ބޭސް ރައްކާކުރުމުގެ ނިޒާމެއް ގާއިމު ކުރަނީ

މިނިސްޓަރު އަމީން: ބޭސް ރައްކާކުރުމަށް ނިޒާމެއް ގާއިމު ކުރުމުގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖެއަށް އެތެރެ ކުރާ ބޭސް ރައްކާތެރި ގޮތަކަށް ބެލެހެއްޓުމުގެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަމީން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހުރިހާ ރަށެއްގައި ބޭސް ފިހާރަތައް ގާއިމުކޮށްފައިވާއިރު، ބައެއް ބޭސް ފިހާރަތަކުގައި ހަމައަށް ބޭސް ނުލިބުމަކީ އާންމުންގެ ޝަކުވާއެކެވެ.

މިއަދު ރައީސް އޮފީހުގައި ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ބޭސް ހުސްނުވެ ލިބުމަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި ބޭސް ހުސްނުވެ ލިބުމަށް، ބޭސް ރައްކާތެރިގޮތެއްގައި ބެލެހެއްޓުމަށް "ސެންޓަރަލް މެޑިކަލް ސްޓޯރެއް" ގާއިމު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ސެންޓްރަލް މެޑިކަލް ސްޓޯރެއްގެ ވިސްނުމަކީ ކޮންމެ ތަނަކުން [ރާއްޖެއަށް] ބޭސް އެތެރެ ކުރި ކަމަށް ވިޔަސް، އެސްޓީއޯއިން ސަޕްލައި ކުރިނަމަވެސް [ނުވަތަ] އެހެން ފަރާތަަކުން މި ސަޕްލައި ކުރިނަމަވެސް މި ތަކެތި ރައްކާތެރި ކަމާއެކު ބެހެއްޓޭނެ ނިޒާމެއް ހުރުން. މި ނިޒާމު މެދުވެރިކޮށް އަޅުގަނޑުމެންނަށް ބޭސް ރަށްރަށަށް ފޯރުކޮށް ދެވޭނެ." މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ: ބޭސް ހުސްނުވެ ލިބުމަށް، ބޭސް ރައްކާތެރިގޮތެއްގައި ބެލެހެއްޓުން މުހިންމު ކަމެއް ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަމީން ވިދާޅުވީ، ބޭސް ހުސްނުވެ، ލިބުމަށް ހަލެއް ހޯދުމަށް އެސްޓީއޯއާއެކު ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އެސްޓީއޯގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް ރާއްޖެއަށް ބޭސް އެތެރެ ކުރާ ކަމަށާއި އެކުންފުނިތަކަށް ހުރި ގޮންޖެހުންތައް ބަލަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، ބޭސް އެތެރެ ކުރުމުގެ އުސޫލުތަކަށާއި ބޭސް ދިނުމުގައި ހުރި އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ. ނަމަވެސް އެކަމަށް ހާލަތާއި ވަގުތު ބޭނުން ވާނެ ކަމަށް އަމީން ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"ރާއްޖޭގައި ޒަމާނުއްސުރެން އަމަލު ކުރަމުން އަންނަ މި އުސޫލަށް ބަދަލު ގެނައުމަކީ ވަގުތާއި ވިސްނުން ހޭދަވާނެ ކަމެއް ކަން. އެހެންވީމަ، އަޅުގަނޑުމެން ކުއްލިއަކަށް މި ބަދަލުތަކަށް ފުރޮޅާލުމުގެ ކުރިން މި އުސޫލުތަކަށް ހަރުދަނާ ވާން ޖެހޭނެ ދާއިމީ ގޮތެއްގައި ރައްޔިތުނަށް އޭގެ ފައިދާވާނެ ބަދަލުތަކަށް ވާން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ ހިދުމަތްތައް ޑިޖިޓަލް ނުވުމަކީ ދާއިރާ އަށް އޮތް ގޮންޖެހުމެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން ސިއްހީ ދާއިރާގެ ކަންކަން ޑިޖިޓަލް ކުރުމަށް ސަރުކާރުގެ އެކި އިދާރާތަކާވެސް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސިއްހީ ހިދުމަތް ޑިޖިޓަލް ކުރުމުން މިހާރު ހުރި ގިނަ މައްސަލަތައް ހައްލު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް