އިންކަމް ޓެކުހުގެ ބިލް މި މަސްތެރޭ މަޖިލީހަށް ހުށަހަޅާނަން: މިނިސްޓަރު

މީރާ އިން ބަޔަކު ހިދުމަތް ހޯދަނީ -- ސަން ފޮޓޯ/ އަލީ ނަސީރު

އިންކަމް ޓެކުހުގެ ބިލް އެކުލަވާލުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، އެ ބިލް ފާސް ކުރުމަށް މި މަސް ނިމޭއިރު މަޖިލީހަށް ފޮނުވާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު އަމީރު ވިދާޅުވީ އިންކަމް ޓެކުހުގެ ބިލް މަޖިލީހަށް ފޮނުވުމުގެ ކުރިން ކަމާ ގުޅޭ ފަރާތްތަކާއި މުއައްސަސާތަކާ އެކު މަޝްވަރާ ކުރުމުގެ ސްޓޭޖް މިހާރު ކުރިއަށް ދާ ކަމަށެވެ. އަދި މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެ މަޝްވަރާތަކަށް ފަހު، ބިލަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ބިލްގެ މަސައްކަތް އެއްކޮށް ނިމިފަވަނީ، ސްޓޭކް ހޯލްޑަރުންނާ އެކު މަޝްވަރާތައް މިހާރު ކުރިއަށް ދަނީ. މިމަސް ނިމޭ އިރު މަޖުލީހަށް ފޮނުވޭ ވަރު ވާނެ،" މިނިސްޓަރ ވިދާޅުވި އެވެ.

އިންކަމް ޓެކްސް ތައާރަފްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއްގެ އިތުރުން، އެމްޑީޕީގެ "މަޖިލިސް 19" ކެމްޕޭންގެ ވައުދެކެވެ.

އެޖެންޑާ 19ގައި އިންކަމް ޓެކްސް:

- މަހަކު 60،000 - 100،000 އާމްދަނީ: 3.5 ޕަސެންޓް

- މަހަކު 100،000 - 150،000 އާމްދަނީ: 6.5 ޕަސެންޓް

މިނިސްޓަރު ވިދާޅުވީ ފާއިތުވެ ދިޔަ ހަ މަސްދުވަހުގެ ތެރޭގައި މާލީ ގޮތުން ގިނަ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ބަޖެޓް ތަންފީޒު ކުރުމުގައި އެއްވެސް ދަތިތަކަމެއް ނެތެވެ. އަދި ބަޖެޓްގައި ހުރި ހުރިހާ މަޝްރޫއުތަކެއް ވެސް މިއަހަރު ފަށާނެ ކަމަށާއި މަޝްރޫއުތައް ހިންގުމުގެ އަގު މި ސަރުކާރުގައި ކުޑަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މާލީ ގޮތުން ހޯދުނު ކުރިއެރުންތަކުގެ ނަތީޖާއެއްގެ ގޮތުން ގައުމީ އުފެއްދުންތެރިކަމުގެ ދުވެލި މިއަހަރު 6.5 ޕަސެންޓް މަތީގައި ހިފެހެއްޓޭނެކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

comment ކޮމެންޓް