ޕޭމަންޓް ސިސްޓަމް ފޯރުކޮށްދިނުމަށް 25 ފަރާތަކުން ޕްރެޒެންޓޭޝަން ހުށަހަޅައިފި

އެމްއެމްއޭ--

ރާއްޖޭގެ ޕޭމަންޓް ސިސްޓަމް ގާއިމުކުރުމަށްޓަކައި އެމްއެމްއޭގެ ފަރާތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ސިސްޓަމް ފޯރުކޮށްދިނުމަށް 36 ފަރާތުން ރެޖިސްޓްރީކޮށް، 25 ފަރާތުން ޕްރެޒެންޓޭޝަން ހުށަހަޅާފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ވަނީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމަށް ބޭނުންވާ ސިސްޓަމްތައް ގަތުމަށް އިއުލާނުކޮށްފައެވެ. ސިސްޓަމްތައް ވިއްކުމަށް ހުށަހެޅޭނީ އެ އިއުލާނާއެކު މި އަހަރުުގެ ޖެނުއަރީމަހުގެ ނިޔަލަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

އެމްއެމްއޭ އިން ބުނީ ޕޭމަންޓް ސިސްޓަމް ވިއްކުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި މީއެފަދަ ސިސްޓަމްތައް ގާއިމުކުރުމުގެ އީޖާދީ އަދި ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުނިތައް ހިމެނޭ ކަމަށެވެ.

އޭގެ ތެރޭގައި ލެޓްވިއާ، ފިންލޭންޑް، ސްވިޑަން، ކެނެޑާ، އިންޑިއާ، އެމެރިކާ، އިނގިރޭސިވިލާތް، އިޓަލީ، ނިއުޒިލޭންޑް އަދި ސިންގަޕޫރު ފަދަ ގައުމުތައް ހިމެނެއެވެ.

މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ފައިސާގެ މުއާމަލާތްތައް ކުރާ ފަރާތްތަކަށް، ލުއި ފަސޭހަ، އަވަސް، ރައްކާތެރި އަދި ހަރަދުކުޑަގޮތެއްގައި ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ. މިގޮތުން، އަމިއްލަފަރުދުންނާއި ވިޔަފާރިތައް އަދި ސަރުކާރުގެ ފައިސާގެ މުއާމަލާތްތައް 'ރިއަލް-ޓައިމް' ކޮށް ކުރުމުގެ މަގު ފަހިވާނެއެވެ.

comment ކޮމެންޓް