވެ. އެފަދަ ހަމަލާތައް ދިނުމުގެ ގާބިލްކަން އީރާން ފިޔަވައި ސަރަހައްދުގެ އެހެން ގައުމެއްގައި ނުހުންނާނެ ކަމަށްވެސް ޕޮމްޕެއޯ ވިދާޅުވި އެވެ.

ޕޮމްޕެއޯ ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އޮމާން ކަނޑު އޮޅީގައި ދަތުރުކުރަމުން ދިޔަ ދެ ތެޔޮ ޓޭންކަރަކަށް އަމާޒުކޮށް ދިން ހަމަލާތަކަކީވެސް އީރާނުގެ ޙަމަލާތަކެއް ކަމުގައެވެ. އަދި މިދިޔަ މޭމަހު ޔޫއޭއީގެ ފުޖައިރާ ބަނދަރު ކައިރިން ދަތުރުކުރި ތެޔޮ ޓޭންކަރުތަކަށްވެސް ހަމަލާދިނީ އީރާނުން ކަން ޖާސޫސީ މައުލޫމާތުތަކުން އެނގޭކަމަށް ޕޮމްޕެއޯ ވިދާޅުވިއެވެ. މިހުރިހާ ކަންތައްތަކާއެކުވެސް އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށަން އެމެރިކާ ބޭނުން ނުވާކަމަށް ޕޮމްޕެއޯ ވިދާޅުވި އެވެ.

ޕޮމްޕެއޯ މިހެން ވިދާޅުވުމުގެ ކުރިން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިންވަނީ އީރާނާއެކު ހަނގުރާމައަކަށް ދިޔުމަކީ އެމެރިކާގެ ސްޓްރެޓީޖިކް މަސްލަހަތަށް ނުރައްކާވާނެ ކަމެއް ކަމަށްބުނެ ބަޔާނެއް ނެރެފަ އެވެ. އަދި މެދުއިރުމަތީގައި އެމެރިކާ ގެ މަސްލަހަތުތައް ހިމާޔަތްކުރުމުގައި އަސްކަރީ ދައުރު އަދާކުރާ އެމެރިކާގެ ސެންޓްރަލް ކޮމާންޑުންވެސްވަނީ އީރާނާއެކު ހަނގުރާމައަކަށް ދިޔުމަކީ އެމެރިކާގެ ސްޓްރެޓީޖިކް މަސްލަހަތު ތަންދޭކަމެއް ނޫންކަމަށް ބުނެފަ އެވެ.

ބުރާސްފަތި ދުވަހު އޮމާން ކަނޑު އޮޅީގައި ދަތުރުކުރަމުން ދިޔަ ދެ ތެޔޮ ޓޭންކަރަކަށް އަމާޒުކޮށް ދިން ހަމަލާތަށް އދ. ގެ ސަލާމަތީ މަޖިލީހުން ކުށްވެރި ކުރިނަމަވެސް ސަލާމަތީ މަޖިލީހުގެ ބަޔާނުގައި އެހަމަލާއާއި އީރާނާ ގުޅުންވާ ކަމަށް ބުނެފައެއް ނުވެއެވެ. އީރާނުންވަނީ އޮމާން ކަނޑު އޮޅީގައި ދަތުރުކުރަމުން ދިޔަ ދެ ތެޔޮ ޓޭންކަރަކަށް ހަމަލާތަކަކީ އެމެރިކާއިން ނޫނީ އިސްރާއީލުން ސިއްރިޔާތުގައި ހިންގި ކަމެއްކަމަށް ތުހުމަތުކޮށްފައެވެ. އަދި އެހަމަލާތަކާއި އީރާނާ ގުޅުންވާކަމުގެ ހެކި ދެއްކުމުގައި އެމެރިކާ ނާކާމިޔާބުވެފައިވާ ކަމަށްވެސް އީރާނުން ބުނެފައިވެ އެވެ.

އެމެރިކާވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެކަހެރި ގޮތެއްގައި ވަކިވެ އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅައި އީރާނަށް ބިރުދެއްކުމަށްޓަކައި ގަލްފުގެ ސަރަހައްދަށް އަސްކަރީ މަނަވަރުތަކާއި ސިފައިން ފޮނުވާފައެވެ. މިއާއެކު އީރާނަށް ހަނގުރާމައިގެ ބިރު ދައްކައި އިންޒާރުތައް ދިނުން ފަދަ ހަރުކަށި އަމަލުތައް އެމެރިކާ ހިންގަމުން ގެންދާތީ މުޅި ސަރަހައްދުގެ މަސްރަހު ހޫނުކުރީ އެމެރިކާކަމަށްވާތީ ގަލްފުގައި މިހާރު ހިނގަމުންދާ ކަންކަމުގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާ ކަމަށް ޗައިނާއާއި ރަޝިޔާފަދަ ގައުމުތަކުން ދެކެއެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު