އިންޑިއާ މެޑިކަލް އެކްސްޕޯ ފަށައިފި

އިންޑިއާ މެޑިކަލް އެކްސްޕޯ 2019 ފެށުން -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

މެޑްހޮޕް އިންޑިއާ އާއި އަސަރީ ސާވިސަސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން ބާއްވާ "އިންޑިއާ މެޑިކަލް އެކްސްޕޯ 2019" ދަރުބާރުގޭގައި ފަށައިފިއެވެ. އެކްސްޕޯ ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަަމީންއެވެ.

މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކުރިއަށްގެންދާ މި އެކްސްޕޯ އަކީ ސިއްހީ ދާއިރާއިން އިންޑިއާގައި ލިބެންހުރި ހިދުމަތްތައް ރާއްޖެއަށް ތައާރަފުކޮށް ރާއްޖޭގައި ސިއްހީ ހިދުމަތްދޭ ތަންތަނާ ގުޅިގެން ރާއްޖޭގައި އެ ހިދުމަތްތައް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުމަށް މަގުފަހި ކުރުމަށް ބާއްވާ އެކްސްޕޯ އެކެވެ.

އިންޑިއާ މެޑިކަލް އެކްސްޕޯ 2019 ފެށުން -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

މި އެކްސްޕޯގެ މައިގަނޑު އެއް އަމާޒަކީ ރާއްޖޭގެ ކްލިނިކުތަކާއި ހޮސްޕިޓަލުތަކުގައި މި ހިދުމަތްތައް ދޭން ބޭނުންވާ ފަރާތްތަކަށް އިންޑިއާގެ ހޮސްޕިޓަލު ތަކާއި ގުޅިގެން ހިދުމަތް ދިނުމަށް މަޝްވަރާ ކުރުމަށް ޕްލެޓްފޯމެއް ފަހިކޮށްދީ އެ ފުރުސަތު ހޯދައިދިނުމެވެ. ވިޔަފާރިތަކުގެ އިތުރުން ބަލިމީހުންނަށްވެސް މި އެކްސްޕޯގެ ތެރެއިން ޑޮކްޓަރުންނާ ބައްދލުވެ ވާހަކަ ދެއްކުމުގެ ފުރުސަތު އޮންނާނެއެވެ.

"މި އެކްސްޕޯގައި އެބަ އުޅުއްވާ 20 ސްޕެޝަލިސްޓު ޑޮކްޓަރުން. އެއްވެސް ފީ އަކާ ނުލާ މިތަނަށް ވަޑައިގެން ޑޮކްޓަރުންނާ ވާހަކަ ދައްކާލުމުގެ ފުރުސަތު އޮންނާނެ،" އެކްސްޕޯ އިންތިޒާމު ކުރާ ފަރާތުން ބުންޏެވެ.

އިންޑިއާ މެޑިކަލް އެކްސްޕޯ 2019 ފެށުން -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

"ކިޔަވާ ކުދިންނަށް ވެސް ފުރުސަތުތަކެއް އޮންނާނެ. މާދަމާ އާއި އަނެއްދުވަހު އޮންނާނެ މައުލޫމާތު ސެޝަންތަކެއް. ރާއްޖެއިން ފަރުވާ ލިބެން ނުހުންނަ ބަލިތައް މިސާލަކަށް އައިވީއެފް ފަދަ ކަންތައް. އިންޑިއާ އަކީ ސިއްހީ ދާއިރާ އިން ކުރި އަރާފައިވާ ގައުމެއް. އެކި ބަލިތަކާ ގުޅޭ 10 ސެމިނާ މި އެކްސްޕޯގެ ތެރެއިން އޮންނާނެ،"

މި އެކްސްޕޯގައި ބައިވެރިވަނީ އިންޑިއާގެ ކުރިއަރާފައިވާ ހޮސްޕިޓަލުތަކުންނެވެ. އެކްސްޕޯ ހުޅުވިފައި ހުންނާނީ މިއަދު ހަތަރަކުން މިރޭ 10 އަށް، މާދަމާ އަދި ހޮނިހިރު ދުވަހުގެ ދޭކުން ރޭގަނޑު 10 އަށެވެ.

comment ކޮމެންޓް