ފަނޑިޔާރު ދީދީ މަސައްކަތަށް ނުކުންނަވާތީ މާދަމާ ޖޭއެސްސީއިން ގޮތެއް ނިންމަނީ

ޖުލައި 24، 2018: ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑު ކުރި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަސައްކަތަށް ނުކުންނަވާތީ އެކަމާ ގުޅޭ ގޮތުން ޖޭއެސްސީއިން މާދަމާ ގޮތެއް ނިންމާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީއިން ނިންމީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައެއް ބަލަމުންދާތީ އެވެ. ދީދީ ސަސްޕެންޑު ކުރުމުން އޭނާ ވަނީ އެ ސަސްޕެންޝަން ބާތިލުކުރުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފައެވެ. އަދި ސުޕްރީމް ކޯޓުން ވަނީ އެ ދުސްތޫރީ މައްސަލަ ނިމެންދެން ސަސްޕެންޝަންގެ އެއްވެސް އިޖުރާއަތެއް ކުރިއަށް ނުގެންދިޔުމަށް ވަގުތީ އަމުރެއް ނެރެފައެވެ.

އެ އަމުރު ނެރުމުން ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް ބާއްވައި ސުޕްރީމް ކޯޓުގެ އަމުރު ގަބޫލުނުކުރަން ޖޭއެސްސީއިން އޮތީ ނިންމާފައެވެ. އެފަހުން ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ތަންފީޒު ކުރާނެތޯ ސުވާލު އުފެދިފައި އޮއްވާ މިއަދު އޭނާ ވަނީ މަސައްކަތަށް ނުކުންނަވައިފައެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ މަސައްކަތަށް ނުކުންނެވުމާ ގުޅޭ ގޮތުން ޖޭއެސްސީގެ ސްޓޭންޑަކީ ކޮބާތޯ "ސަން"އިން ސުވާލު ކުރުމުން، އެ ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ، އެކަމާ މެދު އެ ކޮމިޝަނުން އަދި ގޮތެއް ނިންމާނެ ކަމަށެވެ. އަދި މާމަދާ އެ ކޮމިޝަނުގެ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ.

ރައީސް ނަޝީދު ދީދީއާ ދެކޮޅަށް ހުށަހެޅުއްވި މައްސަލަ އަކީ އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގެ ހުޅުވާފައިވާ އެކައުންޓަކަށް، އަބްދުﷲ ދީދީއަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އެ ފައިސާ ޖަމާ ކުރި ކަމަށް ބުނާ ދުވަސްވަރު އަބްދުﷲ ދީދީ ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައެވެ. އޭނާ އަކީ ރައީސް ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ބެލި ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ. އެ އެއް މިލިއަން ޑޮލަރަކީ އެ ހުކުމާ ގުޅިގެން ނެންގެވި ރިޝްވަތެއް ކަމަށް އޭނާގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައެވެ.

comment ކޮމެންޓް