ސުޕްރީމް ކޯޓަށް ޖޭއެސްސީގެ މަސައްކަތާ ނުބެހެވޭނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ފޮޓ/ މަޖިލީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ނިންމުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރަކީ އިހްތިސޯސުން ބޭރުން ކުރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީއިން ނިންމުމުން އޭނާ ވަނީ އެ ސަސްޕެންޝަން ބާތިލުކުރުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފައެވެ. އަދި ސުޕްރީމް ކޯޓުން ވަނީ އެ ދުސްތޫރީ މައްސަލަ ނިމެންދެން ސަސްޕެންޝަންގެ އެއްވެސް އިޖުރާއަތެއް ކުރިއަށް ނުގެންދިޔުމަށް ވަގުތީ އަމުރެއް ނެރެފައެވެ. އެ އަމުރު ނެރުމުން ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް ބާއްވައި ސުޕްރީމް ކޯޓުގެ އަމުރު ގަބޫލުނުކުރަން ޖޭއެސްސީއިން އޮތީ ނިންމާފައެވެ.

އެކަމާ ގުޅިގެން މިއަދު ލަންކާގައި ނޫސްވެރިއަކު ކުރި ސުވާލަކަަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ގާނޫނީ ކަންކަމުގައި އެންމެ ފަހު ބަސް އިއްވުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ނަމަވެސް، އެ ބާރު ބޭނުން ކުރަން ވާނީ ގާނޫނުގައި ބުނާ ގޮތަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ޖޭއެސްސީގެ މަސައްކަތެއްގެ ފަހު ބަސް އެ މަސައްކަތް ހިނގަ ހިނގާ ވަނިކޮށް، އިއްވުމަކީ އިހްތިސޯސުން ބޭރުން ކުރި ކަމެއް ކަމަށް ވިދާޅުވިއެވެ.

"ޖުޑިޝަލް ސާވިސަސް ކޮމިޝަނާ ހަވާލު ކުރެވިފައިވާ މަސައްކަތެއްގެ ފަހު ބަސް އެ މަސައްކަތް ހިނގަ ހިނގާ ވަނިކޮށް، އެހެން އަދި އެއްވެސް ބައެއް އެ ބައެއްގެ އިހުތިސޯސުން ނެއްޓި އެހެން ބައެއްގެ މަސައްކަތްތަކުގެ ތެރެއަށް ވަދެވަޑައިގެންނެވީމާ އެއީއަކީއެއް އަޅުގަނޑު ދެކޭ ގޮތުގައި މުޅިއަކުން ގާނޫނީ ހަމަތަކުގެ މަތިން ކުރެވޭ ކަންކަމެއް ނޫން. އަޅުގަނޑު ހިތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަންކަމަށް ވިސްނަވާނެ،" ނަޝީދު ވިދާޅުވިއެވެ.

އެކަމަކު، ސުޕްރީމް ކޯޓުގެ ބާރު ހަނިކުރަން ގާނޫނު އަސާސީއަށް އިސްލާހު ގެނަން ޖެހޭކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް މިއަދު ނަޝީދު ވިދާޅުވިއެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ ޖޭއެސްސީއަށް ހުރަސް އެޅުމަށް ސުޕްރީމް ކޯޓުން މަސައްކަތްކުރާ ކަމަށް ވިދާޅުވެ، އެކަން ހުއްޓުވައިދިނުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އެދިވަޑައިގެންފައެވެ. އަދި ސުޕްރީމް ކޯޓުގެ ބައެއް ބާރުތައް ހަނިކުރުމަށް ވެސް ރިފްއަތު އެދިވަޑައިގެންނެވިއެވެ.

comment ކޮމެންޓް